ޚަބަރު

ފަނޑިޔާރުންނަށް ލިބޭ ޤާނޫނީ ބާރުގެ ނާޖާއިޒު ފައިދާ ނަގައިގެން ނުވާނެ: އުއްތަމަ ފަނޑިޔާރު


  • ފަނޑިޔާރުންގެ އަޙްލާޤީ މިންގަނޑު ވަކި ހަމަތަކެއްގައި ހިފަހައްޓަންޖެހޭ

  • ފަނޑިޔާރުން ރަޢުޔު ތަފާތުވިޔަސް އިސްކަން ދޭން ޖެހޭނީ ހައްލު ހޯދުމަށް

ފަނޑިޔާރުންނަށް ޤާނޫނީ ގޮތުން ލިބޭ ބާރުވެރިކަމަކީ ޝަރީއަތްކުރުމަށް އޮންނަ ބާރެއްކަމަށާއި، އެހެން ބައެއްގެ މައްޗަށް ބާރުވެރިކަން ހިންގުމަށް ލިބޭ ފުރުސަތެއް ނޫންކަމަށް އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރި އަލްއުސްތާޛް އިިބްރާހިމް މާހިރު ހުވާކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛް އިިބްރާހިމް މާހިރު ހުވާކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދު ވަނީ ހައިކޯޓުގެ ފަނޑިޔާރުކަމުގެ ހުވާ އަލަށް ކުރެއްވި ފަނޑިޔާރު މާހިރަށް މަރުހަބާ ދަންނަވާފައެވެ. އަދި ފަނޑިޔާރު މާހިރު މީގެ ކުރިން މަދަނީ ކޯޓު އަދި ފެމިލީ ކޯޓުގައި ކޮށްދެއްވި މަސައްކަތް ފާހަގަކޮށް އެކަމަށް ޝުކުރު އަދާކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި އުއްތަމަ ފަނޑިޔާރު ވަނީ ފަނޑިޔާރުންގެ އަޙްލާޤީ މިންގަނޑު ބައްޓަން ކުރަންޖެހޭ ގޮތާއި މަސައްކަތުގެ މާހައުލުގައި އަހްލާޤު ގެންގުޅުއްވަން ޖެހޭ ގޮތުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އުއްތަމަ ފަނޑިޔާރު ވިދާޅުވީ، ކޯޓުގެ މާހައުލަކީ އެތަނަށް ޚިދުމަތް ހޯދަން އަންނަ ކޮންމެ ފަރާތްތަކަށް އެންމެ މަތީ ފެންވަރުގައި ޚިދުމަތް ދޭން ޖެހޭ ތަންތަން ކަމަށެވެ. އަދިފަނޑިޔާރަކަށް ވުމުން ލިބިދޭ ޤާނޫނީ ބާރަކީ އެއްވެސް މީހެއްގެ މައްޗަށް ބާރު ހިންގުމަށް ލިބޭ ބާރެއް ނޫން ކަމަށާއި، އަދި އެފަދަ ކަންކަމުން ދުރުހެލި ވުމަށް ނަސޭހަތްތެރިވެވަޑައިގަންނަވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ހަޤީޤަތުގައި ފަނޑިޔާރަކަށް ވުމަކީ ކޯޓުގެ އިސް އޮފިޝަލަކަށް ވުމަކީ އެހެން ބައެއް މައްޗަށް ބާރުވެރިކަމެއް ލިބުމެއް ނޫން. ފަނޑިޔާރުންނަށް ލިބޭ ބާރުވެރިކަމަކީ އެމީހުންނަށް ޤާނޫނުތަކުން ހުކުމް ކުރުމަށް ލިބޭ ޤާނޫނީ ބާރުތައް. އޭގެ ބޭރުން ކޯޓުގެ މާހައުލުގައި އެއްވެސް ކަމެއް ކުރެވިގެން ނުވާނެ" އުއްތަމަ ފަނޑިޔާރު އަބްދުޢަނީ މުޙައްމަދު ވިދާޅުވިއެވެ.

އުއްތަމަ ފަންޑިޔާރު ވަނީ މަސައްކަތުގެ މާހައުލުގައި ފަނޑިޔާރުންގެ މެދުގައި ޚިޔާލު ތަފާތުވުންތައް އުފެދުމަކީ މައްސަލައެއް ނޫންކަން ފާހަގަކުރައްވާފައެވެ. އަދި އެފަދަ ހާލަތްތަކުގައިވެސް ހައްލު ހޯދުމަށް އިސްކަން ދެއްވުމަށް އުއްތަމަ ފަނޑިޔާރު އިލްތިމާސްކުރެއްވިއެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވީ ފަނޑިޔާރުން ވަކި ސުލީކީ މިންގަނޑެއް ހިފަހައްޓަންޖެހޭކަމަށާއި، ފަނޑިޔާރުންނަކީ ރިވެތި އަޙްލާގެއްގެ ބަޔަކަށް ވުމަށް އެދިވަޑައިގަންވާކަމަށްވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ. އަދި މިކަން ކުރެވޭނީ ކޮންމެ ފަނޑިޔާރެއްވެސް ވަކި ހަމަތަކެއް ހިފަހައްޓައިގެން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިއަދު ބޭއްވި ރަސްމިއްޔާތުގައި ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް އައްޔަންކުރި އިބްރާހީމް މާހިރަށް ހުވާ ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ހަމީދެވެ. މި ރަސްމީއްޔާތުގައި ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ އަލްއުސްތާޛް އަމްޖަދު މުސްޠަފާވެސް ބައިވެރިވެވަޑައިގެންފައެވެ.