ޚަބަރު

ދައުލަތުގެ ބަޖެޓުން މީޑިއާތަކަށް ދޭ މާލީ އެހީއަށް އެދުމުގެ މުއްދަތު އިތުރުކޮށްފި


  • ފުރަތަމަ ފުރުޞަތު ހުޅުވާލީ މިމަހުގެ 27ގެ ނިޔަލަށް

  • މިމުއްދަތުވަނީ އަންނަ މަހުގެ 7 ވަނަ ދުވަހާއި ހަމައަށް އިތުރުކޮށްފައި

ރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ އަމިއްލަ ނޫސް މަޖައްލާތަކާއި ބްރޯޑްކާސްޓް ލައިސަންސް ލިބިފައިވާ އަމިއްލަ ބްރޯޑްކާސްޓަރުންނަށް، ދައުލަތުގެ ބަޖެޓުން ދޭ މާލީ އެހީތެރިކަމަށް އެދުމަށް ހުޅުވާލި ފުރުސަތުގެ މުއްދަތު އިތުރުކޮށްދީފިއެވެ.

"މީޑިއާތަކަށް މާލީ އެހީތެރިކަން ދިނުމާ ބެހޭ އުޞޫލު" އާންމުކޮށްފައިވަނީ އޮގަސްޓްމަހުގެ 19 ވަނަ ދުވަހުއެވެ.

ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ އަމިއްލަ ނޫސް މަޖައްލާތަކާއި ބްރޯޑްކާސްޓް ލައިސަންސް ލިބިފައިވާ އަމިއްލަ ބްރޯޑްކާސްޓަރުންނަށް، ދައުލަތުގެ ބަޖެޓުން ދޭ މާލީ އެހީތެރިކަމަށް އެދުމުގެ ފުރުޞަތު ޒުވާނުން ބާރުވެރިކުރުމާއި މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން ފުރަތަމަ ހުޅުވާލީ، މިމަހުގެ 27 ގެ ނިޔަލަށެވެ. ނަމަވެސް އިތުރު މީޑިއާތަކަށް ފުރުސަތު ދިނުމުގެ ގޮތުން މިހާރުވަނީ މިމުއްދަތު އަންނަ މަހުގެ 7 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައެވެ. އެހީއަށް އެދި ހުށަހެޅޭނީ މިކަމަށްޓަކައި ތައްޔާރުކޮށްފައިވާ އޮންލައިން ޕޯޓަލް mediaapp.one.gov.mv މެދުވެރިކޮށްކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.

އަމިއްލަ ކޮންމެ މީޑިއާއަކަށް ވެސް ކުރިމަތި ލެވޭނެ މިންގަނޑުތައް ބަޔާން ކުރާ "މީޑިއާތަކަށް މާލީ އެހީތެރިކަން ދިނުމާ ބެހޭ އުޞޫލު"ގެ ދަށުން ފައިސާ ދޫކުރާނީ 3 ޕޭމަންޓަކަށް ބަހާލައިގެންނެވެ. އެހެންނަމަވެސް މިއަހަރު 1 ޕޭމަންޓުގެ ގޮތުގައި ފައިސާ ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ.

މި އުޞޫލުގެ ދަށުން މާލީ އެހީތެރިކަން ލިބުމަށް ފުރިހަމަ ވާންޖެހޭ އެންމެ މުހިންމު އެއް އަސާސަކީ، އެ މީޑިއާއަކީ ރަޖިސްޓްރީ ކޮށްގެން ހިންގާ މީޑިއާއެއް ކަމަށް ވުމާއި، އަދި ބްރޯޑްކާސްޓް މީޑިއާއެއް ނަމަ ލައިސަންސް އޮވެގެން ހިންގާ މީޑިއާއަކަށް ވުމެވެ.

މެދުނުކެނޑި ޚިދުމަތް ދޭތާ 3 އަހަރު ވެފައިވާނަމަ ކޮންމެ މީޑިއާއަކަށް ވެސް ކުރިމަތިލުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ. މިގްރާންޓަށް ކުރިމަތިލުމަށްޓަކައި ފުރިހަމަވާން ޖެހޭ ޝަރުތުތަކުގެ ތެރޭގައި އާންމުންނަށް އެ މީޑިއާއަކާ މުޢާމަލާތު ކުރެވޭނެ ގޮތެއް އޮތުމާއި، މީޑިއާގެ ކޯޑް އޮފް އެތިކްސް އާއި ކޮންޑަކްޓް ޝާއިއުކޮށްފައި އޮތުމާއި، ޓެކްހާ ގުޅޭ ގޮތުން އަދާ ކުރަންޖެހޭ ޒިންމާތައް އަދާކުރަމުން ދިޔުމާއި، ޕެންޝަން ސްކީމަށް ފައިސާ ދައްކަމުން ދިޔުމުގެ އިތުރުން އެ މީޑިއާއެއްގެ މުވައްޒަފުންގެ މުސާރައާ ގުޅޭ މުޢާމަލާތްތައް ހިންގަމުން ދަނީ ބޭންކެއް މެދުވެރިކޮށް ކަމުގައިވުން ހިމެނެއެވެ.

މީގެއިތުރުން އެ މީޑިއާއެއްގެ މަސްއޫލު ފަރާތަކީ އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތް ފަރާތެއްނަމަ އެދަރަނި އަދާކުރަމުންދާ ފަރާތްތަކަށް ވާންޖެހޭކަމަށްވެސް އުޞޫލުގައި ބަޔާންކޮށްފައިވެއެވެ. މި އުޞޫލުގައި ފާހަގަކޮށްފައިވާ ގޮތުން، ބްރޯޑްކާސްޓް މީޑިއާ އަދި ޕްރިންޓާއި އޮންލައިން މީޑިއާ ނުވަތަ ނޫސް މަޖައްލާފަދަ ތަކެތީގެ ޤާނޫނުގެ ދަށުން ހިންގާ މީޑިއާ ހިމެނޭހެން، އެއް މީޑިއާއަށް ވުރެ ގިނަ މީޑިއާ ހިންގާނަމަ، ކޮންމެ ބާވަތަކުން 1 މީޑިއާއަށް ޕްރޮޕޯޒަލް ހުށަހެޅޭނެއެވެ.

މި އުޞޫލުގެ ދަށުން މާލީ އެހީތެރިކަން ހޯދުމަށް ހުށަހަޅާ ޕްރޮޕޯޒަލް އަށް މަދުވެގެން 60 ޕޮއިންޓް ހަމަވާން ޖެހޭ އިރު، ޕޮއިންޓް ލިބޭނެ ދާއިރާތަކާއި ކަންކަން އަދި ލިބޭނެ ޕޮއިންޓްގެ މިންވަރު ވެސް އުޞޫލުގައި ބަޔާން ކޮށްފައިވެއެވެ. އަދި ބަޖެޓުން ކަނޑައަޅާ 27.9 މިލިޔަން ރުފިޔާ ބެހިގެންދާ ގޮތުގެ ފޯމިއުލާ ވެސް ބުނެދީފައިވެއެވެ.

މިއީ ދައުލަތުގެ ބަޖެޓުން އަމިއްލަ މީޑިއާތަކަށް މާލީ އެހީތެރިކަން ދޫކުރާ ފުރަތަމަ އަހަރަށް ވާއިރު ދައުލަތުގެ ބަޖެޓުގައި ހިމަނައިގެން ކޮންމެ އަހަރަކު މާލީ އެހީތެރިކަން ފޯރުކޮށް ދިނުމަކީ ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅެކެވެ.

މިފަދަ އެހީއެއް ދިނުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ އަމިއްލަ މީޑިއާތަކަކީ މާލީ ގޮތުން ފުދުންތެރި އަދި ނުފޫޒުން އެއްކިބާވެފައިވާ މިނިވަން މީޑިއާއެއްގެ ގޮތުގައި ހިންގުމަށް އެހީތެރިވެ ދިނުމެވެ. އަދި އުފެއްދުންތެރި ކޮންޓެންޓް ނުވަތަ ރިޕޯޓާއި ޚަބަރު ފަތުރައި، ނޫސްވެރިކަމުގެ ދާއިރާއަކީ ޒިންމާދާރު ކަމާއި އިތުބާރާއެކު ވަޒީފާގެ ފުރުޞަތުތައް ވެސް ފަހިވެގެންދާނެ ދާއިރާއަކަށް ނުވަތަ އިންޑަސްޓްރީއަކަށް ހެދުމަކީ ވެސް މިފަދަ އެހީއެއް ފޯރުކޮށްދިނުމުގެ މަޤުސަދެކެވެ.