ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓު، ވީއައިއޭގެ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނެސްފިއެވެ.
މޯލްޑިވްސް އެއަރޕޯޓްސް ކޮންޕެނީ ލިމިޓެޑް، އެމްއޭސީއެލްއިން ވިދާޅުވީ މާދަމާއިން ފެށިގެން ޓްރެފިކް ފްލޯއަށް ބައެއް ބަދަލުތައް ގެނައުމަށް ނިންމަވާފައިވާ ކަމަށެވެ. މި ބަދަލާއެކު ހުރިހާ އުޅަނދެއް އެއަރޕޯޓަށް ވަންނާނީ އެއަރޕޯޓުގެ އެންމެ ބޭރު މަގުންކަމަށް އެމްއޭސީއެލްއިން ވިދާޅުވިއެވެ. އަދި އެއަރޕޯޓަށް މީހުން ގޮވައިގެން އަންނަ އުޅަނދުތައް ބޭނުންކުރާނީ ޓެކްސީތައް މަޑުކޮށްގެން އޮންނަ ސަރަހައްދުގެ ކުރިމައްޗަށް އޮންނަ މަގުގެ ވާތްފަޅިކަމަށް އެމްއޭސީއެލްއިން ވިދާޅުވިއެވެ.
Announcement 📢
— Maldives Airports Company Ltd (@MACLmedia) September 24, 2025
Changes to Velana International Airport traffic flow. pic.twitter.com/pJ3IpYyUft
އެމްއޭސީއެލްއިން ވިދާޅުވީ އެއަރޕޯޓުގެ ޓަރމިނަލް 1 އަދިި ޓަރމިނަލް ދެއަކަށް މީހުން ގޮވައިގެން އަންނަ ވެހިކަލްތައް އެއަރޕޯޓުން ނުކުންނާނީ ޓަރމިނަލް 1ގެ ކުރިމަތީގައި އޮންނަ މަގުން ކަމަށެވެ. ޓަރމިނަލް އެކަކީ ދާދިފަހުން ހުޅުވި އައު ޓަރމިނަލެވެ.
މީގެ އިތުރުން ބޭރު މަގުން އަންނަ އުޅަނދުތަކުގެ ތެރެއިން އެއަރޕޯޓުން ނުކުންނަށް ބޭނުންވާ ވެހިކަލްތައް ބޭނުންކުރާނީ ޕާކިން ސަރަހައްދުގެ ކުރިމައްޗަށް އޮންނަ މަގުގެ ކަނާތްފަޅިކަމަށް އެމްއޭސީއެލްއިން ވިދާޅުވިއެވެ.
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ އައު ޓަރމިނަލް ހުޅުވުމާ ގުޅިގެން އެއަރޕޯޓްގެ ޓްރެފިކް ފްލޯއަށް އެކި ފަހަރު މަތިން އަންނަނީ ބަދަލުތައް ގެންނަމުންނެވެ.