މިމަހުގެ 16ވަނަ ދުވަހު ރައްޔިތުންގެ މަޖިލިސް ކައިރީގައި ކުރި މުޒާހަރާގައި ފުލުހުން އަމަލުކުރި ގޮތް ބެލުމަށް ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނުން ނިންމައިފިއެވެ.
ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނުން ނެރުނު ބަޔާނެއްގައި ވިދާޅުވީ މިމަހުގެ 16ވަނަ ދުވަހު ކުރިއަށްދިޔަ އިހްތިޖާޖު ރޫޅާލުމުގައި ފުލުހުން ހަލާތާ ނުބައްދަލު ބާރުގެ ބޭނުންކޮށްފައިވާ ކަމަށާއި ޤާނޫނާއި ގަވާއިދާ ޚިލާފަށް ފުލުހުން އަމަލުކޮށްފައިވާ ކަމަށް ބުނެ، މީސްމީޑިއާގައި ފުލުހުންގެ މައްޗަށް ތުހުމަތު ކުރަމުންދާ ކަމަށެވެ. އެހެންވެ ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަންގެ ގާނޫނުގެ 37 ވަނަ މާއްދާގެ ދަށުން އެ މައްސަލަ ބަލަން ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ.
ގާނޫނު ތަންފީޒުކުރާ އިދާރާ ނުވަތަ ގާނޫނު ތަންފީޒުކުރާ އިދާރާގެ މުވައްޒަފެއްގެ މައްސަލައަކާ ގުޅޭ މައުލޫމާތު ކޮމިޝަނަށް ލިބިއްޖެ ހާލަތުގައި އެ މައްސަލަ ބެލުމަކީ އާންމުވެގެންވާ މަސްލަހަތެއް އޮތް ކަމެއްނަމަ ކޮމިޝަންގެ އަމިއްލަ އިސްނެގުމަށް އެ މައްސަލައެއް ތަހުގީގުކުރުމުގެ ބާރު ކޮމިޝަނަށް ލިބިގެންވާ ކަމަށް އެ ކޮމިޝަންގެ ޤާނޫނުގައި ވަނީ ބަޔާންކޮށްފައެވެ.
މިމަހުގެ 16 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ އިދާރާ ކައިރީގައި ކުރިއަށްދިޔަ މުޒާހަރާ ކޮންޓްރޯލްކުރުމުގައި ފުލުހުން އަމަލުކޮށްފައިވާ ގޮތުގެ ރިވިއުއެއް ހަދަމުންދާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުންވެސް ވަނީ ވިދާޅުވެފައެވެ. އެގޮތުން އެ ދުވަހު ހެނދުނުން ފެށިގެން، ރައްޔިތުންގެ މަޖިލީހުގެ އިދާރާ ސަރަހައްދުގައި މުޒާހަރާކުރާ ފަރާތްތައް ހަރަކާތްތެރިވާން ފެށުމާއެކު، އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއި، އެ ސަރަހައްދުގެ ޓްރެފިކް ބެލެހެއްޓުމާއި، އަމަން އަމާންކަން ދެމެހެއްޓުމަށް އޮފިސަރުން އެ ސަރަހައްދަށް ޑިޕްލޮއިކުރި ކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި ދާޚިލީ ވުޒާރާއިން ކަނޑައަޅާ ތަންތަން ފިޔަވައި އެހެން ތަނެއްގައި މުޒާހަރާ ކުރެވޭނީ ހުއްދަ ނަގައިގެން ކަމަށްވާއިރު މަޖިލިސް ކައިރީގައި މުޒާހަރާ ކުރީ އެ ހުއްދަ ނެތި ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ މުޒާހަރާކުރި ސަރަހައްދަކީ އެއްވުން މަނާ އަދި ސްކޫލްތައްވެސް ހިމެނޭ ސަރަހައްދަކަށްވުމުން އެ އެއްވުމަކީ ޤާނޫނާ ޚިލާފު އެއްވުމެއް ކަމަށެވެ. އެހެންވެ، ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވެފައިވަނީ، ގާނޫނާ ޚިލާފު އެއްވުމެއް ހުއްޓުވުމަށާއި އާންމު ރައްޔިތުންނާއި މަޖިލިސް މެންބަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގާނޫނީ ވާޖިބު އަދާކުރުމަށްކަމަށް ފުލުހުން ވިދާޅުވިއެވެ.
މުޒާހަރާ ރޫޅާލުމަށް ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި، ބާރުގެ ބޭނުން ކުރުމުގައި ޕްރޮފެޝަނަލް މިންގަނޑުތައް ހިފެހެއްޓުމާއެކު އެއްވުން ކޮންޓްރޯލް ކުރުމުގައި އާންމުކޮށް ބޭނުންކުރެވޭ ކަރުނަ ގޭހާއި ޕެޕަރ ސްޕްރޭ އަދި ބެޓަންފަދަ ތަކެތި ބޭނުންކޮށްފައި ނުވާނެކަމަށްވެސް ފުލުހުން ވިދާޅުވިއެވެ. އަދި ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަރޑްސް ކޮމާންޑުން އެ މައްސަލަ ރިވިއު ކުރުމަށްފަހު ފުލުހުން އަމަލުކުރަންޖެހޭ އެއްވެސް އުސޫލަކާ ޚިލާފު އަމަލެއް ފާހަގަކުރެވިއްޖެނަމަ، ފިޔަވަޅު އަޅުއްވާނެ ކަމަށްވެސް ފުލުހުންގެ ޚިދުމަތުން ވިދާޅުވިއެވެ.