ޚަބަރު

ތ.ކަނޑޫދޫ ކައުންސިލް އިދާރާގެ އައު އިމާރާތުގެ ބިންގާ އަޅައިފި


  • ބިންގާ އަޅުއްވައިދެއްވީ ވަޒީރު އާދަމް ޝަރީފު ޢުމަރު

  • މި މަޝްރޫއު ހަވާލު ކޮށްފައިވަނީ އާރުސީސީއާ

ތ.ކަނޑޫދޫ ކައުންސިލް އިދާރާގެ އައު އިމާރާތުގެ ބިންގާ އަޅައިފިއެވެ.

ތ.ކަނޑޫދޫ ކައުންސިލް އިދާރާގެ އައު އިމާރާތުގެ ބިންގާ އެޅީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

ކަނޑޫދޫގައި އިމާރާތްކުރާ ކައުންސިލް އިދާރާގެ ބިންގާ އެޅުމަށް އެރަށުގައި ވަނީ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންނެވިއެވެ.

މިރަސްމިއްޔާތުގައި ކަނޑޫދޫ ކައުންސިލް އިދާރާގެ ބިންގާ އަޅުއްވައިދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރެވެ.

މިމަސައްކަތް ކުރިއަށްގެންދަނީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަންސް، އާރުސީސީއާއި ހަވާލުކޮށްގެންނެވެ.

ކަނޑޫދޫ ކައުންސިލް އިދާރާގެ އައު އިމާރާތުގެ މަސައްކަތަކީ، ބާވެ ވީރާނާވެފައިވާ ކައުންސިލް އިދާރާތަކުގެ ޢިމާރާތްތައް ތަރައްގީކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢެކެވެ. ސަރުކާރުގެ އަމާޒަކީ މި ފަސް އަހަރުގެ ތެރޭގައި 100 އަށްވުރެ ގިނަ ރަށުގެ ކައުންސިލް އިދާރާގެ އައު ޢިމާރާތްތައް ތަރައްޤީކުރެއްވުމެވެ.

އަތޮޅުތެރޭގެ 55 ކައުންސިލް އިދާރާއެއްގެ އައު އިމާރާތް އެޅުމުގެ މަސައްކަތް ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ކުރިއަށް ގެންދިއުމަށް އާރުސީސީއާ ވަނީ ޙަވާލުކޮށްފައެވެ. 631 މިލިޔަން ރުފިޔާގެ މި މަޝްރޫޢު ނިމޭއިރު، ކައުންސިލް އިދާރާގެ ގޯތީގެ ވަށާފާރު ރާނައި، އޮފީހަށް ބޭނުންވާ ފަރުނީޗަރުވެސް ހުންނާނެކަމަށް ސިޓީތަކާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.