ޚަބަރު

ތ. ވިލުފުށީގައި ތަރައްޤީކުރާ އެއަރޕޯޓުގެ ޢަމަލީ މަސައްކަތް ފަށައިފި


  • އެއަރޕޯޓުގެ މަސައްކަތް 30 މަސް ދުވަހުގެ ތެރޭގައި ނިންމާނެ

  • ވިލުފުށީ އެއަރޕޯޓުގައި 1800 މީޓަރު ރަންވޭއެއް އޮންނާނެ

ކޮޅުމަޑުލު ވިލުފުށީގައި ތަރައްޤީކުރާ އެއަރޕޯޓުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ. މިމަސައްކަތް ހަވާލުކޮށްފައިވަނީ މޯލްޑިވްސް އެއަރޕޯޓް ކޮމެޕެނީ ލިމިޓެޑް، އެމްއޭސީއެލްއާއެވެ.

ވިލުފުށީ އެއަރޕޯޓު ތަރައްޤީކުރުމުގެ މަސައްކަތް އެމްއޭސީއެލްއާ ހަވާލުކޮށްފައިވަނީ ރައީސުލްޖުމްހޫރީއްޔާ ޑރ. މުހައްމަދު މުޢިއްޒު ކޮޅުމަޑުލުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ވިލުފުއްޓަށް ވަޑައިގެން އެކަމަށްޓަކައި ހާއްސަކޮށް އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

މި މަސައްކަތުގެ އެއްބަސްވުމުގައި، ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާބޭހޭ ވަޒީރު މޫސާ ޒަމީރުއެވެ. އެމްއޭސީއެލްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ކުންފުނީގެ ސީއީއޯ އިބްރާޙީމް ޝަރީފް މުހައްމަދުއެވެ.

ވިލުފުށީ އެއަރޕޯޓުގެ މަސައްކަތް އެމްއޭސީއެލްއާ ހަވާލުކުރުމަށްފަހު، އެމަޝްރޫޢުއަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތްވެސް ވަނީ ފަށާފައެވެ. އެމަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ، މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާބެހޭ ވަޒީރު މޫސާ ޒަމީރުއެވެ. އަރިހުގައި އެމްއޭސީއެލްގެ ސީއީއޯ އިބްރާހިމް ޝަރީފް މުހައްމަދާއި، ދައިރާގެ މަޖިލިސް މެންބަރުގެ އިތުރުން ވިލުފުށީ ކައުންސިލްގެ ރައީސް ބައިވެރިވެވަޑައިގެންނެވިއެވެ.

ވިލުފުށީގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެއަރޕޯޓުގެ މަސައްކަތް މި ހިނގާ ރިޔާސީ ދައުރުގެ ތެރޭގައި ނިންމަވައިދެއްވާނެކަމަށެވެ.

"ވިލިފުއްޓަށް އަޅުގަނޑުވީ އެންމެ މިހިއްމު ވަޢުދަކީ އެއަޕޯޓްގެ މަޝްރޫޢު. އެ މަޝްރޫޢު ގިނަވަގެން 30 މަސްދުވަހުގެ ތެރޭގައި ނިންމާނަން. އެއާޕޯޓް ރައްޔިތުން ބޭނުންވާ ސަރަހައްދުގައި އެޅުމަށް ބޭނުންވާ ބިންހިއްކުމުގެ މަސައްކަތް މިހާރު ކުރިއަށް ދަނީ" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ވިލުފުށީގައި ތަރައްޤީކުރާ އެއަރޕޯޓު ހިންގާނީވެސް އެމްއޭސީއެލްގެ ފަރާތުންނެވެ. މި އެއަރޕޯޓަކީ 1800 މީޓަރުގެ ރަންވޭއަކާއެކު ތަރައްޤީކުރާ އެއަރޕޯޓެކެވެ. މިމަޝްރޫޢުގެ މަސައްކަތް 2 އަހަރާއި 6 މަސް ދުވަހުގެ ތެރޭގައި ނިންމާއިރު މަޝްރޫޢުގެ ދަށުން ރަންވޭއާއި ޓަމިނަލް ބިލްޑިން ފަޔަރ ބިލްޑިން އަދި އެނޫންވެސް އެއަރޕޯޓަކަށް ބޭނުންވާ ހުރިހާ ވަސީލަތެއް ފުރިހަމަކޮށް ޤާއިމްކުރާނެއެވެ.

މިމަޝްރޫޢު ނިމޭއިރު، މިއީ އެ ސަރަހައްދުގެ ރައްޔިތުންނަށް އިޤްތިޞާދީގޮތުން ލިބިގެންދާ ކުރިއެރުމަކަށް ވާނެކަމަށް ސަރުކާރުން ޤަބޫލުކުރައްވައެވެ.