ޚަބަރު

ކޮޅުފުށީގެ ތާރީޚީ މިސްކިތް، ޣާޒީ މިސްކިތަށް ރައީސުލްޖުމްހޫރިއްޔާ ޒިޔާރަތްކުރައްވައިފި


  • މިމިސްކިތް ބިނާކުރެއްވީ އުތީމު ބޮޑުތަކުރުފާނު، އަލްޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޡަމް

  • މިމިސްކިތުގެ މަތިވަޑާންގަނޑުގައި ކަޅުއޮށްފުންމީގެ ލަކުޑި ބޭނުންކުރައްވާފައިވޭ

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މުލަކަތޮޅު ކޮޅުފުށީ ތާރީޚީ މިސްކިތް، ޣާޒީ މިސްކިތަށް ޒިޔާރަތްކުރައްވައިފިއެވެ. ހަތަރު އަތޮޅަކަށް އެމަނިކުފާނު މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި މި މިސްކިތަށް ޒިޔާރަތް ކުރެއްވީ މުލަކަތޮޅު ކޮޅުފުއްޓަށް ކުރެއްވި ދަތުރުފުޅުގައެވެ. މި ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މި މިސްކިތުގެ ހާލަތު ބައްލަވާލައްވައި، މިސްކިތާބެހޭ މަޢުލޫމާތު އޮޅުންފިލުއްވާފައެވެ.

މި މިސްކިތް ބިނާކޮށްދެއްވީ ދިވެހިންގެ އިސްލާމީ އަޤީދާއަށް އެންމެ ބޮޑު ގޮންޖެހުމެއް ކުރިމަތިވި ޕޯޗުގީޒުންގެ އިސްތިޢުމާރުން ރާއްޖެ ސަލާމަތްކޮށްދެއްވި ދިވެހި ޤައުމީ ބަޠަލު، އުތީމު ބޮޑުތަކުރުފާނު، އަލްޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޡަމްއެވެ.

ކޮޅުފުށީގެ ތާރީޚީ މި މިސްކިތަކީ ދިވެހިރާއްޖޭގެ އަގުހުރި ޤައުމީ ތަރިކައެކެވެ. އެއީ ދިވެހިރާއްޖެ ޕޯޗުގީޒުންގެ އަޅުވެތިކަމުން މިނިވަންކުރެއްވުމަށްފަހު އުތީމު ބޮޑުތަކުރުފާނު، އެ ރަށުގައި ބިނާކުރެއްވި މިސްކިތެކެވެ. އެ ތަކުރުފާނުގެ ފަތްކޮޅެއްގައި ވަނީ "މި އަތޮޅު ކޮޅުފުށީ މަ ހެއްދެއްވި މިސްކިތް" މި ފަދައިންނެވެ. ރާއްޖެ މިނިވަންކުރެއްވުމަށް ފަހު، އެ ތަކުރުފާނު ކަޅުއޮއްފުންމީގައި ހުވަދުއަތޮޅަށް ކުރެއްވި ދަތުރުފުޅަކަށްފަހު އެނބުރި މާލެ ވަޑައިގަންނަވަނިކޮށް، ތޫފާނެއްގައި ޖެހި އޮޑި ދިޔަވާން ފެށުމުން މުލަކަތޮޅު ދިއްތުނޑީ ފަރަށް ބީއްސާލައި ކަޅުއޮށްފުންމި ސަލާމަތް ކުރެއްވިއެވެ. އަދި ކޮޅުފުށީގައި އެ ރަދުން ބިނާކުރެއްވި މިސްކިތުގެ މަތިވަޑާންގަނޑުގައި ކަޅުއޮށްފުންމީގެ ލަކުޑި ބޭނުންކުރައްވާފައިވެއެވެ.

2004 ވަނަ އަހަރުގެ ސުނާމީގައި އެ މިސްކިތުގެ މަތިވަޑާންގަނޑުން ފޭވި ތަނުން ދޯންޏެއްގެ ބައިތަކުގެ އަސަރު ވަނީ ފެނިފައެވެ. އަދި ރާއްޖެ މިނިވަންކުރެއްވުމަށް ފަހު، ބޮޑުތަކުރުފާނުގެ ކަނޑިކޮޅު ބާއްވަވާފައި އޮތީ ވެސް ކޮޅުފުށީ މި މިސްކިތުގައެވެ. މިއަދު އެ ކަނޑިކޮޅު މިސްކިތުގައި ނެތްނަމަވެސް، އެޗް.ސީ.ޕީ.ބެލްގެ މޮނޮގްރާފުގައި އެ ކަނޑިކޮޅުގެ ފޮޓޯއަކާއި، މިންތައް ހިމަނާފައިވެއެވެ.