ޚަބަރު

ލެވަންޓޭ ބަލިކޮށް ރެއާލްގެ މޮޅުވުމުގެ ސިލްސިލާ ކުރިއަށް


ސްޕެއިންގެ ލަލީގާގައި ރޭ ލެވަންޓޭ އާއި ދެކޮޅަށް ރެއާލް މެޑްރިޑް ކުޅުނު މެޗު 4-1 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑް މޮޅުވެ ލީގުގައި އެ ޓީމުން ދަމަހައްޓަމުން އަންނަ މޮޅުވުމުގެ ސިލްސިލާ ކުރިއަށް ގެންގޮސްފި އެވެ.

މި މެޗުން މޮޅުވުމާއިއެކު ރެއާލް މެޑްރިޑް އިން ވަނީ ލަލީގާގައި މި ސީޒަނުގައި އެ ޓީމު ކުޅުނު 6 މެޗުން މޮޅުވެ ޖުމްލަ 18 ޕޮއިންޓާއެކު ތާވަލުގެ އެއްވަނަ މަގާމް ހޯދާފަ އެވެ. ދެވަނައިގައި އޮތް ވާދަވެރި ބާސެލޯނާ އަށް ފަސް މެޗުން ލިބިފައިވާ 13 ޕޮއިންޓެވެ.

ލެވަންޓޭގެ ދަނޑުޑުގައި ކުޅުނު މި މެޗުގެ 28 ވަނަ މިނިޓުގައި ވިނިޝިއަސް ޖޫނިއަރ ވަނީ ލަނޑެއް ޖަހާ ރެއާލް މެޑްރިޑަށް ކުރި ހޯދަދީފަ އެވެ.

އަދި އޭގެ 10 މިނުޓު ފަހުން ވިނިޝިއަސް ޖޫނިއަރގެ އިތުރު އެސިސްޓަކުން ފްރެންކޯ މަސްޓަންޓުއޯނޯ ވަނީ އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ. މިއީ އާޖެންޓީނާ އަށް އުފަން އުމުރުން 18 އަހަރުގެ މަސްޓަންޓުއޯނޯ އެ ކްލަބަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ.

ނަމަވެސް ދެވަނަ ހާފުގެ ކުޅުން ފެށުނުތާ 9 ވަނަ މިނިޓުގައި ލެވަންޓޭ އިން ވަނީ ލަނޑެއް ޖަހާފަ އެވެ. މި ލަނޑަކީ އިވާން ރޮމޭރޯ އަރިމަތިން ނަގައިދިން ހުރަހެއް ބޮލުން ޖަހާ ގޯލުގެ ތެރެއަށް ފޮނުވާލައިގެން އެޓާ އެޔޮންގް ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.

މި މެޗުގައި ރެއާލް މެޑްރިޑް އިން ޖެހި ތިންވަނަ ލަނޑަކީ މެޗުގެ 64 ވަނަ މިނިޓުގައި އެ ޓީމަށް ލިބުނު ޕެނަލްޓީ އަކުން ކިލިއަން އެމްބާޕޭ ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ. އަދި އޭގެ ދެ މިނިޓު ފަހުން އާޑާ ގުލާ ދިން ޕާހަކުން އެމްބާޕޭ ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 4-1 އަށް ބަދަލުކޮށްފަ އެވެ.