ކުޅިވަރު

ބާސެލޯނާގެ އަންހެން ޓީމަކީ ފިރިހެނުންނަށް ވެސް ނަމޫނާއެއް: ބޮންމާޓީ


ބާސެލޯނާގެ އަންހެން ފުޓްބޯޅަ ޓީމަކީ ފިރިހެން ކުޅުންތެރިންނަށް ވެސް ނަމޫނާ ޓީމެއް ކަމަށް ވައިސް ކެޕްޓަން އަދި ބަލޮންޑޯ ޖެހިޖެހިގެން ތިން ވަނަ ފަހަރަށް ހޯދި އައިޓާނާ ބޮންމާޓީ ބުނެފި އެވެ.

އޭނާ މިހެން ބުނީ ފްރާންސްގެ ޕްރިހުގައި ބޭއްވި ބަލަންޑޯ އެވޯޑް ދިނުމުގެ ރަސްމިއްޔާތަށް ފަހު ވާހަކަ ދައްކަމުންނެވެ.

"މި އެވޯޑް ލިބުމަކީ ވަރަށް ބޮޑު ކާމިޔާބީއެއް. އަހަރުމެން ކޮންމެ އަހަރަކު ވެސް އަންނަނީ ކުރި އަރަމުން. ނިމިދިޔަ ސީޒަނަކީ ވެސް ވަރަށް ކާމިޔާބު ކުރިއެރުންތަކެއް ލިބުނު ސީޒަނެއް. މިފަދަ ކޮންމެ އެވޯޑަކާއެކު އިތުރު ކާމިޔާބީ ހޯދަން އިތުރަށް ހިތްވަރު ލިބޭނެ،" ބޮންމާޓީ ބުންޏެވެ.

އޭނާ ބުނީ ވިދިވިދިގެން ހަތަރު ފަހަރު ޗެމްޕިއަންސް ފައިނަލުގައި ކުޅެ ދެ ތަށި ބާސެލޯނާ ހާސިލް ކުރުމަކީ ވެސް ކާމިޔާބީ އެއް ކަމަށެވެ. އަދި ސްޕެނިޝް ލީގުގެ 14 ސީޒަނުގެ ތެރެއިން 10 ފަހަރު ބާސެލޯނާ ތަށި ހޯދުމަކީ ވެސް ހާއްސަ ކަމެއް ކަމަށެވެ. މީގެ އިތުރުން މިދިޔަ 10 އަހަރު ސްޕޭނުގެ އަންހެން ގައުމީ ޓީމުގެ ޑޮމިނޭޓް ކުރީ ބާސެލޯނާއިން ކަމަށެވެ. މި ގޮތުން 2022 ވަނަ އަހަރުގެ ވޯލްޑް ކަޕް ހޯދައި އެންމެ ފަހުގެ ޔޫރޯގެ ދެ ފައިނަލް ކުޅުނު ސްޕޭން ޓީމުގައި ވެސް ގިނައީ ބާސެލޯނާގެ ކުޅުންތެރިން ކަމަށެވެ.

މީގެ އިތުރުން ބެލޮންޑީއޯ އެންމެ ފަހުން ހޯދި ފަސް ކުޅުންތެރިންނަކީ ވެސް ބާސެލޯނާގެ ކުޅުންތެރިންނެވެ. މިދިޔަ ތިން އަހަރު ބޮންމާޓީ ހޯދިއިރު އޭގެ ކުރީ ދެ އަހަރު އެވޯޑް ހޯދީ ކެޕްޓަން އެލެކްޒިއާ ޕުޓެޔާސް އެވެ.

"އަހަރެންނަށް ހީވަނީ ބާސެލޯނާގެ އަންހެނުންގެ މި ޖީލަކީ ފުޓްބޯޅައިގެ ކުރިމަގުގެ ޒުވާން ކުޅުންތެރިންނަށް ނަމޫނާއަކަށްވާނެހެން. ހަމައެކަނި އަންހެން ކުޅުންތެރިން އެކަންޏެއްނޫން. ފިރިހެން ކުޅުންތެރިންނާއި ޖުމުލަކޮށް މުޅި ފުޓްބޯޅައިގެ އެންމެނަށް ވެސް މި ޓީމު ވާނީ ނަމޫނާއަކަށް،" ބޮންމާޓީ ބުންޏެވެ.

އޭނާ ބުނީ އުއްމީދަކީ ބާސެލޯނާގައި އަބަދުވެސް ދެމި ހުރުން ކަމަށެވެ.

ބާސެލޯނާގެ ރައީސް ޖޯން ލަޕޯޓާގެ ބަލޮންޑޯ އެވޯޑް ރަސްމިއްޔާތަށް ފަހު ބުނީ ބޮންމާޓީ އަކީ ވަރަށް ފުރިހަމަ ކުޅުންތެރިއެއް ކަމަށާއި މި އެވޯޑަކީ އޭނާ އަށް ހައްގު އެއްޗެއް ކަމަށެވެ.