ޚަބަރު

ސާޓާ އެވޯޑް 2025: ލީޑިން އެޑްވެންޗަރ ޑެސްޓިނޭޝަނާއެކު އިތުރު 35 އެވޯޑެއް ރާއްޖެއަށް


  • މިއަހަރުގެ އެވޯޑް ހަފްލާ ބޭއްވީ ސްރީލަންކާގައި

  • ރާއްޖޭގެ 16 ފަރާތަކަށް ގޯލްޑް އެވޯޑު، 19 ފަރާތަކަށް ސިލްވާ އެވޯޑް ލިބުނު

މިއަހަރުގެ ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް، ސާޓާގައި ލީޑިން އެޑްވެންޗަރ ޑެސްޓިނޭޝަން ހިމެނޭޙެން 35 އެވޯޑެއް ރާއްޖެއިން ހާސިލުކޮށްފި އެވެ. ސާޓާގެ މިއަހަރުގެ އެވޯޑް ހަފްލާ ބާއްވާއްފައިވަނީ ހޮނިހިރު ދުވަހު ރޭ ޝްރީ-ލަންކާގެ ކޮލަމްބޯގައި ހުންނަ ސިނަމަން ގްރޭންޑް ހޮޓެލްގައެވެ.

ރާއްޖެއިން މިއަހަރު ހާސިލުކުރި ލީޑިން އެޑްވެންޗާ ޑެސްޓިނޭޝަންގެ އެވޯޑަކީ ފަތުރުވެރިންގެ މެދުގައި ނަގާ ވޯޓަކުން ކަނޑައަޅާ އެވޯޑެއް ކަމަށް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ވިދާޅުވިއެވެ. މިއީ ފަތުރުވެރިންގެ މެދުގައި ރާއްޖެ އިޝްތިހާރުކުރުން ފުޅާކުރުމަށް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ކުރާ މަސައްކަތްތަކަށް ލިބުނު އިތުރު ކުރިއެރުމެއް ކަމަށް އެކުންފުނިން ވިދާޅުވިއެވެ.

މި އެވޯޑުގެ އިތުރުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ އެކި ފަރާތްތަކަށް މިއަހަރު 35 އެވޯޑެއް ލިބުނެވެ. އޭގެތެރޭގައި 16 ފަރާތަކުން ސާޓާގެ ގޯލްޑް އެވޯޑު ހާސިުކުރި އިރު، 19 ފަރާތަކަށްސާޓާގެ ސިލްވަރ އެވޯޑު ލިބުނެވެ.

މިއަހަރުގެ އެވޯޑް ހަފްލާގެ ހަވާސާގައި ދެކުނު އޭޝިއާގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި މަސައްކަތްކުރާ އިސް ފަރާތްތަކާއެކު ގުޅިގެން ފަތުރުވެރިކަން ކުރިއެރުވުމާގުޅޭ ޕެނަލް ޑިސްކަޝަންއެއް ވަނީ ހުކުރު ދުވަހު ކުރިއަށް ގެންގޮސްފައެވެ. މި ޕެނަލުގައި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝިއުރީ، މި ޕެނަލްގައި ރާއްޖެ ތަމްސީލުކުރެއްވިއެވެ.

މި ޕެނަލްގައި ވާހަކަދައްކަވަމުން ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ އެމްޑީ ޝިއުރީ ވަނީ ދެމެހެއްޓެނިވި ފަތުރުވެރިކަން ކުރިއެރުވުމަށް ބާރުއަޅުއްވާ މި ދާއިރާގައި ރާއްޖޭން ހޯދަމުން އަންނަ ކުރިއެރުންތައް ހިއްސާކުރައްވާފައެވެ. އެގޮތުން ލޯކަލް ޓުއަރިޒަމް ރާއްޖޭގައި މިހާރު ކުރިއަރަމުން އަންނަ މިންވަރަށް އަލިއަޅުއްވާލައްވާ، ރާއްޖޭގެ ޖުމްލަ ބެޑް ކެޕޭސިޓީގެ %25 ހިއްސާއަކީ ގެސްޓް ހައްސްތައްކަން ފާހަގަކުރެއްވިއެވެ. އަދި މިކަމުގެ ސަބަބުން ރަށްރަށުގެ އިޤްތިޞާދަށް ލިބެނުންދާ ކުރިއެރުމާއި، ޒުވާނުންނާއި އަންހެނުން އަދި ސަޤާފަތް ކުރިއެރުވުމަށް ލިބެމުންދާ ކުރިއެރުންތައް އޭނާ ހިއްސާކުރެއްވިއެވެ. އޭނާ ވަނީ ސަރަހައްދީ ގުޅުންތައް ވަރުގަދަކުރުމަށާއި ރާއްޖޭގެ ފަތުވެރިކަން ކުރިއެރުވުމަށް ސަރަހައްދީ ޤައުމުތަކާއި އެހެން ޤައުމުތަކާއި ގުޅިގެން ކުރެވޭ މަސައްކަތަށް އަލި އަޅުއްވާފައެވެ.

ސައުތު އޭޝިއާގެ ހޮސްޕިޓާލިޓީ އަދި ޓްރެވަލް އިންޑަސްޓްރީގެ ބައިވެރިން 2016 ވަނަ އަހަރުން ފެށިގެން ސާޓާއިން އަންނަނީ ފާހަގަކުރަމުންނެވެ. ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ މި ހަރަކާތަކީ ތަފާތު ކެޓަގަރީތަކުން ފާހަގަކޮށްލެވޭ ޖަމިއްޔާތަކަށާއި ފަރުދުންގެ އަގު ވަޒަންކުރާ ހަރަކާތެކެވެ. ސާޓާގައި ރާއްޖެއިން ހޯދި މި ބޮޑު ކާމިޔާބީތަކުގެ ސަބަބުން، ހޮސްޕިޓާލިޓީ އާއި ފަތުރުވެރިކަމުގެ ދާއިރާއިން މަތީ މިންގަނޑުތަކެއް ދަމަހައްޓައި، ދެކުނު އޭޝިއާގެ އެންމެ ނަގާކިޔާލެވޭ މަންޒިލެއްގެ ގޮތުގައި ރާއްޖޭގެ ދަރަޖަ އިތުރަށް ހަރުދަނާވެގެން ދާނެ ކަމަށް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ވިދާޅުވެއެވެ.