ޚަބަރު

އައު ޓަރމިނަލަށް ބަޓިކް އެއަރ އާއި ބެންކޮކް އެއަރވޭސްގެ ޚިދުމަތްތައް ބަދަލުކޮށްފި


ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް، ވީއައިއޭގެ އައު ފަސިންޖަރ ޓަރމިނަލަށް ބަޓިކް އެއަރ އާއި ބެންކޮކް އެއަރވޭސްގެ ޚިދުމަތްތައް ބަދަލުކޮށްފިއެވެ.

މިއީ ވީއައިއޭގެ އައު ޓަރމިނަލަށް ޚިދުމަތް ބަދަލުކުރި ހަވަނަ އަދި ހަތްވަނަ އެއަރލައިނެވެ.

ބަޓިކް އެއަރ އާއި ބެންކޮކް އެއަރވޭސްއަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޓާމިނަލް 1އިން ޚިދުމަތް ދޭން ފެށުން ފާހަގަކުރުމަށް އެޓާމިނަލުގައި ޚާއްސަ ރަސްމިއްޔާތެއް ވަނީ ބާއްވާފައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކޮމިޝަނަރު ޖެނެރަލް އޮފް ކަސްޓަމްސް ފާތިމަތު ދިޔާނާއެވެ. މި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ލަތީފާއި ބަޓިކް އެއަރ މާލޭގެ ސްޓޭޝަން މެނޭޖަރު އަލީ ޝިނާން އާއި ބެންކޮކް އެއަރވޭސްގެ ސްޓޭޝަން މެނޭޖްމަންޓުގެ ޑެޕިއުޓީ ޑިރެކްޓަރު ނިތިތަމް ކަކަނުމްޕޯން އާއި އެމްއޭސީއެލްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ..

މި ރަސްމިއްޔާތުގައި ބަޓިކް އެއަރ އަދި ބެންކޮކް އެއަރވޭސްގެ ޗެކިން ކައުންޓަރުތައް ޓަރމިނަލް 1ގައި ރަސްމީކޮށް ވަނީ ހުޅުވައިފައެވެ. އަދި ޓާމިނަލް 1 އަށް ކައިރި ކުރި ބަޓިކް އެއަރ ފުރަތަމަ މަތިންދާބޯޓު، އޯޑީ293-5 އަށާއި ބެންކޮކް އެއަރވޭސްގެ ފުރަތަމަ މަތިންދާބޯޓު ޕީޖީ711-2 އަށް ވޯޓާ ސެލިއުޓް އަރުވައި، އެ ފްލައިޓުން ރާއްޖެ އައި ފަސިންޖަރުންނަށް ވަނީ ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔައިފައެވެ.

މި ދެ އެއަރލައިނާއެކު ވީއައިއޭގެ އައު ޓަރމިނަލުން ޚިދުމަތްދޭ އެއަރލައިންގެ އަދަދު 7އަށް އަރާފައިވާއިރު މިހާރު ހިދުމަތް ދެމުން އަންނަނީ ޤައުމީ އެއަރލައިން މޯލްޑިވިއަންއާއި, އެއާ އަރަބިއާ, ބިއޯންޑް, ފިޓްސް އެއަރ އަދި ބެއިޖިންގް ކެޕިޓަލް އެއަރލައިންސްއެވެ.

އެމްއޭސީއެލްގެ އަމާޒަކީ ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއާލައިނަކަށްވެސް އެންމެ ފުރިހަމަ އަދި އެންމެ މަތީ ފަންތީގެ ހިދުމަތެއް ފޯރުކޮށްދިނުން ކަމަށް އެ ކުންފުނިން ވިދާޅުވެއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޓަރމިނަލް 1އަކީ ޒަމާނީ ގިނަ ޚިދުމަތްތަކާއެކު ތަރައްޤީކުރެވިފައިވާ ޓަރމިނަލެކެވެ. އެގޮތުން މި ޓަރމިލަނުގައި ޑިޕާޗަރ ހޯލުގައި 47 ޗެކިން ކައުންޓަރު ހުންނައިރު، އަމިއްލައަށް ޗެކިން ކުރެވޭ 6 ސެލްފް ސާވިސް ޗެކިން ކިއޮސްކްވެސް ވަނީ ބަހައްޓާފައެވެ. މީގެ އިތުރުން، މި ޓަރމިނަލުގައި 12 އެއިރޯ ބްރިޖްވެސް ވަނީ ޤާއިމްކޮށްފައެވެ.