ޚަބަރު

61 މީހުންނާއެކު ފަޅަށް އެރި ދިއްދޫ ބޯޓު ފުންކޮށްފި


  • ފުންކުރީ ދެ އުޅަނދެއްގައި ކަފުޖަހައިގެން މިއަދު 9:35 ކަންހާއިރު

  • އެއްވެސް މީހަކަށް އަދި ބޯޓަށް ވެސް ގެއްލުމެއް ލިބިފައިނުވޭ

61 މީހުންނާއެކު ފަޅަށް އެރި ދިއްދޫ "މެގަ ހޯރަ" ބޯޓު ފުންކޮށްފިއެވެ.

ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުން ވިދާޅުވީ ދިޔަވަރު ބޮޑުވުމުން، "މެގަ ހޯރަ" ބޯޓު، އެހެން ދެ އުޅަނދެއްގައި ކަފު ޖަހައިގެން މިއަދު 9:35 ކަންހާއިރު ފުންކޮށްފައިވާ ކަމަށެވެ. މި ހާދިސާގައި އެ ބޯޓުން ދަތުރުކުރި އެއްވެސް މީހަކަށް އަދި ބޯޓަށް ވެސް ގެއްލުމެއް ލިބިފައިނުވާކަމަށް ޤައުމީ ދިފާޢީ ބާރުން ވިދާޅުވިއެވެ.

މަޢުލޫމާތު ލިބޭ ގޮތުގައި "މެގަ ހޯރަ ބޯޓު" ފަރަށް އެރީ ރޭ 11:00 ޖަހާކަންހާއިރު ނ. ހޮޅުދޫ ކައިރި އޮންނަ އެ އަތޮޅު, ވަވަތިކުރޮޅިއަށެވެ. އެ ބޯޓު ފަރަށް އެރީ މާލެއިން ވަރަށް ގިނަ އަދަދެއްގެ މުދާ ބަރުކޮށްގެން ދިއްދުއަށް ދަތުރުކުރަމުން ދަނިކޮށްކަމަށް މަޢުލޫމާތު ލިބެއެވެ.