ޚަބަރު

ކޮމަންވެލްތު ބީޗް ހޭންޑްބޯޅަ މުބާރާތް: ފައިނަލްގެ ފަހު ޖާގަ ލަންކާއަށް


ފުރަތަމަ ފަހަރަށް ބާއްވާ ކޮމަންވެލްތު ބީޗް ހޭންޑްބޯޅަ މުބާރާތުގެ ފައިނަލްގެ ފަހު ޖާގަ ސްރީ ލަންކާއިން ހޯދައިފިއެވެ.

ކޮމަންވެލްތުގެ ގައުމުތަކަށް ދައުވަތުދީގެން ބާއްވާ މި މުބާރާތް ކުރިއަށްދާނީ މާދަމާގެ ނިޔަލަށް ކުޅުދުއްފުށި ސިޓީގައި ގާއިމުކޮށްފައިވާ ބައިނަލްއަގުވާމީ ފެންވަރުގެ ބީޗް ހޭންޑްބޯޅަ ކޯޓުގައެވެ.

މިއަދު ހަވީރު ކުޅުނު ސެމީ ފައިނަލް ދެވަނަ މެޗު ލަންކާއިން ކާމިޔާބުކުރީ ސީދާ ދެ ސެޓުންނެވެ. މި މެޗުގެ ފުރަތަމަ ސެޓު ލަންކާއިން ގެންދިޔައީ ވާދަވެރި ކުޅުމަކަށްފަހު 14-12 އިންނެވެ. އަދި ދެވަނަ ސެޓު އެ ޓީމުން ގެންގޮސްފައިވަނީ 24-14 އިންނެވެ.

މި މުބާރާތުގެ ފައިނަލް މެޗު މާދަމާރޭ ކުޅޭއިރު، މި މެޗުގައި ވާދަކުރާނީ ލަންކާ އާއި ޕާކިސްތާނެވެ. އަދި މާދަމާ ހަވީރު ކުޅޭ ތިންވަނަ ހޮވާ މެޗުގައި ވާދަކުރާނީ ރާއްޖެ އާއި ބަންގްލަދޭޝްއެވެ.

ކޮމަންވެލްތު ބީޗް ހޭންޑްބޯޅަ މުބާރާތުގައި ހަ ޓީމެއް ވާދަކުރާއިރު، މި މުބާރާތުގެ ބްރޯޑްކާސްޓިން ޕަޓްނަރަކީ ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމްއެވެ. މި މުބާރާތުގެ މެޗުތައް ޕީއެސްއެމްގެ ޔެސް ޓީވީން އަންނަނީ ވަގުތުން ގެނެސްދެމުންނެވެ.