ޚަބަރު

ފ. ނިލަންދޫ ކައުންސިލުގެ އައު އިމާރާތުގެ ބިންގާއަޅައިފި


  • ބިންގާ އަޅުއްވައިދެއްވީ ވަޒިރު އާދަމް ޝަރީފު ޢުމަރު

  • މި މަޝްރޫއު ހަވާލު ކޮށްފައިވަނީ އާރުސީސީއާ

ނިލަންދެއަތޮޅު އުތުރުބުރި ނިލަންދޫ ކައުންސިލް އިދާރާގެ އައު އިމާރާތުގެ ބިންގާއަޅައިފިއެވެ.

ނިލަންދޫގެ ކައުންސިލް އިދާރާގެ ބިންގާ އަޅާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

ނިލަންދޫގައި އިމާރާތްކުރާ ކައުންސިލް އިދާރާގެ ބިންގާ އެޅުމަށް އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންނެވިއެވެ.

މިރަސްމިއްޔާތުގައި ނިލަންދޫ ކައުންސިލް އިދާރާގެ ބިންގާ އަޅުއްވައިދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރުއެވެ. އަރިހުގައި އެ ދާއިރާގެ މެންބަރު ފަތިމަތު ސައުދާ އަދި އެރަށުގެ ކައުންސިލްގެ ރައީސް އަލީ އަޙްމަދު ބައިވެރިވެވަޑައިގެންނެވިއެވެ.

ނިލަންދޫގެ ކައުންސިލް އިދާރާގެ އައު އިމާރާތުގެ މަސައްކަތަކީ، ބާވެ ވީރާނާވެފައިވާ ކައުންސިލް އިދާރާތަކުގެ ޢިމާރާތްތައް ތަރައްގީކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢެކެވެ. ސަރުކާރުގެ އަމާޒަކީ މި ފަސް އަހަރުގެ ތެރޭގައި 100 އަށްވުރެ ގިނަ ރަށުގެ ކައުންސިލް އިދާރާގެ އައު ޢިމާރާތްތައް ތަރައްޤީކުރެއްވުމެވެ.

އަތޮޅުތެރޭގެ 55 ކައުންސިލްގެ އައު އިމާރާތް އެޅުމުގެ މަސައްކަތް ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ކުރިއަށް ގެންދިއުމަށް އާރުސީސީއާ ވަނީ ޙަވާލުކޮށްފައެވެ. 631 މިލިޔަން ރުފިޔާގެ މި މަޝްރޫޢު ނިމޭއެރު، ކައުންސިލް އިދާރާގެ ގޯތީގެ ވަށާފާރު ރާނައި، އޮފީހަށް ބޭނުންވާ ފަރުނީޗަރުވެސް ހުންނާނެކަމަށް ސިޓީތަކާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.