ޚަބަރު

ކޮމަންވެލްތު ބީޗް ހޭންޑްބޯޅަ މުބާރާތް: ރާއްޖެ، ޕާކިސްތާން އަދި ބަންގްލަދޭޝްއަށް ދެވަނަ މޮޅު


ފުރަތަމަ ފަހަރަށް ބާއްވާ ކޮމަންވެލްތު ބީޗް ހޭންޑްބޯޅަ މުބާރާތުގައި ދިވެހިރާއްޖެ އާއި، ޕާކިސްތާން އަދި ބަންގްލަދޭޝްއިން ދެވަނަ މޮޅު ހޯދައިފިއެވެ.

ކޮމަންވެލްތުގެ ގައުމުތަކަށް ދައުވަތުދީގެން ބާއްވާ މި މުބާރާތް ކުރިއަށްދާނީ މި މަހުގެ 22 އަށް ކުޅުދުއްފުށި ސިޓީގައި ގާއިމުކޮށްފައިވާ ބައިނަލްއަގުވާމީ ފެންވަރުގެ ބީޗް ހޭންޑްބޯޅަ ކޯޓުގައެވެ.

މުބާރާތުގައި މިއަދު ހެނދުނު ކުޅުނު މެޗުން ރާއްޖެ މޮޅުވީ ދެކުނު އެފްރިކާ އަތުން ފަސޭހަކަމާއެކު ސީދާ ދެ ސެޓުންނެވެ. މި މެޗުގެ ސެޓުތައް ރާއްޖެއިން ގެންދިޔައީ 32-9 އަދި 22-13 އިންނެވެ. މި މެޗުން ރާއްޖެ މޮޅުވިއިރު، މުބާރާތުގެ ފުރަތަމަ މެޗުން ރާއްޖެ ވަނީ ވާދަވެރި ކުޅުމަކަށްފަހު ސްރީ ލަންކާ އަތުން 2-1 ސެޓުން މޮޅުވެފައެވެ.

މި މުބާރާތުގައި މިއަދު ހެނދުނު ކުޅުނު ފުރަތަމަ މެޗުން ޕާކިސްތާން ވަނީ ފަސޭހަކަމާއެކު ސީދާ ދެ ސެޓުން ލަންކާ ބަލިކޮށްފައެވެ. މި މެޗުގެ ސެޓުތައް ޕާކިސްތާނުން ގެންގޮސްފައިވަނީ 20-18 އަދި 23-6 އިންނެވެ.

މި މެޗުން ޕާކިސްތާން މޮޅުވިއިރު، އެ ޓީމުން ވަނީ މުބާރާތުގައި ރޭ ކުޅުނު މެޗުން އިންޑިއާ އަތުން ފަސޭހަކަމާއެކު ސީދާ ދެ ސެޓުން މޮޅުވެފައެވެ.

މީގެ އިތުރުން މި މުބާރާތުގައި މިއަދު ހެނދުނު ކުޅުނު ތިންވަނަ މެޗުން ބަންގްލަދޭޝް މޮޅުވީ އިންޑިއާ އަތުން ފަހަތުން އަރައި 2-1 ސެޓުންނެވެ.

މި މެޗުގެ ފުރަތަމަ ސެޓު އިންޑިއާއިން 28-15 އިން ގެންދިޔަ ނަމަވެސް، ބަންގްލަދޭޝްއިން ވަނީ ދެވަނަ ސެޓު 19-10 އިން ކާމިޔާބުކޮށްފައެވެ. އެއާއެކު ޕެނަލްޓީ ޝޫޓްއައުޓުގައި ބަންގްލަދޭޝް ކުރިހޯދީ 7-3 ގެ ނަތީޖާއަކުންނެވެ.

މި މެޗުން ބަންގްލަދޭޝް މޮޅުވިއިރު، އެ ޓީމުން ކުޅުނު ފުރަތަމަ މެޗުގައި ވަނީ ފަސޭހަކަމާއެކު ސީދާ ދެ ސެޓުން ދެކުނު އެފްރިކާ ބަލިކޮށްފައެވެ.

ކޮމަންވެލްތު ބީޗް ހޭންޑްބޯޅަ މުބާރާތުގައި ހަ ޓީމެއް ވާދަކުރާއިރު، މި މުބާރާތުގެ ބްރޯޑްކާސްޓިން ޕަޓްނަރަކީ ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމްއެވެ. މި މުބާރާތުގެ މެޗުތައް ޕީއެސްއެމްގެ ޔެސް ޓީވީން އަންނަނީ ވަގުތުން ގެނެސްދެމުންނެވެ.