ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ އިޓަލީގެ ނާޕޮލީއާ ދެކޮޅަށް ކުޅުނު މެޗުން 2-0 ގެ ނަތީޖާއަކުން މެންޗެސްޓާ ސިޓީ މޮޅުވެއްޖެއެވެ.
މެންޗެސްޓަރ ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ސާޅީސް ނުވަ ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ 21 ވަނަ މިނިޓުގައި ނާޕޮލީގެ ކެޕްޓަން ޖިއޮވާނީ ޑި ލޮރެންޒޯ އަށް ރަތް ކާޑު ދައްކާ ރެފްރީ ވަނީ އޭނާ ދަނޑުން ފޮނުވާލާފަ އެވެ. ޑި ލޮރެންޒޯ އަށް ރަތް ކާޑު ދައްކާފައިވަނީ ޓީމުގެ އެންމެ ފަހު ކުޅުންތެރިޔާއަށްވެ ހުރެ ހާލަންޑް އަށް ކުރި ފައުލަކާއި ގުޅިގެންނެވެ.
ނާޕޮލީގެ ކެޕްޓަނަށް ދެއްކި ރަތް ކާޑާއިއެކު ކޯޗު އެންޓޯނިއޯ ކޮންޓޭ ވަނީ ގިނަ އަހަރުތަކެއް ވަންދެން ސިޓީއަށް ކުޅުމަށްފަހު ދާދި ފަހުން ނާޕޮލީއަށް ބަދަލުވި ކެވިން ޑެބްރޫނިއާ މެޗުގެ 26 ވަނަ މިނިޓުގައި ބަދަލުކޮށްފަ އެވެ.
ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައިނުވި ނަމަވެސް ދެވަނަ ހާފުގެ ކުޅުން ފެށުނުތާ 11 ވަނަ މިނިޓުގައި ހާލަންޑް ވަނީ ލަނޑެއް ޖަހާ ސިޓީ އަށް ކުރި ހޯދަދީފަ އެވެ.
މި މެޗުގައި ހާލަންޑް ޖެހި ލަނޑާއެކު އޭނާ ވެފައިވަނީ ޗެމްޕިއަންސް ލީގުގައި އެންމެ އަވަހަށް 50 ލަނޑު ޖެހި ކުޅުންތެރިޔާއަށް ވެފައެވެ. ހާލަންޑް 50 ލަނޑު ހަމަކޮށްފައިވަނީ 49 މެޗުންނެވެ.
މެންޗެސްޓާ ސިޓީން މި މެޗުގައި ޖެހި ދެވަނަ ލަނޑަކީ މެޗުގެ 65 ވަނަ މިނިޓުގައި ޖެރެމީ ޑޯކޫ ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.
މި މެޗުގައި ސިޓީ އަށް ދެ ލަނޑު ޖެހިފައިވާއިރު އެ ޓީމުން އުފެއްދި ނުރައްކާތެރި ގިނަ ހަމަލަތަކެއް ނާޕޮލީގެ ގޯލުކީޕަރު މިލިންކޮވިޗް-ސަވިޗް ވަނީ މަތަކޮށް މެޗުގައި މޮޅު ކުޅުމެއް ދައްކާފަ އެވެ.
މިއީ މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގަޑިއޯލާ ޗެމްޕިއަންސް ލީގުގައި ޓީމަށް އިރުޝާދު ދެމުންދާތާ 17 ވަނަ އަހަރެވެ.
މިދިޔަ ސީޒަނުގެ ކުއާޓަރ ފައިނަލުން ފުރުސަތު ސިޓީއަށް ގެއްލިފައިވާއިރު މި ސީޒަނާއި އެ ޓީމުން ކުރިމަތިލާފައިވަނީ މި މުބާރާތް ކާމިޔާބު ކުރުމުގެ އަޒުމުގަ އެވެ.