މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ނަމުގައި ދައުލަތުގެ އޮފީހެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އުފައްދަވައިފިއެވެ.
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ބިލު ރައީސުލްޖުމްހޫރިއްޔާ ލު ތަސްދީޤުކުރެއްވުމާއެކު މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ބިލު ޤާނޫނަކަށްވެ، އެޤާނޫނަށް ވަނީ ޢަމަލުކުރަން ފަށާފައެވެ.
އައު ޤާނޫނުގައިވާ ގޮތުގެ މަތީން އުފެއްދެވި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި މި ޤާނޫނާއި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ސުލޫކީ މިންގަނޑުތަކާއި ޤާނޫނުގައި ބަޔާންކުރާ އުސޫލުތަކާ ޚިލާފަށް ޢަމަލުކުރާ ބްރޯޑްކާސްޓަރުންނާއި މީޑިއާތަކާއި މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކާއި ނޫސްވެރިންނާ ގުޅޭގޮތުން ޝަކުވާ ހުށަހެޅޭނެ ނިޒާމެއް ޤާއިމުކުރަންޖެހޭނެއެވެ. އަދި އެކަންކަން ބަލައި، ސުލޫކީ މިންގަނޑުތަކާ ޚިލާފުވާ ފަރާތްތަކުން ޚިލާފުވި ޚިލާފުވުން ބަލައި ފިޔަވަޅު އެޅުމަކީ ކޮމިޝަނުގެ މަސްއޫލިއްޔަތެކެވެ.
މި ޤާނޫނުގައިވާ ގޮތުގެ މަތީން "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން"ގެ މެންބަރުން ކޮމިޝަން ހިންގުމާ ޙަވާލުވަންދެން، ކޮމިޝަނުގެ ކަންކަން ވަގުތީގޮތުން ހިންގާނީ ސިވިލް ސަރވިސް ކޮމިޝަނުން އެކުލަވައިލާ 5 މެންބަރުންގެ ވަގުތީ ކޮމިޓީއަކުންނެވެ.
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ޤާނޫނާއެކު މޯލްޑިވްސް މީޑިއާ ކައުންސިލާއި، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން ވަނީ އުވިފައެވެ.