ޚަބަރު

އެތުލެޓިކޯ އަތުން ފަހު ވަގުތު ލިވަޕޫލް މޮޅުވެއްޖެ


ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅުނު މެޗުގެ ފަހު ވަގުތު ކެޕްޓަން ވާޖިލް ވެން ޑައިކް ކާމިޔާބުކޮށްދިން ލަނޑާއެކު 3-2 ގެ ނަތީޖާއަކުން ލިވަޕޫލް މޮޅުވެއްޖެއެވެ.

ލިވަޕޫލްގެ އެންފީލްޑްގައި ކުޅުނު މި މެޗުގެ ހަތަރުވަނަ މިނިޓުގައި ލިވަޕޫލްގެ އެންޑްރޫ ރޮބަޓްސަން ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ. އަދި އޭގެ ދެ މިނިޓު ފަހުން މުހައްމަދު ސަލާ ވަނީ އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ.

މެޗުގެ ކުރީކޮޅު ލިވަޕޫލް އިން ޖެހި ދެ ލަނޑާއެކު ޑިއެގޯ ސިމިއޯނީގެ އެތްލެޓިކޯ މެޑްރިޑް އަތުން ތަފާތު ބޮޑު ނަތީޖާއަކުން ލިވަޕޫލް މޮޅުވާނެ ކަމަށް ބެލެވުނު ނަމަވެސް މާގިނަ އިރުތަކެއް ނުވަނީސް އެތްލެޓިކޯ އިން ވަނީ އެ ޓީމުގެ ކުޅުން ރަގަޅުކޮށްފަ އެވެ.

ލިވަޕޫލްގެ ކޯޗު އާން ސްލޮޓް ވަނީ ދާދި ފަހުން 125 މިލިއަން ޕައުންޑުގެ ފީ އަކަށް އެ ޓީމާއި އަލަށް ގުޅުނު ސްވިޑަންގެ ފޯވަޑް އެލެކްޒެންޑަރ އިސާކް ފުރަތަމަ އެގާރައިގައި ހިމަނާފަ އެވެ.

އެތްލެޓިކޯ މެޑްރިޑް އިން ލަނޑެއް ޖެހުމަށް ކުރަމުން އައި މަސައްކަތަށް ނިމުމެއް އައިސްފައިވަނީ މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި މާކޮސް ލޮރެންޓޭ ކާމިޔާބުކޮށްދިން ލަނޑާއެކުގަ އެވެ.

އަދި މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ނުވަ މިނިޓަށް ވެފައިވަނިކޮށް ލޮރެންޓޭ ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.

މި މެޗުގައި ލޮރެންޓޭ ޖެހި ދެ ލަނޑާއެކު އޭނާ ވަނީ އެންފީލްޑްގައި ޖެހިޖެހިގެން ކުޅުނު ދެ މެޗުގައިވެސް ދެ ލަނޑު ޖަހާފަ އެވެ. މީގެ ކުރިން އޭނާ އެންފީލްޑްގައި ދެ ލަނޑު ޖަހާފައިވަނީ 2020 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި ލިވަޕޫލް އަތުން އެތްލެޓިކޯ މެޑްރިޑް މޮޅުވި މެޗުގަ އެވެ.

ލިވަޕޫލް އަށް މި މެޗުން ތިން ޕޮއިންޓް ލިބިފައިވަނީ މެޗުގެ އިތުރު ވަގުތުގައި ވެންޑައިކް ކާމިޔާބުކޮށްދިން ލަނޑުންނެވެ.