ދިވެހި ޥަޡަނީ ޚިދުމަތުގެ ތަމްރީނުގައި ބައިވެރިވާ ޒުވާނުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު މަރްޙަބާ ދަންނަވައިފިއެވެ.
ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ވިދާޅުވީ ދިވެހިރާއްޖޭގެ ނޭޝަނަލް ސަރވިސް (ދިވެހި ޥަޡަނީ ޚިދުމަތް) އަށް ކުރިމަތިލުމަށް ހުޅުވާލުމުން ކުރިމަތިލި 1242 ޒުވާނުންގެ ތެރެއިން، ފުރަތަމަ ބުރުގެ ސިލެކްޝަން ޕްރޮސެސްގައި ހޮވުނު 343 ޒުވާނުން ތަމްރީނަށް މާފިލާފުއްޓަށް ގޮސްފައިވާކަމަށެވެ. އެގޮތުން، ރާއްޖޭގެ 107 ރަށަކުން، ޢުމުރުން 16 އަހަރާއި 29 އަހަރުގެ 64 އަންހެން އަދި 279 ފިރިހެން ޒުވާނުން ވަނީ ތަމްރީނަށް ގޮސްފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓުގައި ވަނީ މި ތަމްރީނުގައި ބައިވެރިވާ އެންމެހާ ޒުވާނުންނަށް އަދި އެ ޒުވާނުންގެ ބެލެނިވެރިންނާއި ޢާއިލާތަކަށް މަރްޙަބާ ވިދާޅުވެފައެވެ.
ދިވެހިރާއްޖޭގެ ނޭޝަނަލް ސަރވިސް (ދިވެހި ވަޠަނީ ޚިދުމަތް) އަށް ކުރިމަތިލުމަށް ހުޅުވާލުމުން ކުރިމަތިލި 1242 ޒުވާނުންގެ ތެރެއިން، ފުރަތަމަ ބުރުގެ ސިލެކްޝަން ޕްރޮސެސް ގައި ހޮވުނު 343 ޒުވާނުން މިއަދު ތަމްރީނަށް ގޮސްފައި. އެގޮތުން، ރާއްޖޭގެ 107 ރަށަކުން، ޢުމުރުން 16 އަހަރާއި 29… pic.twitter.com/Am8wF6lLxP
— Dr Mohamed Muizzu (@MMuizzu) September 17, 2025
ދިފާޢީ ވުޒާރާގެ ދަށުން ކުރިއަށްގެންދަވާ ދިވެހި ޥަޡަނީ ޚިދުމަތުގެ ޕްރޮގްރާމް ރައީސުލްޖުމްހޫރިއްޔާ ޢިއުލާންކުރެއްވީ މިދިޔަ އަހަރުގެ ނަސްރުގެ ދުވަހުގައެވެ. ޕްރޮގްރާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލިތާ ދެމަސްތެރޭ 1200 އަށްވުރެ ގިނަ ޒުވާނުން ޕްރޮގްރާމަށް ކުރިމަތިލާފައިވާކަމަށް ދިފާޢީ ވުޒާރާއިން ވިދާޅުވެއެވެ.
ދިވެހި ވަތަނީ ޚިދުމަތުގެ ތަމްރީނު ޕްރޮގްރާމުގެ ފުރަތަމަ ބުރަށް ބައިވެރިން ހޮވުމުގެ މަރުޙަލާ ބާއްވާފައިވަނީ، މާލެ ސިޓީ، ހއ. ދިއްދޫ، ކުޅުދުއްފުށި ސިޓީ، ށ. ފުނަދޫ، ނ. މަނަދޫ، ރ. އުނގޫފާރު، އދ. މަހިބަދޫގެ އިތުރުން، ފ. ނިލަންދޫ، ތ.ވޭމަންޑޫ، ލ. ގަން އަދި އައްޑޫ ސިޓީ ހިތަދޫގައެވެ.
މި މަރުޙަލާގައި ބައިވެރިން އިންޓަރވިއުއާއި މެޑިކަލް ޓެސްޓްތަކާއި އެޕްޓިޓިއުޑް ޓެސްޓްގެ އިތުރުން ފިޓްނަސް ޓެސްޓްތައް ވެސް ފުރިހަމަކޮށްފައިވެއެވެ.