ޚަބަރު

ޖުޑީޝަރީއަށް ބްލޮކް ގްރާންޓެއް ދޭން ނިންމެވީ ސަރުކާރުގެ ނުފޫޒު ޖުޑިޝަރީއަށް ނޯންނާނެކަން ކަށަވަރުކޮށްދިނުމަށް: ރައީސް


  • ރައީސް ވިދާޅުވީ ބްލޮކް ގްރާންޓްގެ ގޮތުގައި ވަކި ޢަދަދެއް ކަނޑައަޅާ، ވަކި އެކައުންޓަކަށް ޖަމާކުރާނެކަމަށް

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ނަމުގައި ވަކި އެކައުންޓެއް ހުޅުވާ، ޖުޑީޝަރީއަށް ބްލޮކް ގްރާންޓެއް ދޭން ނިންމެވީ ސަރުކާރުގެ ނުފޫޒުން ޖުޑިޝަރީ މިނިވަންވެފައި އޮތްކަން ކަށަވަރުކޮށްދެއްވުމަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ރައްޔިތުންނާއެކު ޕޮޑްކާސްޓްގައި ވާހަކަދައްކަވަމުންނެވެ.

ރައްޔިތުންނާއެކު ޕޮޑްކާސްޓްގައި ވާހަކަފުޅުދައްކަވަމުން، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ، ދައުލަތުގައި މިހާރު އޮތް ނިޒާމުގެ ސަބަބުން ޖުޑިޝަރީގެ މަސައްކަތްތަކަށް ވަރަށް ބޮޑަށް ހުރަސް އެޅޭކަމަށެވެ. ރައީސް ވިދާޅުވީ މިނިސްޓްރީ އޮފް ފިނޭންސުން އެހެން މުވައްސަސާތަކަށް އަންގާ އުސޫލުން އަހަރުގެ ވަކި ހިސާބަށް ދިޔުމުން ޚަރަދު ކުޑަކުރުމަށް ޖުޑިޝަރީއަށްވެސް އަންގާކަމަށެވެ. އަދި އޭގެ ސަބަބުން ދައުލަތުގެ އެއްބާރު ވަރަށް ބޮޑަށް، ނިކަމެތިވެގެންދާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

"ތިއީ ވަރަށް މުހިންމު ބަދަލެއް. ޖުޑިޝަރީ މިހާރު މި ހިނގާ ގޮތަކީ، މިހާރުއޭ މި ދެންނެވީ ފެށުނީއްސުރެ މިއަދާ ހަމައަށް. މިހެން ހިނގަމުން އަންނަ ގޮތަކީ، ފިނޭންސް މިނިސްޓްރީން އެހެން މިނިސްޓްރީތައް ކޮންޓްރޯލްކުރާހެން ކޮންޓްރޯލްކުރާ ތަނެއް އެއީ އިނގޭތޯ. އަހަރުގެ މެދަކާ ހިސާބަށް ދިޔައިމާ، ފިނޭންސް މިނިސްޓްރީއިން ދާނެ ސަރކިއުލަރއެއް ހުރިހާ އޮފީހަކަށް. މިހާ ހިސާބުން ޚަރަދު ކުޑަކޮށްލީއޭ. ފަހު ތިން މަހަށް، ހަތަރުމަހަށް ދިޔައިމާ، ހަމަ ބޮޑުތަނުން ކަނޑާވެސްލާނެ. ޖުޑީޝަރީއަށްވެސް އެހެން އިނގޭތޯ."ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިހާރު އޮތްގޮތުން، ޖުޑިޝަރީ ހިންގުމުގެ ހުރިހާ ކޮންޓްރޯލެއް އޮންނަނީ ސަރުކާރަށްކަމަށާއި އެގޮތުން ބަޖެޓު ހިފަހައްޓާލުމާއެކު، މުޅި ޖުޑިޝަރީ ސަރުކާރަށް ހިފަހައްޓާލެވޭނެކަން ރައީސް ފާހަގަކުރެއްވިއެވެ. އެހެންކަމުން އެކަމަށް ޙައްލެއް ގެނެސް ސަރުކާރުގެ ނުފޫޒުން ޖުޑިޝަޜީ މިނިވަން ކުރުމަށް ވަކި ޚާއްސަ އެކައުންޓެއް ހުޅުވާ، ބްލޮކް ގްރާންޓްގެ ގޮތުގައި ކޮންމެ އަހަރަކުވެސް ވަކި ޢަދަދެއް ބަޖެޓުގައި ޖުޑިޝަރީއަށް ޚާއްސަކުރުމަށް ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން މި ނިންމީ، ކެބިނެޓުގައި މަޝްވަރާކޮށްފައި، މި އަހަރުން ފެށިގެން މިއަންނަ އަހަރަށް ހުށަހަޅާ ބަޖެޓުން ފެށިގެން، މިހާތަނަށް މިއޮތް ނިޒާމު، މި އޮތްގޮތް އެއްކޮށް ބަދަލުކޮށްލަން. ދައުލަތުގެ ބަޖެޓުގެ ވަކި އިންސައްތައެއް އެއީ، އަބަދުވެސް ޖުޑިޝަރީއަށް ދޭ އަދަދުކަމުގައި ކަނޑައަޅައި، އެ އަދަދު ބްލޮކް ގްރާންޓްގެ އުސޫލުން ޖަމާކޮށްދޭ ގޮތަށް ވަކި އެކައުންޓެއް ހުޅުވާފައި." ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިހާތަނަށް ބަޖެޓުގެ ތެރެއިން، އެއްވެސް އަހަރަކު ޖުޑިޝަރީއަށް ނުދޭވަރުގެ ބޮޑު ބަޖެޓް ސީލިންއެއް އަންނަ އަހަރު ދެއްވާނެކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، ސުޕީރިއާ ކޯޓު ކޮމްޕްލެކްސް އިމާރާތުގެ މަސައްކަތް މިއަހަރު ހުޅުމާލޭގައި ފެށިގެންދާނެކަމަށެވެ. އެކަމަށް ހުޅުވާލުމުން އެއްވެސް ފަރާތަކުން ކުރިމަތިލާފައިނުވާތީ ދެވަނަ ފަހަރަށް ހުޅުވާލިކަން ފާހަގަކުރައްވާ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކުރިއަށް އޮތް ދެމަހެއްހާ ދުވަހުގެ ތެރޭގައި އެތަނުގެ ޢަމަލީ މަސައްކަތް ފެށޭވަރުވާނެކަމަށް އުއްމީދުކުރައްވާކަމަށެވެ.

ޕޮޑްކާސްޓްގައި ވާހަކަފުޅުދައްކަވަމުން ސަރުކާރުގެ ނުފޫޒު ޖުޑިޝަރީއަށް ނުފޯރުވާނެކަމަށް ވިދާޅުވާ ވިދާޅުވުން އެމަނިކުފާނު ވަނީ ތަކުރާރުކުރައްވާފައެވެ. އެގޮތުން ކޯޓުތަކުގައި ހިނގާ މައްސަލަތަކާއި، ނިންމާގޮތް އެއީ ސަރުކާރުގެ އެއްވެސް އޮފީހަކުން ބަލާނެކަމެއް ނޫންކަމަށްވެސް ރައީސް ވިދާޅުވިއެވެ.