ރެއާލް މެޑްރިޑުގެ އައު ކޯޗު ޒަބީ އަލޮންސޯ ކުޅުވާ ސްޓައިލްގެ ސަބަބުން އޭނާއަށް ޓީމުގައި ލިބޭ ދައުރު ހަނިވާކަމަށް ދެކި، ބްރެޒިލްގެ ފޯވާޑް ވިނީޝިއުސް ޖޫނިއަރ ހިތްހަމަނުޖެހުން ފާޅުކޮށްފިއެވެ.
ސްޕޭނުގެ ނޫސްތަކުން ބުނާ ގޮތުގައި ރެއާލް އަށް އެންމެ ފަހުން ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާކޮށްދިން ވިނީޝިއުސް އަށް މިހާރު ޓީމުގައި ލިބޭ ރޯލު ތަފާތެވެ. އެއް ސަބަބަކީ ފްރާންސްގެ ކެޕްޓަން ކީލިއަން އެމްބާޕޭ ހުސްވި ސީޒަނުގައި ޓީމާ ގުޅުމުގެ ސަބަބުން ފޯވަޑް ލައިނުގައި ދެ ކުޅުންތެރިންނަށް ވެސް ހަމަހަމަ ރޯލެއް ދޭން ޖެހުމެވެ. މީގެ ސަބަބުން ކުރިން ވިނީޝިއުސް އަށް ލިބޭހާ ގިނަ ބޯޅަތަކެއް މިހާރު އޭނާ އަށް ނުލިބެ އެވެ.
އަނެއްކޮޅުން އަލޮންސޯ ކޯޗުކަމާ ހަވާލުވި ފަހުން ވިނީޝިއުސް ލައްވައި ދަނީ ބޮޑަށް ޑިފެންސް ކުރުވަމުންނެވެ. ކުރީގެ ކޯޗު ކާލޯ އަންޗެލޯޓީގެ ދުވަސްވަރު އޭނާ އަކީ ޓީމުގެ ކުރީގައި ހުންނަ އެންމެ އިސް ފޯވަޑެވެ. ނަމަވެސް ޒަބީ އަލޮންސޯ ބޭނުންވަނީ ހުރިހާ ކުޅުންތެރިން ވެސް ދިފާއު ކުރާ ވަގުތު އެކަމުގައި ބައިވެރިވާށެވެ. މިއީ ވިނީޝިއުސް ބޭނުންވާ ގޮތެއް ނޫނެވެ.
މިކަން ރަނގަޅަށް ނުކުރެވޭތީވެ މި ސީޒަނުގައި މިހާތަނަށް ކުޅުނު ތިން މެޗުގެ ތެރެއިން އެއް މެޗުގައި އޭނާ ކުޅެން ނުކުތީ ފުރަތަމަ ހާފު ބެންޗުގައި އިނދެފަ އެވެ. އަދި ތިން މެޗުގައި ވެސް އޭނާ ވަނީ 90 މިނިޓް ފުރިހަމަ ކުރަން ފުރުސަތު ނުލިބިފަ އެވެ. ކޮންމެ މެޗެއްގައި ގަވާއިދުން ބަދަލު ކުރާ ކުޅުންތެރިއަކަށް އޭނާ ބަދަލުވިއިރު އަލޮންސޯގެ ޕްލޭނުގައި އިސް ފޯވަޑެއްގެ ފުރުސަތު ލިބެނީ އެމްބާޕޭ އަށެވެ.
ވިނީޝިއުސް އަކީ ސައުދީ އަރަބިއާއިން އެ ގައުމުގެ ލީގަށް ގެންދަން ވަރަށް ބޮޑަށް ބޭނުންވާ ކުޅުންތެރިއެކެވެ. އެނާ އަކީ ސައޫދީގެ ޓުވަރިޒަމް އެމްބެސެޑަރެއް ވެސްމެ އެވެ. މިކަމާ ހުރެ ރެއާލް މެޑްރިޑްގެ ކޮންޓްރެކްޓް އާ ކުރުމަށް އޭނާއާއެކު ދައްކަމުންދިޔަ ވާހަކަތަކަށް ވެސް ވަނީ މަޑުޖެހުން އައިސްފަ އެވެ. ވިނީޝިއުސް ބޭނުންވަނީ އެމްބާޕޭއަށްވުރެ މުސާރަ ބޮޑު ކުރާށެވެ. ނަމަވެސް ރެއާލްއިން ބޭނުންވަނީ މިހާރު ވެސް ކުޅޭ މުސާރައިގައި ވިނީޝިއުސް ކޮންޓްރެކްޓް އާ ކުރުމަށެވެ.