ޚަބަރު

އަލީބާބާއާއެކު ކުރި މަސައްކަތުން ދިވެހި ވިޔަފާރިތަކަށް ފަހިވީ އާމްދަނީ ލިބޭނެ މަގު: ވަޒީރު ސަޢީދު


  • މުޅި ދުނިޔެއަށް ދިވެހި އުފެއްދުންތައް ވިއްކުމުގެ ފުރުސަތު ފަހިވެފައިވާކަމަށް

  • ބައިނަލްއަޤްވާމީ ބާޒާރުގައި ތަކެތި ވިއްކުމާގުޅޭ ގިނަ މައުލޫމާތުތަކެއް އަލިބާބާއިން ދޭނެ

އަލީބާބާއާއެކު ކުރަމުންދާ މަސައްކަތްތަކުން ދިވެހި ވިޔަފާރިތަކުގެ އުފެއްދުންތަކުން، އާމްދަނީ ލިބޭނެ މަގު ފަހިވެފައިވާކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، "ފްރޮމް މޯލްޑިވްސް ޓު ގްލޯބަލް މާކެޓް" ގެ ނަމުގައި އަލީބާބާއާއެކު ކުރިއަށްގެންދިޔަ ވޯކްޝޮޕް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

މި ވޯކްޝޮޕް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ، މިއީ ރާއްޖެއަށް ތާރީހީ ދުވަހެއްކަމަށެވެ. މި ފެށިގެން ދިޔައީ ދިވެހިންގެ އުފެއްދުންތައް މުޅި ދުނިޔެއަށް ފޯރުކޮށްދިނުމުގެ މަސައްކަތްކަމަށެވެ. އަދި މި މަސައްކަތް ފެށިގެން މި ދިޔައީ ރާއްޖެއިން ޗައިނާއާއެކު ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުންކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު ސަޢީދު ވިދާޅުވީ، މި ވޯކްޝޮޕްގައި 600އަށްވުރެ ގިނަ އަދަދަކަށް މީހުން ބައިވެރިވެފައިވާކަމަށެވެ. މިހާރުވެސް ވިޔަފާރީގައި މަސައްކަތްކުރާ 250 މީހުން ވޯކްޝޮޕްގައި ބައިވެރިވެފައިވާކަމަށާއި އަދި އޮންލައިންކޮށް ބައިވެރިވެފައިވާ ފަރާތްތަކާއިއެކު މި އަދަދު މިއަށްވުރެންވެސް އިތުރުވެގެންދާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.

އަލީބާބާ ޑޮޓް ކޮމްގައި ދިވެހި އުފެއްދުންތައް ވިއްކޭނެ މަގު ދިވެހިންނަށް ފަހިވެގެންދިއުމަކީ ދިވެހި ވިޔަފާރިތަކަށް އޭގެ ސަބަބުން ބޮޑު ފައިދާއެއް ކުރާނެކަމެއްގެ ގޮތުގައި ވަޒީރު ސިފަކުރެއްވިއެވެ. އަލީބާބާ އިން ތަކެތި ގަންނަ މީހުންގެ އަދަދު 40 މިލިޔަނަށް އަރައެވެ. މިއީ 200 ގައުމުގެ މީހުންނެވެ. އަލީބާބާއާއިއެކު ގުޅިގެން ކުރާ މަސައްކަތުން ދިވެހި ވިޔަފާރިތަކުގެ އުފެއްދުންތައް އާމްދަނީ ލިބޭނެ މަގު ފަހިވެފައިވާކަމަށާއި މުޅި ދުނިޔެއަށް ދިވެހި އުފެއްދުންތައް ވިއްކުމުގެ ފުރުސަތު ފަހިވެފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

"އަލީބާބާގެ ފްލެޓްފޯމްތަކުން ދިވެހި ވިޔަފާރިތަކަށް 40 މިލިޔަން ބަޔާސްއާއި ކަނެޓްކޮށްދޭނެ. އެއީ 200 އެއްހައި ގައުމު. މިއީ ދުވާލަކަށް 400،000 ޑެއިލީ އިންކުއަރީސް. ވިޔަފާރިތަކުން ހަމައެކަނި އެމީހުންގެ އުފެއްދުންތަކެއް ނޫން ވިއްކަނީ. މުޅި ދުނިޔެއަށް އެ ވިއްކަނީ ދިވެހިންގެ ސަޤާފަތާއި ދިވެހިވަންތަކަން." ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، މި ވޯކްޝޮޕްގެ ތެރެއިން ދިވެހި ވިޔަފާރިތަކަށް މުހިންމު ގިނަ މައުލޫމާތުތަކެއް ލިބިގެންދާނެކަމަށެވެ. އެގޮތުން ބައިނަލްއަޤްވާމީ ބާޒާރަށް ބޭނުންވާ ފެންވަރަށް އުފެއްދުންތައް ތައްޔާރުކުރުމާއި، ލޮޖިސްޓިކްގެ މަސައްކަތްތައް ކުރިއަށްގެންދާނެ ގޮތްތަކާއި އަދި މި ނޫންވެސް ވިޔަފާރިތަކަށް ބޭނުންވާ ގިނަ މައުލޫމާތުތަކެއް ލިބިގެންދާނެކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވިއެވެ.