ޚަބަރު

"އެފްޓީއޭއާއެކު ޗައިނާގެ ޓެކްނޮލޮޖީތައް ރާއްޖެއަށް ތަޢާރަފުވެ، އިންވެސްޓްކުރަން ފަސޭހަ ގޮތްތަކެއް ފަހިވި"


  • މެނޭޖްކުރުމުގެ އެކި ތަޖުރިބާތައް ރާއްޖެއަށް ގެނައުމުގެ މަގުފަހިވިކަމަށް ސަފީރު ވިދާޅުވި

  • ގިނަ ދާއިރާތަކުން ރާއްޖެ ކުރިއަރާދިއުމަށް މަގުފަހިވާނެކަމަށްވެސް ވިދާޅުވި

ރާއްޖެއާއި ޗައިނާއާ ދެމެދު އެކުލަވާލާފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމާއެކު ޗައިނާގެ ޓެކްނޮލޮޖީތައް ރާއްޖެއަށް ތަޢާރަފުވެ، އިންވެސްޓްކުރަން ފަސޭހަ ގޮތްތަކެއް ފަހިވިކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޝިއަންހުއާ ވިދާޅުވެއްޖެއެވެ.

ސަފީރު މިހެން ވިދާޅުވީ ދުނިޔޭގެ އެންމެ ފުޅާދާއިރެއްގައި ހިންގާ އޮންލައިން ވިޔަފާރި އެއް މަންސަކަމުގައިވާ އަލިބާބާއާ ގުޅިގެން ސަރުކާރުން ބާއްވާ ފްރޮމް މޯލްޑިވްސް ޓު ގްލޯބަލް މާކެޓްސް ވޯކްޝޮޕްގައި ވާހަކަފުޅުދައްކަވަމުންނެވެ.

ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޝިއަންހުއާ ވިދާޅުވީ މިނިވަން ވިޔަފާރީގެ އެއްބަސްވުމާއެކު ފުރުޞަތުތައް ފަހިވެފައިވަނީ ހަމައެކަނި ވިޔަފާރީގެ ދާއިރާއިން އެކަނި ނޫން ކަމަށެވެ. އެގޮތުން ޗައިނާގެ ކުންފުނިތަކަށް ރާއްޖޭގައި އިންވެސްޓްކުރަން ފަސޭހަ ގޮތްތަކެއް ފަހިވެ، އައު ޓެކްނޮލޮޖީއާއި ވިޔަފާރީއެއް މެނޭޖްކުރުމުގެ އެކި ތަޖުރިބާތައް ރާއްޖެއަށް ގެނައުމުގެ މަގުފަހިވެގެންގޮސްފައިވާކަމަށް ސަފީރު ވިދާޅުވިއެވެ. އަދި މީގެ ސަބަބުން ވަރަށް ގިނަ ދާއިރާތަކުން ރާއްޖެއަށް ކުރިއެރުން ލިބޭނެކަން ސަފީރު ފާހަގަކުރެއްވިއެވެ.

"މެރި ކަލްޗަރއާއި މަހުގެ ބާވަތްތައް އުފެއްދުމާއި އިޢާދަކުރަނިވި ހަކަތަ ބޭނުންކުރުމާއި ޑިޖިޓަލް އިކޮނޮމީގެ އިތުރުން ދަނޑުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް މަގުފަހިވެގެންދާނެ." ޗައިނާ ސަފީރު ވިދާޅުވިއެވެ.

ފްރޮމް މޯލްޑިވްސް ޓު ގްލޯބަލް މާކެޓްސް ފޯރަމްގައި އަލިބާބާ މެދުވެރިކޮށް ގިނަ މަޢުލޫމާތުތަކެއް ދިވެހި ވިޔަފާރިވެރިންނަށް ލިބޭނެކަން ފާހަގަކުރައްވަމުން ސަފީރު ވިދާޅުވީ މި ތަމްރީންތަކާއެކު ދިވެހި ވިޔަފާރިތައް ބައިނަލްއަޤުވާމީ ބާޒާރަށް ފުޅާކުރުމަށް ދޮރު ހުޅުވޭނެކަމަށެވެ.

"ފްރޮމް މޯލްޑިވްސް ޓު ގްލޯބަލް މާކެޓްސް ފޯރަމް"ގެ ނަމުގައި އަލިބާބާއާ ގުޅިގެން އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ބާއްވާ ވޯކްޝޮޕުގައި 600 އަށްވުރެ ގިނަ މީހުން ބައިވެރިވެފައިވެއެވެ. މިވޯކްޝޮޕްގައި މަޢުލޫމާތު ހިއްސާކުރާނީ އަލިބާބާ ޕްލެޓްފޯމުގެ މަތީ ފަންތީގެ ފަރާތްތަކުންނެވެ.

އެގޮތުން ސެލަރ އެކައުންޓު ހުޅުވުމުގެ އިތުރަށް، ދިވެހިންގެ އުފެއްދުންތައް އަލިބާބާގައި އިސްތިހާރުކޮށް ވިއްކުމަށާއި އެ ޕްލެޓްފޯމުގެ އޭއައި މެދުވެރިކޮށް އެންމެ ފަހުގެ ޓްރެންޑުތައް ދެނެގަންނާނެ ގޮތްތައް ފޯރަމްގައި ކިޔައިދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ސަބަބުން އަލިބާބާގެ ވެބްސައިޓުގައި އޮންލައިންކޮށް މުދާ ވިއްކާ އަދި އެކި ޚިދުމަތްތައް ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެކަމަށް އިޤުތިޞާދީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.