ޚަބަރު

ރަސްމީ ދަތުރުފުޅެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޕާކިސްތާނަށް


  • މިއީ ފަސް ދުވަހުގެ މުއްދަތަކަށް ކުރައްވާ ދަތުރުފުޅެއް

  • ޕާކިސްތާނުގެ ސަރުކާރުގެ ބައެއް އިސް ވެރިންނާ ބައްދަލުކުރައްވާނެ

ރަސްމީ ދަތުރުފުޅެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ޢަބްދުއްރަޙީމް ޢަބްދުﷲ ޕާކިސްތާނަށް ފުރާވަޑައިގެންފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވިދާޅުވީ މިއީ އެމަނިކުފާނު ޕާކިސްތާނުގެ ވެރިރަށް، އިސްލާމްއާބާދަށް ކުރައްވާ ރަސްމީ ދަތުރުފުޅެއް ކަމަށެވެ.

މިމަހުގެ 16 އިން 20 އަށް ކުރައްވާ މި ދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހުގައި، ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދާއި މަނަދޫ ދާއިރާގެ މެންބަރު ޙުސްނީ މުބާރިކާއި ގަމު ދާއިރާގެ މެންބަރު ޔޫސުފް ނަޝީދު އަދި ހުޅުމާލެ މެދު ދާއިރާގެ މެންބަރު ޢަބްދުﷲ ޝަޛީމް ބައިވެރިވެވަޑައިގަންނަވައެވެ.

މަޖިލީހުގެ ރައީސްގެ މި ދަތުރުފުޅުގައި ޕާކިސްތާނުގެ ސަރުކާރުގެ ބައެއް އިސް ވެރިންނާ ބައްދަލުކުރައްވާގޮތަށް ހަމަޖެހިފައިވާ ކަމަށް މަޖިލީހުން ވިދާޅުވިއެވެ.