ފަތުރުވެރިކަމާބެހޭ ވަޒީރު ޠާރިޤު އިބްރާހިމް، ކުރީގެ ފަތުރުވެރިކަމާބެހޭ ވަޒީރު އަޙްމަދު މުޖުތަބާއާ ބައްދަލުކުރައްވައި، ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ކުރިއަރަމުންދާ މިސްރާބާއި މުސްތަޤުބަލަށްޓަކައި ގެންގުޅުއްވާ ޚިޔާލުފުޅުތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވައިފިއެވެ.
މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ، ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށް މިހާރު އަންނަމުންދާ ބަދަލުތަކާއި، ކުރިމަގުގައި އެ ދާއިރާ އަށް އަންނާނެ ކުރިއެރުންތަކާ ގުޅޭގޮތުން ތަޖުރިބާ ހިއްސާކުރުންކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.
ދެޞޭފުޅުން ވަނީ ރާއްޖޭގެ ފަތުރުވެރިކަން މިހާރު ކުރިއަރަމުން އަންނަ ގޮތާއި، މުސްތަޤުބަލުގައި މި ދާއިރާއަށް އަންނާނެ ބަދަލުތަކާއި، މި ދާއިރާ އިތުރަށް ތަރައްޤީކުރުމަށްޓަކައި އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.
މި ބައްދަލުވުމުގައި ދެބޭފުޅުންވެސް ވަނީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ހަރުދަނާކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށްޓަކައި، ދެފަރާތުގެ ވިސްނުންތައް އެއްގޮތްކޮށް، ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަމުގެ މައްޗަށް ބައްލަވައިލައްވާފައެވެ. މިފަދަ ބައްދަލުވުންތަކަކީ ދާއިރާގެ ކުރީގެ ތަޖުރިބާކާރުންނާއި މިހާރުގެ އިސްވެރިންނާ ދެމެދު ގުޅުން ބަދަހިކޮށް، ގައުމީ މަސްލަހަތު ރައްކާތެރިކުރުމަށް ވަރަށް މުހިންމު ކަންކަންކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.