އެއްފަހަރާ އެންމެ ގިނަ މީހުން ފީނައިގެން (ސްނޯކަލް) ގިނިސް ވަރލްޑް ރިކޯޑް ފޮތުން ޖާގަހޯދުމަށް ރާއްޖޭގައި ހަރަކާތެއް ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މި ހަރަކާތް ބޭއްވުމަށް ބ.އަތޮޅު ކައުންސިލުން ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން އާއި މިހާރު ވަނީ ގުޅިފައެވެ. "ބާނި" ގެ ނަމުގައި ބާއްވާ މި ހަރަކާތް އޮންނާނީ އަންނަ އޮކްޓޯބަރު މަހު 18 ވަނަ ދުވަހުއެވެ.
1000ށްވުރެ ގިނަ ބައިވެރިންނާއެކު ބާއްވާ މިހަރަކާތް އޮންނާނީ މާޅޮސްމަޑުލު ދެކުނުބުރީ ވިލިނގިލިފަރު ފިނޮޅުގައެވެ. މިހަރަކާތުގެ ތެރެއިން މިސަރަހައްދުގެ ފަރުގެ މުއްސަނދިކަން މިހަރަކާތުން ދުނިޔެއަށް ދައްކާލަދޭނެކަމަށް ވިޒިޓް މޯލްޑިވްސްއިން ވަނީ ބުނެފައެވެ.
ބ.އޭދަފުއްޓާ 10 މިނެޓް ދުރުމިނުގައި އޮންނަ މިފިނޮޅަކީ ވަރަށް ގިނަ އަދަދަކަށް ކިރު ދޫނި ޖަމާވާ ފިނޮޅެކެވެ. ދުނިޔޭގެ ސަމާލުކަން ހޯދާނެ މިހަރަކާތާއެކު، މިއީ ރާއްޖޭގެ މުއްސަނދިކަން ދައްކާލުމަށް އެންމެ އެކަށީގެންވާ އެއް ސަރަޙައްދެވެ.
ފީނުމުގެ ރިކޯޑް މުގުރާލުމަށް ބައިވެރިން ފީނާ ފަޅަކީ ތަފާތު ބާވަތުގެ މުރަކައާއި މަސްމަހާމެހިން މުއްސަނދި ފަރެއްވެސްމެއެވެ. މި ސަބަބުތަކާހުރެ، މި ހަރަކާތަކީ ރިކޯޑެއް މުގުރާލުމުގެ ހަރަކާތެއްގެ އިތުރުން ދުނިޔެއަށް ރާއްޖޭގެ ޤުދުރަތީ ރީތިކަމާއި ރާއްޖޭގެ ރަށްތަކާއި ފަރުތަކުގެ ދިރުމުގެ މުއްސަނދިކަން ތަފާތުގޮތަކަށް ދައްކާލުމަށް ލިބޭ ފުރުސަތެއްގެ ގޮތުގައި ވިޒިޓް މޯލްޑިވްސްއިން ވަނީ ފާހަގަކޮށްފައެވެ. އަދި މިހަރަކާތުގެ ސަބަބުން ރާއްޖޭގެ ޤުދުރަތީ ވަސީލަތްތައް ހިމާޔަތްކޮށް ދެމެހެއްޓެނިވި ތަރައްޤީއަށް ކުރަމުންދާ މަސައްކަތްތަކާއި، އިކޯ-ފަތުރުވެރިކަން ޕްރޮމޯޓްކުރުމަށް ފުރުސަތު ލިބިގެންދާނެއެވެ.
ބ.އަތޮޅު ކައުންސިލުން ތައްޔާރުކޮށްފައިވާ ރަޖިސްޓްރޭޝަން ޕޯޓަލް މެދުވެރިކޮށް "ބާނި" ހަރަކާތުގައި ބައިވެރިވުމަށް މިހާރު ރަޖިސްޓްރީ ކުރެވޭނެއެވެ. އަދި 18 އޮކްޓޯބަރުގައި މިހަރަކާތުގައި ބައިވެރިވުމަށް ވިލިގިލިފަރު ފިނޮޅަށް ދަތުރުކުރުމުގެ އިންތިޒާމު ބ.އަތޮޅުގެ ކޮންމެ ރަށަކުންވެސް ލިބޭނެ އިންތިޒާމު އަތޮޅު ކައުންސިލުން ވަނީ ހަމަޖައްސާފައެވެ.