ޚަބަރު

ހާލަންޑުގެ ދެ ލަނޑާއެކު ޔުނައިޓެޑް އަތުން ސިޓީ މޮޅުވެއްޖެ


ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓަރ ޑާރބީގައި މެންޗެސްޓަރ ޔުނައިޓެޑާއި ދެކޮޅަށް މެންޗެސްޓަރ ސިޓީ ކުޅުނު މެޗު 3-0 ގެ ނަތީޖާއަކުން ސިޓީ މޮޅުވެއްޖެ އެވެ.

ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މި މެޗަށް މެންޗެސްޓަރ ސިޓީ ނިކުތްއިރު ކޯޗު ޕެޕް ގަޑިއޯލާ ވަނީ އެ ޓީމާއި އަލަށް ގުޅުނު އިޓަލީގެ ގޯލުކީޕަރު ޖިއާންލުއިޖީ ޑޮންނަރޫމާ ފުރަތަމަ ޓީމުގައި ހިމަނާފަ އެވެ.

ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގެ 18 ވަނަ މިނިޓުގައި ސިޓީ އިން ވަނީ ލަނޑު ޖަހާ ކުރި ހޯދާފަ އެވެ. މި ލަނޑަކީ އަރިމަތިން ޖެރެމީ ޑޯކޫ ނަގައިދިން ހުރަހެއް ބޮލުން ޖަހާ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ފިލް ފޯޑެން ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.

ފުރަތަމަ ހާފުގައި އިތުރު ލަނޑެއް ފެނިފައިނުވި ނަމަވެސް ދެވަނަ ހާފުގެ ކުޅުން ފެށުނުތާ އަށްވަނަ މިނިޓުގައި ޖެރެމީ ޑޯކޫގެ އެސިސްޓަކުން އާލިން ހާލަންޑް ވަނީ އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ.

މި މެޗުގައި މެންޗެސްޓަރ ސިޓީ އިން ޖެހި ތިންވަނަ ލަނޑަކީ މެޗުގެ 68 ވަނަ މިނިޓުގައި އާލިން ހާލަންޑް ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.

މެންޗެސްޓަރ ޔުނައިޓެޑަށް މި މެޗުގައި ލިބުނު އެންމެ ރަގަޅު ފުރުސަތުގައި ބްރަޔަން އެމްބުއޭމޯ ފޮނުވާލި ބާރު ހަމަލާ ސިޓީގެ ގޯލުކީޕަރު ޑޮންނަރޫމާ ވަނީ ވަރަށް ހުށިޔާރު ކަމާއެކު މަތަކޮށްފަ އެވެ.

ޔުނައިޓެޑް އަތުން ސިޓީ މި މެޗުގައި މޮޅުވުމާއިއެކު އެ ޓީމު ވަނީ އެންމެ ފަހުން މި ދެ ޓީމު ބައްދަލުކުރި 9 މެޗުގެ ތެރެއިން 6 މެޗުން މޮޅުވެފަ އެވެ.

އަންނަ ބުރާސްފަތި ދުވަހު ޗެމްޕިއަންސް ލީގުގައި ނަޕޮލީ އާއި ދެކޮޅަށް މެންޗެސްޓަރ ސިޓީ ނިކުންނައިރު ޔުނައިޓެޑް ދެން ކުޅޭނީ ޕްރިމިއާ ލީގުގައި އަންނަ ހޮނިހިރު ދުވަހު ޗެލްސީ އާއި ދެކޮޅަށެވެ.