ކުޅިވަރު

އޭޝިޔާ، އެފްރިކާ އަދި ޔޫރަޕުގެ ޓީމުތަކާ އެކު ބްރެޒިލް ކުޅެނީ


އަންނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމަށް ބްރެޒިލުން ދުނިޔޭގެ އެކި ހިސާބުތަކަށް ނިސްބަތްވާ ޓީމުތަކާއެކު އެކުވެރިކަމުގެ މެޗުތަކެއް ކުޅެން ރާވަން ފަށައިފި އެވެ.

ބްރެޒިލްގެ މި ވިސްނުމުގެ ފަހަތުގައި ހުރި މީހަކީ ދުނިޔޭގެ ކުލަބު ފުޓްބޯޅައިގެ އެންމެ ތަޖުރިބާކާރު ކޯޗު ކާލޯ އަންޗެލޯޓީ އެވެ.

އޭނާ ބްރެޒިލާ ހަވާލުވީ މިދިޔަ ޖޫން މަހު އެވެ. އެއަށް ފަހު މިހާތަނަށް އަންޗެލޯޓީ ކުރި މަސައްކަތަކަކީ ކުޅުންތެރިން ޓެސްޓް ކުރުމެވެ. މިއަށްފަހު މިހާރު އޭނާގެ އިރުޝާދުގެ ދަށުން ބްރެޒިލުން ތައްޔާރުވަމުން އަންނަނީ ދުނިޔެގެ ތިން ބައްރެއްގެ ޓީމުތަކާއެކު އެކުވެރިކަމުގެ މެޗުތަކެއް ކުޅުމަށެވެ.

"އޭޝިޔާ އާއި އެފްރިކާގެ ޓީމުތަކާ ދެކޮޅަށް ކުޅުމަކީ ވަރަށް މުހިންމު ކަމެއް. މިހެންވެ އަހަރުމެން ތައްޔާރުވަމުން މިދަނީ މި އަހަރުގެ ފަހުކޮޅު އަދި އަންނަ އަހަރުގެ ކުރީކޮޅު މި ދެ ބައްރުގެ ޓީމުތަކާއެކު މެޗުތަކެއް ކުޅެން. މި ގޮތުން ކޮންމެ ބައްރަކުން ވެސް ގަދަ ދެ ގައުމަކާއެކު މެޗުތަކެއް ކުޅޭނެ،" ބްރެޒިލްގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ތަރުޖަމާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޔޫރަޕުގެ ވަރުގަދަ ގައުމުތަކާ ދެކޮޅަށް ބްރެޒިލުން ކުޅެން ބޭނުންވަނީ އަންނަ އަހަރުގެ ވޯލްޑް ކަޕާ ގާތް ކޮށްފައި ކަމަށެވެ.

އެންމެ ފަހުގެ ތިން ވޯލްޑް ކަޕުގައި ވެސް ބްރެޒިލަށް މުބާރާތާ އަލްވަދާއު ކިޔަން ޖެހުނީ ޔޫރަޕުގެ ޓީމުތަކާ ވާދަކޮށްގެންނެވެ. މީގެ އިތުރުން އޭޝިޔާގެ ޓީމުތައް އަތުން މޮޅުވުމަކީ ވެސް އޮތީ ދަތިކަމަށްވެފަ އެވެ. މިހެންވެ ބްރެޒިލުން މިހާރު ތައްޔާރުވަމުން އަންނަނީ ކުރީ ވޯލްޑްކަޕުގައި ދިމާވި ކަންތައްތަކުން މި ފަހަރު އަރައިގަތުމަށެވެ.

ފަސް ފަހަރު ވޯލްޑް ކަޕް ކާމިޔާބުކޮށްފައިވާ ބްރެޒިލް އަކީ ދުނިޔޭގެ އެންމެ ކާމިޔާބު ޓީމެވެ. ނަމަވެސް އެ ގައުމަށް އެންމެ ފަހުން ވޯލްޑް ކަޕް ކާމިޔާބު ކުރެވުނީ 2002 ވަނަ އަހަރު އެވެ. މިހެންވެ މިއީ ވޯލްޑް ކަޕް ކާމިޔާބު ނުކުރެވި ބްރެޒިލް އެންމެ ދިގު މުއްދަތެއް ހޭދަ ކުރަން ޖެހުނު ފަހަރުކަމުގައި ވަނީ ވެފަ އެވެ. ބްރެޒިލްގެ ކޯޗުން ދޫކޮށްލައި ޔޫރަޕުގެ ކާމިޔާބު ކޯޗަކާއެކު ބްރެޒިލް މަސައްކަތް ފެށީ މިހެންވެ އެވެ.