އައްޑޫ ގަން އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ގަމުގެ، މަގު ތަރައްޤީކުރުމުގެ މަސައްކަތް ނިންމާލައިފިއެވެ.
ގަން އިންޓަރނޭޝަނަލް އެއަރޕޯޓުގެ މަޝްރޫޢުގެ ދަށުންވަނީ 4.3 ކިލޯމީޓަރުގެ މަގުވަނީ ތަރައްޤީކޮށްފައެވެ.
އައްޑޫ ސިޓީ ގަން އިންޓަރނޭޝަނަލް އެއަރޕޯޓަކީ ދެކުނުގެ ތަރައްޤީއަށް މުހިންމު މަޝްރޫޢެކެވެ. އައްޑޫގައި ފަތުރުވެރިކަން ދިރުވުމަށް ވޭތުވެދިޔަ އެކި ސަރުކާރުތަކުން މަސައްކަތްކޮށްފައިވީނަމަވެސް އެކަން އެކަށީގެންވާގޮތުގައި ކުރިއަށްނުދާ މައިގަނޑު ސަބަބަކީ އައްޑޫގެ އެއަރޕޯޓު ރަނގަޅު ފެންވަރަކަށް ތަރައްޤީވެފައި ނެތުންކަން އެކި ފަރާތްތަކުން ފާހަގަކުރައްވައެވެ. އެހެންކަމުން އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން، އައްޑޫ ގަން އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްޤީކުރުމުގެ މަސައްކަތް ފައްޓަވާފައެވެ.
ޕީއެސްއެމްނިއުސްއަށް މަޢުލޫމާތު ދެއްވަމުން އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓް ކޮމްޕެނީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ވަޙީދު ޙުސެއިން ވިދާޅުވީ، މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް ނިމިފައިވާކަމަށެވެ. އަދި މިހާރުކުރިއަށްދަނީ މަގުތަކުގައި ކުރަހަންޖެހޭ ޓްރެފިކް ނިޝާންތައް ކުރެހުމުގެ މަސައްކަތްތައްކަން ފާހަގަކުރެއްވިއެވެ.
މެނޭޖިން ޑިރެކްޓަރ މުހައްމަދު ވަހީދު ވިދާޅުވީ، އެއަރޕޯޓުގައި މިވަގުތު ކުރިއަށްދާ އެންމެ މައިގަނޑު މަސައްކަތަކީ، އެއަރޕޯޓުގެ ޓަރމިނަލްގެ ދެފަރާތަށް އިތުރުކުރާ އެކްސްޓެންޝަން ޓަރމިނަލް ޢިމާރާތުގެ މަސައްކަތްކަމަށެވެ. އެގޮތުން އެއްފަޅިއަށް 15 މީޓަރު އަދި އަނެއް ފަޅިއަށް 75 މީޓަރުގެ ޢިމާރާތެއް މިހާރު ހުރި ޓަރމިނަލްގެ ދެފަރާތުންދަނީ ތަރައްޤީކުރަމުންނެވެ. ތާވަލުގައި މިއަހަރުގެ ނިޔަލަށް އަދި އެގޮތަށް މަސައްކަތް ކުރަމުންދިޔަނަމަވެސް، އެއަށްވުރެ މަސައްކަތް ދިގުލައިގެން ދިޔުމުގެ ފުރުސަތު އޮތްކަން އޭނާވަނީ ފާހަގަކުރައްވާފައެވެ.
އެމްޑީ ވިދާޅުވީ، އެއަރޕޯޓުގެ ޚިދުމަތްތައް މެދުކަނޑާނުލާ މަސައްކަތް ކުރިއަށްގެންދިޔުމަކީ ބޮޑު ގޮންޖެހުމެއްކަމަށެވެ. އެހެންނަމަވެސް އަންނަ އަހަރުގެ ކުރީކޮޅަށް މިމަސައްކަތް ނިންމައި މިހާރު ބޭނުންކުރަމުންދާ ޓަރމިނަލް ތަރައްޤީކުރުމުގެ މަސައްކަތް ފެށޭނެކަމަށް ވިދާޅުވިއެވެ. މިޓާމިނަލަކީ އަހަރަކު 1.5 މިލިޔަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭ ފެންވަރަށް، ޒަމާނީ ވަސީލަތްތަކާއެކު ތަރައްޤީކުރާ ޓާމިނަލެކެވެ.
ގަން އިންޓަރނޭޝަނަލް އެއަރޕޯޓުގެ މަގުތައް ތަރައްޤީކުރުމަށް ގަމުގައި ހުރި ދުވަސްވީ ހިޔާދޭ ބޮޑެތި ގަސްތައް ކަނޑާލުމަކީ އައްޑޫ ރައްޔިތުންގެ އޮތް ބޮޑު ޝަކުވާއެކެވެ. އެހެންކަމުން މަގުތަކުގެ މަސައްކަތް ނިމުމާއެކު މަގުތަކުގެ ދެފަރާތުން ހިޔާދޭ ބޮޑެތި ގަސްތައް އިންދާ ގަން ފެހިކުރުމުގެ މަސައްކަތްވެސް ކުރިއަށްދާކަން އައްޑޫ އެއަރޕޯޓްސް ކޮމްޕެނީން ވިދާޅުވެއެވެ.
އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްޤީކުރުމުގެ މަސައްކަތް އެކި ފިޔަވަހިތަކުގައި ވޭތުވެދިޔަ 10 އަހަރު ތެރޭގައިވަނީ ކުރިއަށްގެންގޮސްފައެވެ. މިއެއަރޕޯޓަކީ 3000 މީޓަރުގެ ދިގު ރަންވޭއަކާއެކު ރާއްޖޭގައި ކޯޑް އީ ކެޓަގަރީގެ އެއަރކްރާފްޓް، ބޮއިން 777ގެ ބޮޑެތި ފްލައިޓް ޖެއްސޭ ފެންވަރަށް ތަރައްޤީކޮށްފައިވާ އެއަރޕޯޓެކެވެ.