ޚަބަރު

އަލިބާބާއާ ގުޅިގެން ހިންގާ ވޯކްޝޮޕަށް ބޮޑު ތަރުހީބެއް


  • ވޯކްޝޮޕް އޮންނާނީ މިމަހުގެ 16ގައި

  • އަތޮޅުތެރޭގެ ވިޔަފާރިވެރިންނަށް މި ވޯކްޝޮޕްގައި އޮންލައިންކޮށް ބައިވެރިވެވޭނެ

ރާއްޖޭގައި އީކޮމާރސްއާއި އޮންލައިން ވިޔަފާރިކުރާ އަދި އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ޚާއްސަކޮށްގެން އަލީބާބާއާ ގުޅިގެން ބާއްވާ އޮންލައިން ވޯކްޝޮޕްގައި ބައިވެރިވުމަށް މިހާތަނަށް 260އަށްވުރެ ގިނަ ފަރާތުން ރަޖިސްޓްރީވެފައިވާކަމަށް އިޤްތިސާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

އަލީބާބާއާ ގުޅިގެން ބާއްވާ އޮންލައިން ވޯކްޝޮޕަކީ، އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއާއި ދުނިޔޭގެ ނަން މަޝްހޫރު އީކޮމަރސް ޕްލެޓްފޯމްތަކާއެކު ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރިއަށްގެންދާ ވޯކްޝޮޕެކެވެ.

ރާއްޖޭގެ އީކޮމާރސް އަދި އޮންލައިން ވިޔަފާރިކުރާ އަދި އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ޚާއްސަކޮށްގެން ބާއްވާ މި ވޯކްޝޮޕް އޮންނާނީ މިމަހުގެ 16ވަނަ ދުވަހު ބާސެލޯ ނަސަންދުރާގައެވެ. އަތޮޅުތެރޭގެ ވިޔަފާރިވެރިންނަށް މި ވޯކްޝޮޕްގައި އޮންލައިންކޮށް ބައިވެރިވެވޭނެއެވެ.

އަލިބާބާއާ ގުޅިގެން ބާއްވާ ވޯކްޝޮޕްއާ ގުޅޭގޮތުން ޕީއެސްއެމްނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އިޤްތިސާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޢަބްދުﷲ ސިޔާޒް ވިދާޅުވީ، ރާއްޖޭގެ ވިޔަފާރިތަކަށް އަލީބާބާ ޑޮޓް ކޮމްގެ ޕްލެޓްފޯމްގައި އެފަރާތްތަކުގެ މުދާ އޮންލައިންކޮށް ވިއްކުމުގެ ފުރުޞަތު ލިބުމަކީ، ރާއްޖެފަދަ ޤައުމަކަށް ލިބޭނެ ބޮޑު ކާމިޔާބީއެއްކަަމަށެވެ.

"ދިވެހި ވިޔަފާރިތަކަށް އަލިބާބާގައި ލިސްޓުކުރުމަށް މި ފުރުޞަތު ލިބުނީމަ، މި ލިބެނީ މުޅި ދުނިޔެއަށް ޕްރޮޑަކްޓް ވިއްކުމުގެ ޖާގައެއް. މި ފަދަ ފުރުސަތެއް ލިބުމަކި ރާއްޖެފަދަ ޤައުމަކަށް ލިބޭނެ ވަރަށް ބޮޑު ކާމިޔާބެއް. ރާއްޖޭގަ ޑިސްޕްލޭ ކޮށްގެން ރާއްޖޭގަ ޝޯ ރޫމް ބަހައްޓައިގެން ފޮޓޯ ޑިޖިޓަލީ ޝޯރޫމްއެއް ކްރިއޭޓް ކޮށްގެން މުޅި ދުނިޔެއަށްއ އެ ފުރުޞަތު އެބައޮތް" ސިޔާޒު ވިދާޅުވިއެވެ.

ދުނިޔޭގައި އެންމެ ފުޅާ ދާއިރާއެއްގައި ބޭނުންކުރާ އީކޮމާރސް ޕްލެޓްފޯމްތަކުގައި ދިވެހީންނަށް ސެލަރ އެކައުންޓްސް ހުޅުވޭނެގޮތް ހަދައިދީ، މި ޕްލެޓްފޯމްތަކުގައި އޮންލައިން ވިޔަފާރި ކުރެވޭނެގޮތް ހަމަޖައްސަވައިދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދެކެވެ.

އެ ވަޢުދުފު ފުއްދެވުމުގެ މަސައްކަތް ސަރުކާރުން އަބަދުވެސް ކުރައްވަމުން އަންނަކަން އިޤްތިސާދީ ތަރައްޤީއާބެހޭ ވުޒާރާއިން ފާހަގަކުރައްވައެވެ.

ރާއްޖެއިން ބޭރުގެ އޮންލައިން ޕްލެޓްފޯމްތައް ބޭނުންކޮށްގެން ވިޔަފާރިކުރެވޭނެ ފަހި ގޮތްތައް ހަމަޖައްސަވައިދެއްވުމަކީ ސަރުކާރުގެ އަމާޒެކެވެ.