އެކުވެރިކަމުގެ މެޗުތަކެއް ކުޅެން ނޭޕާލަށް ދިޔަ ބަންގަލްދޭޝްގެ ގައުމީ ފުޓްބޯޅަ ޓީމު ސިފައިންގެ އެހީގައި ގައުމަށް ގެނެސްފިއެވެ.
ބަންގަލްދޭޝްގެ އެއަރފޯސްގެ ޚާއްސަ ފްލައިޓެއްގައި އެ ގައުމުގެ ގައުމީ ޓީމު ގެނައީ ނޭޕާލްގައި ހަމަނުޖެހުން ބޮޑުވެ މެޗު ކެންސަލްވުމުންނެވެ. ނޭޕާލާއެކު އެކުވެރިކަމުގެ ދެ މެޗު ކުޅެން ދިޔަ ޓީމު އެންމެ ފުރަތަމަ ގެންނަން އުޅުނީ އަންގާރަ ދުވަހު އެވެ. ނަމަވެސް ނޭޕާލްގައި ކުރަމުންދާ މުޒާހަރާތަކާއި ހަމަނުޖެހުންތަކާހުރެ ތާށިވެފައިތިބި ޓީމު ގެނެވޭގޮތް ނުވީއެވެ.
ބަންގްލަދޭޝްގެ ފުޓްބޯޅަ ފެޑަރޭޝަނުން ބުނީ ނޭޕާލް ސަރުކާރާ ދެކޮޅަށް އެ ގައުމުގެ ޒުވާނުން ފެށި ހަޅުތާލުތަކާއެކު އެންމެ ފުރަތަމަ ވެސް އިސްކަންދިނީ ކުޅުންތެރިންގެ ސަލާމަތަށް ކަމަށެވެ. އަދި ނޭޕާލުން ގައުމީ ޓީމު ގެނައުންވީ ވެސް އެންމެ ފުރަތަމަ ގިނަ މަސައްކަތްތަކެއް ކުރަން ޖެހުނު ކަމަކަށް ކަމަށެވެ.
ނޭޕާލްގައި ހިނގަމުންދާ ހަމަނުޖެހުންތަކާހުރެ އެ ގައުމުގެ ގައުމީ ޓީމު ކުޅެން ޖެހުނު މެޗުތައް ހުއްޓިފައިވާއިރު ނޭޕާލް ލީގުވެސް ދެން ފަށާނެ ދުވަހެއް ވަނީ ނޭނގުމުގެ ތެރޭގައެވެ.