ތުޅާދޫގައި ތަރައްޤީކުރާ ހޮސްޕިޓަލާއި، މުވައްޒަފުންގެ އެކޮމިޑޭޝަން ބްލޮކް ރޭނުމުގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާކަމަށް މަސައްކަތުގެ ކޮންޓްރެކްޓަރ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އެމްޓީސީސީން ވިދާޅުވެއްޖެއެވެ. މިދެއިމާރާތުގެވެސް ގާތްގަނޑަކަށް 90 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް އެމްޓީސީސީން ވިދާޅުވެއެވެ.
އާބާދީގައި ގާތްގަނޑަކަށް 3000 އެއްހާ މީހުން ދިރިއުޅޭ ބ.ތުޅާދޫއަކީ އަތޮޅުގައި ދެވަނައަށް އެންމެ ބޮޑު އާބާދީއެއް އޮތް ރަށެވެ. ލޯކަލް ޓޫރިޒަމް ފުޅާވަމުން އަންނަ ތުޅާދޫއަށް އޮތް އެންމެ ބޮޑު އެއްމައްސަލައަކީ ސިއްޙީ ޚިދުމަތް އެކަށީގެންވާގޮތުގައި ލިބެން ނެތުމުގެ ކަންބޮޑުވުމެވެ. މިކަމަށް ޙައްލެއް ގެނައުމަށް އެރަށުގައި 30 އެނދުގެ ހޮސްޕިޓަލެއް ތަރައްޤީކުރުމުގެ މަސައްކަތް ސަރުކާރުންވަނީ 2023 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ފަށްޓަވާފައެވެ.
މިމަޝްރޫޢުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އެމްޓީސީސީއާއެވެ. މިމަސައްކަތުގެ ދަށުން 30 އެނދުގެ ހޮސްޕިޓަލް އިމާރާތާއެކު އެކުންފުނިންދަނީ ހޮސްޕިޓަލުގައި ތަރައްޤީކުރާ އެކޮމޮޑޭޝަން ބްލޮކްގެ މަސައްކަތްވެސް ކުރަމުންނެވެ. އެގޮތުން ހޮސްޕިޓަލް ޢިމާރާތް ރޭނުމުގެ 90 އިންސައްތަ މަސައްކަތާއެކު ކޮންކްރީޓް ސްޓްރަކްޗަރގެ މަސައްކަތްވަނީ ނިމުމަކާއި ގާތްވެފައެވެ. އަދި އެކޮމޮޑޭޝަން ބްލޮކްގެވެސް ރޭނުމުގެ 90 އިންސައްތަ މަސައްކަތްނިމި މިހާރުދަނީ ފުރަތަމަ ފަންގިފިލާގައި ކުރިއަށްގެންދާ ރޭނުމުގެ ބައެއް މަސައްކަތްތަކާއި އަދި ފުރާޅު ހެދުމަށް ބޭނުންވާ ސްޓްރަކްޗަރގެ މަސައްކަތްތައްކަމަށް އެމްޓީސީސީން ވިދާޅުވެއެވެ.
Project Update: Construction of B. Thulhaadhoo Hospital
— MTCC Plc (@MTCCPlc) September 9, 2025
Masonry works of the accommodation block have reached 90% completion. First-floor masonry works are currently ongoing, and preparations for casting the roof slab are complete.
Follow more updates at:… pic.twitter.com/YjFdSnQhnX
30 އެނދުގެ ހޮސްޕިޓަލުގެ މަސައްކަތް 2023 ވަނަ އަހަރުގެ ޖުލައި މަހު ފަށާފައިވަނީ 18 މަސްދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ. މަސައްކަތް ލަސްވެފައިވީނަމަވެސް މިހާރު ހޮސްޕިޓަލުގެ މަސައްކަތް ބާރަށް ކުރިއަށްދާކަމަށް އެކުންފުނިން ފާހަގަކުރެއެވެ. އެމްޓީސީސީއާއި މިމަސައްކަތް ހަވާލުކޮށްފައިވަނީ 124 މިލިއަން ރުފިޔާއަށެވެ.
ތުޅަދޫގައި އިތުރުވަމުންދާ އާބާދީއާއެކު އެރަށުގައި ރަނގަޅު ފެންވަރުގެ ސިއްޙީ ޚިދުމަތް ލިބުމަކީ ރައްޔިތުންގެ ނުހަނު ބޮޑު އުއްމީދެކެވެ. މިވަގުތު އެރަށުގައި ޚިދުމަތްދެމުންދަނީ ސިއްޙީ މަރުކަޒުންނެވެ. އަދި ސިއްޙީ މައްސަލަތަކާއެކު ރަށުގެ ރައްޔިތުން އަތޮޅު ހޮސްޕިޓަލު ހުންނަ އޭދަފުއްޓަށް ނުވަތަ މާލެއަށް ދަތުރުކުރަން މަޖުބޫރުވެއެވެ. އެހެންކަމުން މިހޮސްޕިޓަލާއެކު އެރަށުގައި އިތުރު ސްޕެޝަލިޓީތަކުގެ ޚިދުމަތްތައް ފެށި ސިއްޙީ ޚިދުމަތަށް ބޮޑު ބަދަލެއް އަންނާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ. ބ އަތޮޅުގައި ތަރައްޤީވެގެން އަންނަ ދެވަނަ ހޮސްޕިޓަލާއެކު މުޅި އަތޮޅުގެ ސިއްޙީ ނިޒާމަށްވެސް ހެޔޮ ބަދަލެއް އަންނާނެކަމަށް އަތޮޅު ރައްޔިތުން އުއްމީދުކުރެއެވެ.