ޚަބަރު

ތަރިކަ ދިރާސާވެރިން އުފައްދަން ޚާއްސަ ސްކޮލަރޝިޕެއް


  • ސްކޮލަރޝިޕްގެ ތެރެއިން 40 ފުރުޞަތުދޭނެ

  • ކުރިމަތިލުމުގެ ފުރުޞަތު މިމަހުގެ 25 ވަނަ ދުވަހަށް ހަމަވާނެ

ތަރިކައިގެ ދާއިރާއިން ކިޔެވުމަށް 40 ސްކޮލަރޝިޕް ފުރުޞަތު ދިނުމަށް ނިންމާފައިވާކަމަށް ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒު ވިދާޅުވެއްޖެއެވެ.

"ސިގްނޭޗަރ ރިސަރޗް ސްކޮލަރޝިޕް"ގެ ނަމުގައި ތަޢާރަފުކުރި މި ސްކޮލަރޝިޕަކީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ މާސްޓަރސް ޑިގްރީއެއް ހާސިލުކުރެވޭ ގޮތަށް، ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުން ސްޕޮންސަރކުރާ ދިރާސީ މަސައްކަތްކުރުމުގެ ފުރުސަތެކެވެ. މީގެ މަޤުޞަދަކީ ދިވެހި ތަރިކައިގެ ޢިލްމު އުފައްދައި، ޤާބިލު ތަރިކަވެރީންތަކެއް އުފެއްދުންކަމަށް ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުން ވިދާޅުވިއެވެ.

މި ސްކޮލަރޝިޕްގައި ދިނުމަށް ހަމަޖެހިފައިވަނީ 40 ފުރުޞަތެވެ. މި ސްކޮލަރޝިޕްގައި ފުރިހަމަކުރަންޖެހޭނީ އިސްލާމީ ޔުނިވަރސިޓީން ކުރިއަށްގެންދާ މާސްޓަރ އިން ރިސަރޗް އެންޑް ޕަބްލިކޭޝަންސް ޕްރޮގުރާމެވެ. ސްކޮލަރޝިޕްގެ ދަށުން ހިންގާ ދިރާސީ މަސައްކަތްތަކުގެ މުއްދަތަކީ 2 އަހަރު ދުވަހެވެ. މި މަސައްކަތުގެ ތެރެއިން ކޮންމެ މަހަކު 2 ދުވަހު ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުގައި މަސައްކަތްކުރަން ޖެހޭނެއެވެ.

ތަރިކަ ދިރާސާކުރާ މަރުކަޒުން ވިދާޅުވީ މި ސްކޮލަރޝިޕްގައި ބައިވެރިވާ މީހުންނަށް ތަރިކައިގެ ދާއިރާގެ ކޮންމެވެސް އެއް ފަންނެއް ދަސްކުރުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ. އަދި މި ސްކޮލަރޝިޕްގައި ބައިވެރިވާ ފަރާތްތަކަށް ތަރިކައިގެ ދާއިރާގެ ޢިލްމީ އަދި ދިރާސީ ފޮތްތައް ޝާއިޢުކުރުމުގެ ފުރުސަތު ލިބޭނެކަމަށްވެސް އެ މަރުކަޒުން ވިދާޅުވިއެވެ.

މި ސްކޮލަރޝިޕްގެ ދަށުން ދައްކަންޖެހޭ ކޯސް ފީ ދައްކައިދޭނީ ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުންނެވެ. އެ މަރުކަޒުން ވަނީ ސްކޮލަރޝިޕްގައި ބައިވެރިވުމަށް އެދި ހުށައެޅުމުގެ ފުރުޞަތު މިމަހުގެ 25 ވަނަ ދުވަހުގެ މެންދުރުފަހު 14:00ޖެހުމާ ހަމައަށް ހުޅުވާލާފައެވެ. ސްކޮލަރޝިޕަށް އެދި ގޫގުލް ފޯމް ލިންކެއް މެދުވެރިކޮށް ހުށައެޅޭނެއެވެ. މި ލިންކު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައިވާ ސްކޮލަރޝިޕާ ގުޅޭ އިޢުލާނުގައިވަނީ ހިމަނާފައެވެ. މި ސްކޮލަރޝިޕްގައި ބައިވެރިވެވޭނީ ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7، 8 ނުވަތަ 9ގެ ސަނަދެއް ހާސިލުކޮށްފައިވާ މީހުންނަށް އެކަންޏެވެ.