ޚަބަރު

ލީގު ފެށުމުން ޤައުމީ ޓީމުން ނެރޭ ނަތީޖާތައް ރަނގަޅުވާނެ، ބޮޑު ބަދަލެއް އަންނާނެ: ސަމޫހު


ފުޓްބޯޅަ ލީގު ފެށުމުން ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށާއި، އިރާދުކުރެއްވިޔާ ކުރިޔަށް އޮތްތަނުގައި ޤައުމީ ޓީމުގެ ނަތީޖާތައް ރަނގަޅުވެންދާނެ ކަމަށް ޤައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން ސަމޫހު އަލީ ބުނެފިއެވެ.

ސައުތު އޭޝިއަން ސުޕަ ކަޕްގެ ކާމިޔާބީއަށްފަހު އިއްޔެ ރާއްޖެ އައިސް މީޑިއާތަކަށް ދިން އިންޓަވިއުއެއްގައި ސަމޫހު ބުނީ ސައުތު އޭޝިއަން ސުޕަ ކަޕްގައިވެސް ލީގު ނެތުމުގެ އުނދަގޫ ކުރިމަތިވި ކަމަށެވެ. އެހެންނަމަވެސް ދެން އޮތްތަނުގައި ލީގު ފެށިގެން ކުރިޔަށްދާއިރު ގައުމީ ޓީމުން ނެރޭ ނަތީޖާތައް ކުރިޔަށް ވުރެ ރަނގަޅުވާނެ ކަމަށެވެ.

ސައުތު އޭޝިއަން ސުޕަކަޕްގެ ކާމިޔާބީއަށް އިޝާރާތްކުރަމުން ސަމޫހު ބުނީ މިއީ ވަރަށް އުފާވެރި ކާމިޔާބީއެއް ކަމަށާއި، މިއީ ހުރިހާ ކުޅުންތެރިން އެކުވެރިކަމާއެކު ކުރި ބުރަ މަސައްކަތުން ހޯދުނު ކާމިޔާބީއެއް ކަމަށެވެ.

ސައުތު އޭޝިއަން ސުޕަ ކަޕަށް ތައްޔާރުވުމުގެ ގޮތުން ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ފަރިތަކުރުންތަކަށް އިއުލާނުކުރުމާއި ހަމައިން ފެށިގެންވެސް ހުރިހާ ކުޅުންތެރިންގެ އަމާޒަކަށްވީ ސައުތު އޭޝިއަން ސުޕަ ކަޕްގެ ތަށި ކާމިޔާބުކޮށްގެން ރާއްޖެ އައުން ކަމަށް ސަމޫހް ބުންޏެވެ.

ސަމޫހު ބުނީ ލަންކާ އަތުން ހޯދުނު ބޮޑު ކާމިޔާބީގެ އެއް ހިއްސާދާރަކީ ދިވެހި ސަޕޯޓަރުން ކަމަށާއި، ސަމޫހު ބުނީ ސަޕޯޓަރުން ނުލާ ފުޓްބޯޅަ ފުރިހަމަ ނުވާނެ ކަމަށެވެ. ސަޕޯޓަރުންނާއި ނުލާ މިމުބާރާތް ކާމިޔާބު ނުކުރެވޭނެ ކަމަށްވެސް ގައުމީ ޓީމުގެ ކެޕްޓަން ބުންޏެވެ.

”ސަޕޯޓަރުން ނުލާ ފުޓުބޯޅަ އަސްލު ފުރިހަމައެއް ނުވާނެ. ސަޕޯޓަރުން ކުރި ހިތްވަރަށް ވަރަށް ބޮޑު ޝުކުރު ދަންނަވަން. ހުރިހާ ޕްލޭޔަރުންގެ ފަރާތުންނާއި މެނޭޖްމެންޓްގެ ފަރާތުން“ ސަމޫހު ބުންޏެވެ.

ސަމޫހު ބުނީ ހުރިހާ ކުޅުންތެރިންވެސް މަސައްކަތް ކުރީ އެންމެންގެ ހިޔާލުތަކާއި އެންމެންގެ ޝުއޫރުތައް އަޑުއަހައިގެން ކަމަށާއި، ކަންކަން ނިންމުމުގައިވެސް އެންމެންގެ ހިޔާލަށް ރިއާޔަތް ކުރާ ކަމަށެވެ.

ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފެށިގެން ހިނގައިގަތީމަ އަނެއްކާވެސް ގައުމީ ޓީމުގެ ކުޅުމަށް ބަދަލުތައް އަންނާނެ ކަމަށާއި، ކުރިޔަށް ހުރި އޭޝިއަން ކަޕް ކޮލިފައިންގެ މެޗުތަކުން އެ ތަފާތު ފެންނާނެ ކަމަށް ސަމޫހު ފާހަގަ ކުރިއެވެ.

ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފެށުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު 15 ގައި ކުޅޭ ޗެރިޓީ ޝީލްޑް މެޗުންނެވެ. ގިނަ ބަޔަކު އިންތިޒާރުކުރަމުން އައި ލީގު ދެ އަހަރެއްހާ ދުވަހުގެ މެދުކެނޑުމަކަށްފަހު ފެށިގެންދާއިރު މިއަހަރުގެ ލީގުގައި 10 ޓީމަކުން ވާދަކުރާނެއެވެ. އެފްއޭއެމްގެ އުންމީދަކީ މިއަހަރުގެ ލީގު ފެށުމުން ކުލަބުތަކުގެ ސަޕޯޓަރުން އަނެއްކާވެސް ދަނޑަށް ވަދެ ފުޓްބޯޅައިގެ ފޯރިއާއި ޖޯޝު ގަލޮޅު ދަނޑަށް ގެނައުމެވެ.