ޚަބަރު

ފްލެޓު ތަޅުދަނޑި ހަވާލުކުރުމަށް ތާވަލްކުރާނީ ޕޯޓަލް އަދި އެސްއެމްއެސްގެ ޒަރީއާއިން


  • ފަހި ޕޯޓަލުން ތަޅުދަނޑި ހަވާލުކުރުމަށް އަންގާނެ

  • ފުރަތަމަ ހަވާލުކުރަނީ 14ވަނަ ޓަވަރުގެ ފްލެޓުތައް

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ 4000 ހައުސިން ޔުނިޓުތަކުގެ ތަޅުދަނޑި ހަވާލުކުރުމުގެ މަސައްކަތް ފަށަން ނިންމާފައިވާއިރު ތަޅުދަނޑި ހަވާލުކުރަން އެކުންފުނީގެ ޕޯޓަލް އަދި އެސްއެމްއެސް މެދުވެރިކޮށް ތާވަލުކުރެވޭނެ ކަމަށް ފަހިދިރިއުޅުން ކޯޕަރޭޝަން، އެފްޑީސީން ވިދާޅުވެއްޖެއެވެ.

އެފްޑީސީން ވަނީ މާދަމާއިން ފެށިގެން 14ވަނަ ޓަވަރުގެ ޔުނިޓުތަކުގެ ތަޅުދަނޑިހަވާލުކުރުމުގެ މަސައްކަތް ފެށުމަށް ނިންމަވާފައެވެ. އެގޮތުން، ފަހި ޕޯޓަލް މެދުވެރިކޮށް އެ މަސައްކަތް ފަށައި ފްލެޓް ހަވާލުކުރެވޭ ފަރާތްތަކަށް އަންގަމުންދާނެ ކަމަށް އެ ކުންފުނިން ވިދާޅުވިއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އެފްޑީސީން ވިދާޅުވީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރަމުންދާ ހައުސިން ޔުނިޓް ހަވާލުކުރުމަށް ހަމަޖެހިފަވަނީ ނިމިފައިވާ ޓަވަރުތަކަށް އިސްކަންދީގެންކަމަށެވެ. އެގޮތުން އެންމެ ފުރަތަމަ ހަވާލުކުރާނީ އަމާން އުދަރެސް މަޝްރޫޢުގައި ހިމެނޭ 16 ޓަވަރުގެތެރެއިން 14ވަނަ ޓަވަރުކަމަށެވެ.

މި ފްލެޓްތައް ހަވާލުކުރާއިރު އެ ޓަވަރެއްގެ ފެނާއި ކަރަންޓާއި ނަރުދަމާގެ މަސައްކަތް ފުރިހަމަކުރެވިފައި ހުންނާނެ ކަމުގެ ޔަގީންކަން އެފްޑީސީން ދެއްވައެވެ. އެފްޑީސީން ވިދާޅުވީ ފުރަތަމަ ފްލެޓް ހަވާލުކުރާނީ، ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ނަން ފޮނުއްވާފައިވާ މީހުންގެތެރެއިން އެއްބަސްވުމުގައި ސޮއިކޮށް ނިމި އަދި ސެކިއުރިޓީ ޑިޕޮސިޓް ދައްކާފައިވާ ފަރާތްތަކަށްކަމަށެވެ.

މިހާތަނަށް 3000އަށްވުރެ ގިނަ މީހުންނާއެކު، ފްލެޓްގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ. މިހާރު ޑިޕޮސިޓް ފައިސާ ދެއްކުމުގެ ފުރުސަތު އެ ފަރާތްތަކަށް މިހާރު ވަނީ ހުޅުވާލާފައެވެ.

ވީ އެންމެ އަވަސް މުއްދަތެއްގެ ތެރޭގައި ފްލެޓް ލިބުނު ފަރާތްތަކާ ފްލެޓް ހަވާލުކުރުމަކީ އަމާޒެއް ކަމަށް އެފްޑީސީން ވިދާޅުވިއެވެ.