ޚަބަރު

ފޮރެސްޓުގެ ކޯޗަކަށް ޕޮސްޓެކޮގްލޫ ހަމަޖައްސައިފި


އިނގިރޭސި ޕްރިމިއަރ ލީގުގެ ކުލަބު ނޮޓިންހަމް ފޮރެސްޓުގެ ކޯޗަކަށް ޓޮޓްނަމް ހޮޓްސްޕަރގެ ކުރީގެ ކޯޗު އެންޖޭ ޕޮސްޓެކޮގްލޫ ހަމަޖައްސައިފިއެވެ.

އަންގާރަ ދުވަހު ފޮރެސްޓްގެ ކޯޗު ކަމުން ނޫނޯ އެސްޕިރީޓޯ ސަންޓޯ ވަކިކޮށްފައިވަނީ އޭނާ އާއި ފޮރެސްޓްގެ ވެރިޔާ ގްރީސްގެ އެވަންޖެލޮސް މަރިނާކިސް އާއި ދެމެދު އޮތް ގުޅުން ގޯސްވެފައިވާ ކަމަށް އޭނާ ބުނެފައިވަނިކޮށެވެ.

ފޮރެސްޓް އިން އިއްޔެ ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެ ކްލަބުގެ ކޯޗުގެ މަގާމަށް ޕޮސްޓެކޮގްލޫ ހަމަޖައްސާފައިވާ ކަމަށާއި އަދި މިއީ މުބާރާތްތައް ކާމިޔާބުކުރުމަށް އެ ކްލަބުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ނިންމާފައިވާ ނިންމުމެއް ކަމަށެވެ.

ކުރިން އޮސްޓްރޭލިއާގެ ގައުމީ ޓީމަށްވެސް ކުޅެފައިވާ ޕޮސްޓެކޮގްލޫ ވަނީ ފާއިތުވެދިޔަ 17 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް މިދިޔަ އަހަރު ޓޮޓްނަމް ހޮޓްސްޕަރ އަށް މުބާރާތެއް ކާމިޔާބުކޮށްދީފަ އެވެ. އޭނާގެ އިރުޝާދުގެ ދަށުން ޓޮޓްނަމް އިން ވަނީ މެންޗެސްޓަރ ޔުނައިޓެޑް ބަލިކޮށް ޔޫރޮޕާ ލީގު މިދިޔަ ސީޒަނުގައި ކާމިޔާބުކޮށްފަ އެވެ.

ޕޮސްޓެކޮގްލޫ ފޮރެސްޓްގެ ކޯޗު ކަމާއި ހަވާލުވެފައިވަނީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެފައިވީ ނަމަވެސް އެއްވެސް ފަރާތަކުން ރަސްމީކޮށް އެކަން ކަށަވަރު ކޮށްދީފައެއް ނުވެއެވެ.

ޓޮޓްނަމް ހޮޓްސްޕަރގައި ހޭދަކުރި ދުވަސްތަކުގައި ޕޮސްޓެކޮގްލޫ އަބަދުވެސް ބުނަމުން ގޮސްފައިވަނީ އޭނާ އަކީ ދެވަނަ އަހަރު ތަށި ހޯދާ މީހެއް ކަމަށާއި އަދި އެކަން އޭނާގެ ޓްރެކް ރިކޯޑްތަކުން ފެންނަން އޮންނާނެ ކަމަށެވެ.

ޕޮސްޓެކޮގްލޫ ވަނީ މީގެ ކުރިން އޮސްޓްރޭލިއާގެ ގައުމީ ޓީމުގެ އިތުރުން ޖަޕާނުގެ ޔޮކޮހާމާ އެފް މެރީނޯސް އާއި ސެލްޓިކް އަށް ކޯޗު ކޮށްދީފަ އެވެ.