ދީން

ޙައްޖަށްދާ މީހުންނަށް މަޢުލޫމާތުދިނުމުގެ ޕްރޮގްރާމް ފަށައިފި


މިއަހަރު ޙައްޖަށްދާ މީހުންނަށް ޙައްޖާބެހޭ މަޢުލޫމާތުދިނުމުގެ ބައްދަލުވުންތައް ބާއްވަން ފަށައިފިއެވެ.

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނާއެކު މިއަހަރު ފަސް ޖަމާޢަތަކުން މީހުން ޙައްޖަށް ގެންދިޔުމަށް ހަމަޖެހިފައިވެއެވެ. މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ބުނީ، އެ ކޯޕަރޭޝަނުން ޙައްޖަށް ގެންދާ މީހުންނަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުންތައް ރޭ ފަށާފައިވާކަމަށެވެ.

މިގޮތުން ރެއިން ފެށިގެން ފަސްދުވަހަށް ކުރިޔަށްދާ މި ބައްދަލަވުންތައް ކުރިއަށްދަނީ ދަރުބާރުގޭގައެވެ. އަމިއްލަ ޖަމާޢަތެއްކަމަށްވާ އަލްޙަރަމައިން ޙައްޖު ގުރޫޕުންވަނީ އެ ގްރޫޕްގެ ބެލުމުގެ ދަށުން ޙައްޖަށްދާ މީހުންނަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުންތައް އިއްޔެ ފަށާފައެވެ.

މި ބައްދަލުވުންތައް ބާއްވާފައިވަނީ އަޙްމަދިއްޔާ ސްކޫލް ހޯލްގައިކަމަށް އެ ޖަމާޢަތުން ބުނެއެވެ. ޒައީމާ ޙައްޖުން ގްރޫޕްގެ ފަރާތުން ބާއްވާ ބައްދަލުވުންތައް މިއަދު ހެނދުނު ވަނީ ޢަރަބިއްޔާ ސްކޫލް ހޯލްގައި ފަށާފައެވެ.

މިއަހަރު ފަސް ޖަމާޢަތަކުން މީހުން ޙައްޖަށް ގެންދިޔުމަށް ހަމަޖެހިފައިވާއިރު އަންނަ ހޯމަދުވަހުން ފެށިގެން ދިވެހިން ޙައްޖަށް ފުރަން ފަށާނެއެވެ.