މާލެ ސަރަހައްދުގައި މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ކުރިއަށްގެންދިޔަ ލޭބަރ ފޯސް ސަރވޭ ލޯންޗްކޮށްފިއެވެ. މި ސަރވޭ ލޯންޗްކޮށްދެއްވީ އިންޓަނޭޝަނަލް ލޭބަރ އޮގަނައިޒޭޝަންއިން ސްރީލަންކާއާއި ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރ ޖޯނީ ސިމްސަނެވެ.
ރާއްޖޭގެ ލޭބަރ މާކެޓާ ބެހޭ ސަރވޭތައް ކުރުމާއި ވަޒީފާގެ ބާޒާރާއި ބެހޭ ތަފާސްހިސާބު އެއްކުރުމަކީ "ދިވެހިރާއްޖޭގެ ތަފާސްހިސާބު ޤާނޫނު" ގެ ދަށުން މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއަށް ހަވާލުކޮށްފައިވާ މަސްއޫލިއްޔަތެކެވެ. މާލެ ސަރަހައްދުގައި މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ކުރިއަށްގެންދިޔަ ލޭބަރ ފޯސް ސަރވޭ ފަށާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރ މަހުގެ ތެރޭގައެވެ. އަދި މި ސަރވޭ ވަނީ މިދިޔަ އަހަރުގެ ފަހު ކުއާޓަރ އަދި މިއަހަރުގެ ފުރަތަމަ ކުއާޓަރގައި ކުރިއަށްގެންގޮސްފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިންޓަނޭޝަނަލް ލޭބަރ އޮގަނައިޒޭޝަންއިން ސްރީލަންކާއާއި ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރ ޖޯނީ ސިމްސަން ވިދާޅުވީ، ލޭބަރ ފޯސް ސަރވޭއަކީ ހަމައެކަނި ނަންބަރުތަކެއް ނޫންކަމަށެވެ. މިއީ މަސައްކަތުގެ މާހައުލުގައި އުޅޭ ފަރާތްތަކާއި އެމީހުންގެ މަސައްކަތް ބައްޓަންވެފައިވާގޮތާއި މަސައްކަތުގައި ހޭދަވާ ވަގުތާއި، ލިބޭ އާމްދަނީއާއި ދިމާވާ ގޮންޖެހުންތައް އެނގިގެންދާ ސަރވޭއެއްކަމަށެވެ.
މި ސަރވޭގެ ސަބަބުން މަސައްކަތްކުރާ މީހުންގެ އާބާދީއާއި މަސައްކަތުގައި ނޫޅޭ މީހުންގެ އާބާދީ ދެނެގަނެވިފައިވާކަމަށެވެ. އަދި މިއަށް ބިނާކޮށް ޕޮލިސީ ލެވެލްގައި ކުރަންހުރި ކަންކަން ދެނެގަނެވިގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.
• ތަޢުލީމު
• ހިޖުރަކުރުން
• ވަޒީފާއާއި އާމްދަނީ ހޯދުމުގެ މަސައްކަތްކުރާ އާބާދީގެ ތަފްސީލް
• މީހުންގެ އާންމު މައުލޫމާތު
• އާމްދަނީ ލިބޭ މަސައްކަތް ހޯދާ އަދި ލިބިފައިނުވާ އާބާދީގެ ތަފްސީލް
• ގޭތެރޭގެ މަސައްކަތުގައި ވަގުތު ހޭދަކުރާ މިންވަރު
• ހިލޭ ސާބަހަށް މަސައްކަތްކުރާ އާބާދީގެ ތަފްސީލް
މި ސަރވޭގެ ބޭނުމަކީ އިޤްތިޞާދީގޮތުން ހަރަކާތްތެރިވާ އާބާދީ ދެނެގަތުމާއި، ވަޒީފާގައި އުޅޭ މީހުންގެ ނިސްބަތް ދެނެގަތުމާއި، އަލަށް ވަޒީފާ އުފެދޭ މިންވަރު ދެނެގަތުމެވެ. ވަޒީފާގައި އުޅޭ އަދި ނޫޅޭ މީހުންގެ އާބާދީ ދެނެގަތުމާއި، ހިޖުރަކުރުމުގެ ރޭޓް ހޯދުމާއި އާބާދީގެ ޕްރޮޖެކްޝަންތައް އަޕްޑޭޓްކުރުމަށް ބޭނުންވާ ޑޭޓާ ހޯދުމަކީވެސް މި ސަރވޭގެ ބޭނުމެކެވެ. މީގެއިތުރުން ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލްވާ މިންވަރު ދެނެގަތުމަކީވެސް މި ސަރވޭގެ ބޭނުމެއްކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން މައުލޫމާތުދެއެވެ.