ޚަބަރު

ބިރު ދައްކައިގެން ފައިސާ ފޭރުނު 2 މީހަކު ހައްޔަރުކޮށްފި


  • މިދެމީހުން އިތުރު ބަޔަކަށް ބިރުދައްކާފައިވާ މައްސަލަތަކެއްވެސްވަނީ ފުލުހުންނަށް ރިޕޯޓުކޮށްފައި

  • އެމީހުންގެ ބަންދަށް ކޯޓުންވަނީ މުއްދަތު ޖަހައިދީފައި

މީހަކަށް ވަޅިން ބިރުދައްކައިގެން ފައިސާ ފޭރުނު މައްސަލައަކާއި ގުޅިގެން ދެމީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ ފޭސްބުކް މެސެންޖަރއިން މީހަކާ ވާހަކަދައްކައި އެމީހާގެ އޮރިޔާން ވީޑީއޯ ހުރިކަމަށް ބުނެ ބިރުދައްކައިގެން ހުޅުމާލެ ފޭސް 1 އަށް ގެންގޮސް، ވަޅިން ބިރުދައްކައި، އެ މީހާގެ އެކައުންޓުން ފައިސާ ނަގާފައިވާކަމަށެވެ. އަދި އެމީހާ އޮރިޔާންކޮށް، ވީޑިއޯކޮށް އިތުރު ފައިސާ ހޯދުމަށް ޑިމާންޑުކުރާ މައްސަލައެއް މިދިޔަ އޮގަސްޓްމަހުގެ 31ވަނަ ދުވަހު ފުލުހުންނަށް ރިޕޯޓުކޮށްފައިވާކަމަށެވެ.

މިމައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ ހއ. ފިއްލަދޫ، ސީރީންމަންޒިލް، ޢުމުރުން 29 އަހަރުގެ މުޙައްމަދު ޟަމީރާއި ލ. ގަން، ތުނޑި އަވަށު އަރާއިރު، ޢުމުރުން 37 އަހަރުގެ ޢަލީ ހައިސަލްކަމަށެވެ. މިމީހުން ހައްޔަރުކޮށްފައިވަނީ މިމަހުގެ 4 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައިކަމަށް ފުލުހުން ވިދާޅުވެއެވެ.

އަދި ހުޅުމާލެ ފޭސް 1 ގައި އެމީހުން ދިރިއުޅޭ އެޕާޓްމަންޓުން އެ އެޕާޓްމަންޓު ބަލައިފާސްކުރިއިރު، 3 މޯބައިލްފޯނާއި، އަތުކުރީ 3 ގަޑިއާއި، ޑްރޯންއަކާއި ދޮށްޓެއްގެ އިތުރުން އަވިއައިނުތަކާއި، ރިހި ފަށަކާއި ރިހި އަނގޮޓިއެއް ފެނިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ. މިތަކެއްޗަކީ އެކި މީހުންގެ އަތުން ފޭރިފައިވާ ތަކެތި ކަމަށް ބެލެވޭކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި ބަލައި ފާސްކުރިއިރު 6 ވަޅި ފެނިފައިވާކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

މިމައްސަލައާ ގުޅިގެން ހައްޔަރުކުރި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޢަލީ ހައިސަލް 4 ދުވަހަށް އަދި މުޙައްމަދު ޟަމީރު 15 ދުވަހަށް ބަންދުކުރުމަށް ކޯޓުންވަނީ އަމުރުކޮށްފައެވެ.

ސޯޝަލް މީޑިއާގެ އެކި ވަސީލަތްތައް މެދުވެރިކޮށް މީހުންނާ ވާހަކަދައްކައި އޮރިޔާން ވީޑިއޯ ހުރިކަމަށް ބުނެ ބިރުދައްކައިގެން، މުޙައްމަދު ޟަމީރުއާއި، ޢަލީ ހައިސަލް ދިރިއުޅޭ އެޕާޓްމަންޓަށް ގެންގޮސް ވަޅިން ބިރުދައްކައި އޮރިޔާންކޮށް، ވީޑިއޯކޮށް އަދި ފައިސާ ހޯދާފައިވާ އިތުރު ދެ މައްސަލަ ވެސް ރިޕޯޓުކޮށްފައިވެއެވެ. ފުލުހުން ވިދާޅުވީ މިމައްސަލަތައް ތަހުގީގު ކުރަމުންދާކަމަށެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވާ ދެމީހުން، އިތުރު މީހުންނަށްވެސް ބިރުދައްކައިގެން ފޭރިފައިވާކަމަށް ބެލެވޭތީ، އެ މީހުންގެ ފަރާތުން މިފަދަ އެއްވެސް ކަމެއް ދިމާވެފައިވާ އެއްވެސް މީހަކު ވާނަމަ ރިޕޯޓުކުރުމަށް ފުލުހުންވަނީ އިލްތިމާސްކުރައްވާފައެވެ.