ޚަބަރު

ބްރެޒިލްގެ މިނިވަން ދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާ ފޮނުއްވައިފި


  • ދެ ޤައުމަށްވެސް ފައިދާ ހުރި ކަންކަމުގައި ގުޅިގެން މަސައްކަތްކުރައްވާނެކަމަށް ވިދާޅުވި

  • ރާއްޖެއާއި ބްރެޒިލްއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރީ 27 ސެޕްޓެންބަރު 1988ގައި

ބްރެޒިލްގެ މިނިވަން ދުވަހުގެ ތަހުނިޔާ އެ ޤައުމުގެ ރައީސް ލުއިސް ލުލާ ޑެ ސިލްވާއަށާއި އެޤައުމުގެ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވައިފިއެވެ.

ބްރެޒިލްގެ މިނިވަން ދުވަހުގެ މުނާސަބާގައި ސޯޝަލް މީޑިއާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާވަނީ ބްރެޒިލްގެ މިނިވަން ދުވަހުގެ ތަހުނިޔާ އެޤައުމުގެ ރައީސް ލުއިސް ލުލާ ޑެ ސިލްވާއަށާއި ސަރުކާރަށާއި ރައްޔިތުންނަށް ފޮނުއްވާފައެވެ.

ބްރެޒިލްއާ ރާއްޖެއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 40 އަހަރުވާން ގާތްވެފައިވާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ދެ ޤައުމަށްވެސް ފައިދާ ހުރިކަންކަމުގައި ގުޅިގެން މަސައްކަތްކުރުމުގައި ރާއްޖެއިން ދެމިއޮންނާނެ ކަމަށެވެ.

ރާއްޖެއާއި ބްރެޒިލްއާ ދެމެދު ރަސްމީކޮށް ސިޔާސީ ގުޅުން ޤާއިމުކުރީ 1988 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ 27 ވަނަ ދުވަހުއެވެ.

ބްރެޒިލްގެ މިނިވަން ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ސެޕްޓެންބަރު މަހުގެ 7 ވަނަ ދުވަހުއެވެ. މިނިވަން ދުވަސް ފާހަގަކުރަނީ ޕޯޗުގީޒުންނާއި ބްރެޒިލްއާ އެކު ހަދާފައިވާ "ޔުނައިޓެޑް ކިންގްޑަމް އޮފް ޕޯޗުގަލް، ބްރެޒިލް އެންޑް އަލްގާވެސް" ދައުލަތުން ވަކިވެ، ވަކި ދައުލަތެއްގެ ގޮތުގައި ބްރެޒިލް އުފެދި މިނިވަންކަން އިޢުލާންކުރި ދުވަހާ ގުޅުވައިގެންނެވެ.