ޑިސެމްބަރުގައި ރާއްޖޭގައި ބާއްވަން ނިންމާފައިވާ 7 ވަނަ ކެރަމް ވޯލްޑް ކަޕްގައި ވާދަކުރާ ގައުމީ ޓީމު އެކުލަވާލުމަށް ކުރިޔަށްދާ ސެލެކްޝަން މެޗުތަކުގެ ތެރެއިން ގައުމީ ސްކޮޑްގެ ޖާގަ އިބްރާހިމް ހުޖާން އާއި އައިޝަތު ނަހުފާ ހޯދައިފިއެވެ.
ގައުމީ ސްކޮޑަށް 10 ކުޅުންތެރިން ނެގުމަށް ބާއްވާ ސިލެކްޝަންގައި ހުޖާން ގައުމީ ޓީމުގެ ޖާގައެއް ހޯދީ ސިލެކްޝަންގައި އިސްމާއިލް އަޒްމީން އާއި ވާދަކޮށް 2-1 ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ.
ގައުމީ ސްކޮޑުން ނަހުފާ ޖާގަ ހޯދީ އައިމިނަތު ވިދާދު ސީދާ ދެ ސެޓުން ބަލިކޮށްގެންނެވެ.
ގައުމީ ސްކޮޑުން ޖާގަ ހޯދި ދެވަނަ ފިރިހެން ކުޅުންތެރިޔާ އަކަި ހަސަން ނާޒިމްއެވެ. އޭނާ
ގައުމީ ޓީމުން ޖާގަ ހޯދީ ސިލެކްޝަންގައި މުހައްމަދު މުންތަސިރު ސީދާ ދެ ސެޓުން ބަލިކޮށްގެންނެވެ.
ގައުމީ ސްކޮޑުން ޖާގަ ހޯދި ދެވަނަ އަންހެން ކުޅުންތެރިއަކީ ފާތިމަތު ރަޔާނާއެވެ. ރަޔާނާ ވަނީ ސިލެކްޝަނުގައި 2-1 ސެޓުން އައިމިނަތު ވިދާދު ބަލިކޮށްފައެވެ . ނަހުފާ އާއި ހުޖާން ގައުމީ ސްކޮޑުން ފުރުސަތު ހޯދި އިރު ވޯލްޑްކަޕަށް 10 ކުޅުންތެރިންގެ ސްކޮޑެއް ނަގާނެއެވެ.
ގައުމީ ޓީމު އެކުލަވާލުމަށް އަހަރަކު ތިން ސިލެކްޝަން ބާއްވައެވެ. ކޮންމެ ހަތަރު މަހަކުން ބާއްވާ ސިލެކްޝަންތަކުގެ ތެރެއިން ހުޖާން ވަނީ މިއަހަރު ބޭއްވި ދެ ސިލެކްޝަނުންވެސް އެއްވަނަ ހޯދާފައެވެ.
ޑިސެމްބަރު 2-6 ބާސެލޯ ނަސަންދުރައިގައި ބާއްވާ ކެރަމް ވޯލްޑްކަޕަށް އަންހެން ފަސް ކުޅުންތެރިންނާއި ފިރިހެން ފަސް ކުޅުންތެރިން ހޮވާނެއެވެ.
ރާއްޖެއިން ވަނީ 2014 ވަނަ އަހަރުވެސް ކެރަމް ވޯލްޑް ކަޕް ހޯސްޓްކޮށްފައެވެ. މިދިޔަ އަހަރު ބޭއްވި ކެރަމް ވޯލްޑް ކަޕް އޮތީ އެމެރިކާގެ ކެލިފޯނިއާގައެވެ. އެ މުބާރާތާކުން ރާއްޖޭގެ އަންހެން އަދި ފިރިހެން ޓީމުން ވަނީ ލޯ މެޑަލް ހޯދާފައެވެ. ފިރިހެން ޓީމުން ތިން ވަނަ ހޯދީ ސިންގަޕޫރު ބަލިކޮށްގެންނެވެ. ރާއްޖެއިން ތިން ވަނަ ހޯދީ އެމެރިކާ ބަލިކޮށްގެންނެވެ.
ކެރަމް އެސޯސިއޭޝަނުން ބުނީ މި އަހަރުގެ މުބާރާތުގައި ރާއްޖޭގެ ކުޅުންތެރިން ކުރިޔަށްވުރެ ރަނގަޅު ކާމިޔާބީއެއް ހޯދުމަށް މަސައްކަތް ކުރާނެކަމަށެވެ.