އެމެރިކާގައި މިހާރު ކުރިއަށްދާ ޔޫއެސް އޯޕަން ޓެނިސް މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ނޮވަކް ޖޮކޮވިޗް ހޯދައިފި އެވެ.
ސަރބިޔާއަށް އުފަން އުމުރުން 38 އަހަރުގެ ޖޮކޮވިޗް މި މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ހޯދާފައިވަނީ މި މުބާރާތުގައި ހަތަރުވަނައަށް ސީޑު ކޮށްފައިވާ އެމެރިކާގެ ޓޭލަރ ފްރިޓްޒް އާއި ދެކޮޅަށް ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު ތިން ސެޓް އެއް ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ.
މި މެޗުގެ ފުރަތަމަ ސެޓާއި ދެވަނަ ސެޓު ހައެއް ތިނެއް އަދި ހަތެއް ފަހެއްގެ ނަތީޖާއަކުން ޖޮކޮވިޗް ކާމިޔާބުކުރި ނަމަވެސް ތިންވަނަ ސެޓު ތިނެއް ހައެއްގެ ނަތީޖާއަކުން ފްރިޓްޒް ވަނީ ކާމިޔާބުކޮށްފަ އެވެ. ޖޮކޮވިޗް މި މެޗުން މޮޅުވެފައިވަނީ ހަތަރުވަނަ ސެޓު ހައެއް ހަތަރެއްގެ ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ.
މިދިޔަ އަހަރުގެ ފައިނަލުގައި ކުޅުނު ޓޭލަރ ފްރިޓްޒް ބަލިކޮށް މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ޖޮކޮވިޗް ހޯދާފައިވާއިރު އޭނާ މަސައްކަތް ކުރަމުންދަނީ 25 ވަނަ މުބާރާތް ކާމިޔާބު ކުރުމަށެވެ.
ސެމީ ފައިނަލުގައި ޖޮކޮވިޗް އާއި ދެކޮޅަށް ނިކުންނާނީ ސްޕެއިންގެ ކާލޯސް އަލްކަރޭޒް އެވެ.
މި މުބާރާތުގެ އަންހެން އިވެންޓުގައި ދުނިޔޭގެ އެއްވަނަ އަންހެން ޓެނިސް ކުޅުންތެރިޔާގެ ގޮތުގައި ހުރި ބެލަރޫސްގެ އެރީނާ ސަބަލެންކާ އާއި ދެކޮޅަށް މާކޭޓާ ވޮންރޫސޯވާ ކުޅެން އޮތް މެޗުގެ ކުރިން އޭނާގެ ކަކުލަށް ލިބިފައިވާ އަނިޔާގެ ސަބަބުން މެޗު ދޫކޮށްލުމާއިއެކު ސަބަލެންކާ އަށް ވަނީ ސެމީ ފައިނަލުގެ ޖާގައެއް ލިބިފަ އެވެ.
މި މުބާރާތުގެ އަންހެން އިވެންޓުގެ ސެމީ ފައިނަލުގައި ސަބަލެންކާ އާއި ދެކޮޅަށް ނިކުންނާނީ ހަތަރުވަނަ އަށް ސީޑު ކޮށްފައިވާ ޖެސިކާ ޕެގޫލާ އެވެ.