ކުޅިވަރު

ފީފާއިން އެމެރިކް ލަޕޯޓް ކުލަބު ބަދަލު ކުރިޔަ ނުދިން


ސްޕޭނުގެ ޑިފެންޑަރު އެމެރިކް ލަޕޯޓް ސްޕޭނުގެ އެތްލެޓިކް ބިލްބާއޯ އަށް ދިޔަ ނުދީ ފީފާއިން ހުއްޓުވައިފި އެވެ.

ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާއިން މިކަން ހުއްޓުވި ސީދާ ސަބަބެއް އެ ޖަމާއަތުން ނުބުނެ އެވެ. ނަމަވެސް އެތްލެޓިކް ކުލަބުން ބުނީ ކުޅުންތެރިޔާ އަށް އެ ކުލަބަށް ނުކުޅެވޭނެ ކަމަށް ފީފާއިން އަންގާފައިވާ ކަމަށެވެ.

ސައޫދީ އަރަބިއާގެ އައް ނަސްރަށް ކުޅެމުން އަންނަ ލަޕޯޓްގް ޓްރާންސްފާ ފީފާއިން ހުއްޓުވީ ޓްރާންސްފާ މުއްދަތު ހަމަވިއިރު ހުރިހާ ލިޔެކިއުމުގެ ކަންކަން ހަމަނުޖެހި ފަސްވުމުން ކަމަށް ސްޕޭނުގެ މީޑިއާތަކުން އަންނަނީ ބުނަމުންނެވެ. މި ގޮތުން މި ޓްރާންސްފާގެ ހުރިހާ ކަމެއް ނިމުނީ ސެޕްޓެމްބަރު މަހުގެ 1 ވަނަ ދުވަހު އެވެ. ނަމަވެސް ފީފާއިން ކަނޑައަޅާފައިވާ ޓްރާންސްފާ މާކެޓްގެ މުއްދަތު ބަންދުވަނީ އޮގަސްޓް މަހުގެ 31 ވަނަ ދުވަހުގެ ރޭ މެންދަމު 12 ޖަހާއިރަށެވެ.

އެތްލެޓިކް ކުލަބާއި ސްޕޭނުގެ ނޫސްތަކުން ބުނަނީ މި ޓްރާންސްފާގެ ކަންކަން ނިންމައިދިނުމަށް ސްޕޭނުގެ ފުޓްބޯޅަ ފެޑަރޭޝަނުން ވެސް ފީފާއިން އެދުނު ކަމަށެވެ. ނަމަވެސް މުއްދަތަށް ހުރިހާ ކަމެއް ނުނިމުމުން ފީފާއިން ވަނީ ކުޅުންތެރިޔާ ބަދަލުވުން ހުއްޓުވައިފަ އެވެ.

އެމެރިކް ލަޕޯޓް އަކީ ސްޕޭނުގެ ގައުމީ ޓީމުގައި ވެސް މުހިންމު ދައުރެއް އަދާކޮށްފައިވާ ކުޅުންތެރިއެކެވެ. މި ގޮތުން ހުސްވި އަހަރު ޔޫރޯ ފުޓްބޯޅަ މުބާރާތް ކާމިޔާބު ކުރި ޓީމުގައި ވެސް އޭނާ މޮޅު ކުޅުމެއް ދެއްކި އެވެ. ނަމަވެސް މެންޗެސްޓާ ސިޓީގެ ކުރީގެ ޑިފެންޑަރަށް މިހާރު ގައުމީ ޓީމުން ޖާގަ ނުލިބެ އެވެ. ސަބަބަކީ ޒުވާން ޑިފެންޑަރުންގެ ނުފޫޒު ގަދަވަމުންދިއުމެވެ.