ޚަބަރު

އައިޓީއެފް ރޭންކިންގައި ގިނަ ކުޅުންތެރިންތަކެއް ހިމެނި ރާއްޖޭގެ ޓެނިހަށް ބޮޑު ކާމިޔާބީއެއް


ނިމިގެންދިޔަ އައިޓީއެފް ޖޭ30 ޓެނިސް މުބާރާތުގައި ރާއްޖޭގެ ޓެނިސް ކުޅުންތެރިން މޮޅު ކުޅުމެއް ދެއްކި ކަމަށާއި، އައިޓީއެފް ޖޫނިއަރ ރޭންކިންގައި ގިނަ ކުޅުންތެރިންތަކެއް ހިމެނިއްޖެ ކަމަށް ޖޫނިއަރ ގައުމީ ޓީމުގެ ކޯޗު އަލީ ރިޒާ ބުނެފިއެވެ.

މީގެ ކުރިން އައިޓީއެފް ޖޫނިއާ ރޭންކިންގައި ހިމެނެނީ ރާއްޖޭގެ އެންމެ ކުޅުންތެެރިއެއް ކަމަށާއި އެހެންނަމަވެސް އައިޓީއެފް ޖޭ30 މުބާރާތުގެ ފުރަތަމަ ހަފްތާގައިވެސް ރާއްޖޭގެ 6 ކުޅުންތެރިއަކު އައިޓީއެފް ރޭންކިންގައި ހިމެނުނު ކަމަށް ކޯޗު ފާހަގަ ކުރިއެވެ. މިއީ ރާއްޖޭގެ ޓެނިހަށް ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށާއި މިއީ ރާއްޖޭގެ ކުޅުންތެރިންނަށް ލިބިގެންދިޔަ ވަރަށް ރަނގަޅު ފުރުސަތެއް ކަމަަށް ކޯޗު ބުންޏެވެ.

އަދި މެއިން ޑްރޯއަށް ހޮވުނު ކުޅުންތެރިންނަށް އައިޓީއެފް ޕޮއިންޓް ލިބިގެންދިއުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި އެކަމުގެ ސަބަބުން އެ ކުޅުންތެރިން ބޭރު ގައުމުތަކުގެ މުބާރާތްތަކަށްދާއިރު ފަސޭހަކަމާއެކު މެއިންޑްރޯއާއި ކޮލިފައިން ޑްރޯއަށް ދެވޭނެ ކަމަށް ކޯޗު ފާހަގަ ކުރިއެވެ.

މިއީ މުހިންމު ކަމެއް ކަމަށާއި ރާއްޖޭގެ ކުޅުންތެރިންނަށް އައިޓީއެފް މުބާރާތުގެ ސަބަބުން މި ލެވެލްގައި ވާދަ ކުރުމުގެ ފުރުސަތު ލިބުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި އުންމީދަކީ އައިޓަިއެފްގެ އިތުރު މުވާބާރާތްތައް ރާއްޖޭގައި ބޭއްވުން ކަމަށް ކޯޗު ބުންޏެވެ. އަދި ރާއްޖޭން ބޭރުގެ މުބާރާތްތަކުން ވީހާވެސް ގިނަ ފުރުސަތު ދިވެހި ކުޅުންތެރިންނަށް ލިބި އައިޓީއެފް ޕޮއިންޓްސް ހޯދުމަށް އިތުރު ފުރުސަތުތައް ފަހިވާނެ ކަމަށް އުންމީދު ކުރާކަމަށްވެސް ކޯޗު ބުންޏެވެ.

އަދި އައިޓީއެފް ޖޭ30 މުބާރާތް ރާއްޖޭގައި ބޭއްވި ކަމަށްޓަކައި ރާއްޖޭގެ ޓެނިސް އެސޯސިއޭޝަނަށް ޝުކުރު އަދާކުރާ ކަމަށް ކޯޗު ބުންޏެވެ.

އައިޓީއެފް ޖޭ30 ގައި ރާއްޖޭގެ ނަބާ ނިޝާން ވަނީ ސިންގަލްސްގެ ސެމީ ފައިނަލުގައި ކުޅެފައެވެ. އަދި ނޫހު އާއި ދާއޫދު ވަނީ ޑަބަލްސްގެ ސެމީ ފައިނަލްގައި ކުޅެފައެވެ. އަދި ރާއްޖޭގެ އާރާ އާސަލް އާޒިމް ވަނީ ދެ ހަފްތާގައިވެސް ޑަބަލްސްގެ ފައިނަލްގައި ވާދަކޮށް ޗެމްޕިއަންކަން ހޯދާފައެވެ.

އައިޓީއެފް މުބާރާތެއްގެ ޗެމްޕިއަންކަން ހޯދާ އާރާ ވަނީ ތާރީހީ ކާމީޔާބީއެއް މި މުބާރާތުން ރާއްޖެއަށް ހޯދައިދީފައެވެ.