ޚަބަރު

ކުޑަކުދިންގެ ހެދިބޮޑުވުން ދެނެގަތުމުގައި 5 އަހަރުގެ މައިލްސްޓޯންތައް ހާސިލުވޭތޯ ބެލުން މުހިއްމު!


  • ހެދިބޮޑުވުމުގައި ލަސްތަކެއް އުޅޭނަމަ އެކަން ދެނެގަތުމަށް އެމުއްދަތުގައި މަގުފަހިވޭ

  • ލަސްތައް އަވަހަށް ދެނެގަނެވުމުން އެކަންކަން ރަނގަޅުކުރަން ފަސޭހަވޭ

  • ހެދިބޮޑުވުމުގައި ލަސްތަކެއް އުޅޭހެން ހީވާނަމަ ޑޮކްޓަރަށް ދައްކާލުމަކީ މުހިއްމުކަމެއް

މާބަނޑުވެ، ވިހެއުމާ ހަމައަށް ލިބެންއުޅޭ ދަރިފުޅުގެ ސިއްޙަތު ރަނގަޅުކުރުމަށް މައިންބަފައިން ކުރާ މައްސައްކަތާއެއްވަރަށް ވިހެއުމަށްފަހު ކުއްޖާ ހެދިބޮޑުވުމުގައި މުހިންމު ގިނަ ފިޔަވަހިތަކެއް މައިންބަފައިން ގިރާކުރެއެވެ. ކުއްޖާގެ ހެދިބޮޑުވުމުގައި އެކި ދުވަސްވަރު ޙާސިލުކުރަންޖެހޭ މުހިއްމު އެކި ކަންކަން ނުވަތަ މައިލްސްޓޯންސްތައް ދެނެގަނެ އެކަން ޙާސިލުވަމުންދާ މިންވަރު ވަޒަންކުރަންޖެހެއެވެ. އެއީ ކުއްޖާގެ ހެދިބޮޑުވުމުގައި މައްސަލައެއް އުޅޭކަން ނުވަތަ ނޫންކަން ކަށަވަރުކުރުމަށެވެ.

ތުއްތު ކުއްޖާއަށް މާބަނޑުވާ ހިސާބުން ފެށިގެން، ކުއްޖާއަށް 5 އަހަރު ފުރުމާއި ދެމެދު ހިނގާ އަހަރުތަކަކީ ކުއްޖާގެ ހެދިބޮޑުވުމުގައި ވަރަށް މުހިއްމު މުއްދަތެކެވެ. ޚާއްސަކޮށް މާބަނޑު ދުވަސްވަރާއި ފުރަތަމަ 2 އަހަރު ދުވަހުގެ މުއްދަތެވެ. މިމުއްދަތުގައި ކުއްޖާއަށް އަންނަ ކޮންމެ ބަދަލަކަށް ވަރަށް ހުޝިޔާރުކަމާއެކު ބެލެނިވެރިން ސަމާލުކަން ދޭންޖެހެއެވެ. ކުޑަކުދިންގެ ސިއްޙަތާއި ބެހޭ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި، އެމުއްދަތުގެ ތެރޭގައި ސަމާލުކަން ދެވިއްޖެނަމަ، ކުއްޖާގެ ހެދިބޮޑުވުމުގައި ލަސްތަކެއް ނުވަތަ އައިބެއް ނުވަތަ އުނދަގުލެއްވާނަމަ އެކަން އަވަހަށް ދެނެގަނެވި އެފަދަ ކަމެއް ހުރިނަމަވެސް އެކަން ހައްލުކުރަން އަވަހަށް މަސައްކަތް ކުރެވެއެވެ.

ކުޑަކުދިންގެ ހެދިބޮޑުވުމާއި ގުޅޭގޮތުން ކުރިއަށްގެންދިޔަ ޚާއްސަ ޕެނަލް ޑިސްކަޝަނެއްގައި ދަމަނަވެށީގެ ވޯޑް މެނޭޖަރ ލުބްނާ ނިޒާމް ވިދާޅުވީ، ބެލެނިވެރިން ވަރަށް ޚާއްސަ ސަމާލުކަމެއް ދީގެން ކުދިންނަށް ވެކްސިން ދޭން ދާކަމަށެވެ. އެހެންނަމަވެސް ހެދިބޮޑުވުމުގެ ޗާޓު ފުރިހަމަކުރުމަށް ވެކްސިން ދޭން ނުޖެހޭ މުއްދަތުގައި އަންނަ ބެލެނިވެރިން މަދުކަން އޭނާ ފާހަގަކުރެއްވިއެވެ.

"ކުއްޖާ ދުނިޔެއަށް އައުމާއި 5 އަހަރާއި ދެމެދު ކޮންމެ މަހަކު އެއްފަހަރު، ކުއްޖާގެ ބަރުދަނާއި، އިސްކޮޅާއި، ބޮލުގެ ވަށަމިން ދެއަހަރާއި ހަމައަށް ބަލާ. އަދި އެ މިންގަނޑުތަކަށް ކަންކަން ނުހުންނަނަމަ، އަޅުގަނޑުމެން ސިއްޙީ ޚިދުމަތްދޭ ފަރާތްތަކުން އެބެލެނިވެރިންނަށް ދޭންވާ މަޢުލޫމާތު ފޯރުކޮށްދެވޭނެ" ލުބްނާ ވިދާޅުވިއެވެ.

ކުޑަކުދިންގެ ހެލްތު ރިކޯޑު ފޮތުގައި ކުއްޖާގެ ޢުމުރާއި ގުޅޭގޮތުން ހުންނަންޖެހޭ މިންގަނޑުތަކާއި، ކުއްޖާގެ ފަރާތުން ފެންނާނެ ބައެއް ޙަރަކާތްތައް މިފޮތުގައި ބަޔާންކޮށްފައި ހުރެއެވެ. އެހެންކަމުން މިރިކޯޑު ކުއްޖާއަށް 5 އަހަރު ފުރުމާއިހަމައަށް ބެލެހެއްޓުމަކީ ވަރަށް މުހިއްމުކަމެކެވެ.

ރާއްޖޭގައި ކުޑަކުދިންގެ ހެދިބޮޑުވުމުގައި ލަސްތަކެއް އުޅޭކަން ގިނަފަހަރަށް ކުއްޖާ ސްކޫލަށް ދާންފަށާ ޢުމުރުގައި ފާހަގަކުރެވުމަކީ ސިއްޙީ ޚިދުމަތްދޭ ފަރާތްތަކުގެ ކަންބޮޑުވުން އޮތްކަމެކެވެ. ސަބަބަކީ ވެކްސިން ދޭންޖެހޭ މުއްދަތު ފަހަނައަޅައިދިޔުމުން، ގިނަފަހަރަށް ދަމަނަވެށި ނުވަތަ ސިއްޙީ ޚިދުމަތްދޭ ތަންތަނަށްގޮސް ކުއްޖާއަށް އަންނަމުންދާ ބަދަލުތައް ނުބެލެހެއްޓުންކަމަށް ސިއްޙީ ދާއިރާގެ ބޭފުޅުން ފާހަގަކުރައްވައެވެ. ތުއްތު ކުދިން އެކި ކަންކަމާއި ގުޅިގެން ޑޮކްޓަރަށް ދެއްކުމަށްދާއިރު އެކުދިންގެ ހެދިބޮޑުވުމުގެ ޗާޓު ދައްކުވައިދޭ ފޮތް ގެންދިޔުމަކީ މުހިއްމުކަމެއްކަމަށް ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރުން އިރުޝާދު ދެއްވައެވެ.