ޚަބަރު

ދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް ފަށައިފި


ދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން 2025 މިއަދު ފަށައިފިއެވެ.

މިމުބާރާތުގައި 347 އެތުލީޓުން ވާދަކުރާނެއެވެ، އޭގެ ތެރޭގައި ރާއްޖެއިން ބޭރުން ކުޅުންތެރިންވެސް ހިމެނެއެވެ. މިމުބާރާތުގައި ރާއްޖޭގެ އިތުރުން ދެން ބައިވެރިވާ ޤައުމުތަކަކީ އަވަށްޓެރި އިންޑިއާ، ބަންގްލަދޭޝް، ސްރީލަންކާ އަދި ޕާކިސްތާނުއެވެ.

މިމުބާރާތުގައި ސްޕެޝަލް އޮލިމްޕިކްސް އެތުލީޓުންވެސް ވާދަކުރާނެއެވެ. މާލޭ ކުޅިވަރު އެކުވެނީގެ ބެޑްމިންޓަން ކޯޓުގައި މިމުބާރާތްކުރިއަށްދާއިރު، މިމުބާރާތުން ސިންގަލްސް އަދި ޑަބަލްސް ކެޓަގެރީގެ މެޗުތައް ފެނިގެންދާނެއެވެ.

ދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތުގައި ކުޅުންތެރިން ވާދަކުރާ ކެޓަގަރީތަކުގެ ތެރޭގައި އޯޕަން، ސްޕެޝަލް އޮލިމްޕިކްސް، ޕެރަ ކެޓަގަރީ ހިމެނެއެވެ. މީގެ އިތުރުން މުބާރާތުގައި ވާދަކުރާނީ 9 އަހަރުންދަށާއި، 11 އަހަރުންދަށާއި، 13 އަހަރުންދަށާއި، 15 އަހަރުންދަށާއި، 17 އަހަރުންދަށް އަދި 19 އަހަރުންދަށުގެ އުމުރުފުރާގެ ކުޅުންތެރިންނެވެ.

މިމުބާރާތް އިންތިޒާމުކުރުމުގައި ހަރަކާތްތެރިވާ އިސް ފަރާތްކަމަށްވާ އަހުމަދު މަހުލޫފް ޕީއެސްއެމް ނިއުސްއާއި ވާހަކަދައްކަވަމުން ވިދާޅުވީ މުބާރާތަށް ތައްޔާރުވުމުގެ ކަންކަން ތިންވަރަކަށް މަހުގެ ތެރޭގައި ފުރިހަމަކުރެވުނުކަމަށެވެ. މުބާރާތުގެ އިންތިޒާމުތައް ކުރިއަށްދާ ގޮތާއި މެދު ހިތްހަމަޖެހޭކަމަށް އޭނާ ވިދާޅުވިއެވެ. އަދި މުބާރާތުގައި ވާދަކުރާ ސްޕެޝަލް އޮލިމްޕިކްސް އެތުލީޓުންނާއި ޕެރަ އެތުލީޓުންގެ ސަބަބުން މުބާރާތް އިތުރަށް ޚާއްސަވެއްޖެކަމަށް މަހުލޫފް ފާހަގަކުރެއްވިއެވެ.

މަހުލޫފް ވިދާޅުވީ މިމުބާރާތަށް ތައްޔާރުވުމަށް އެސޯސިއޭޝަންތަކާއި ކުލަބުތަކުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބުނުކަމަށެވެ.

"އަޅުގަނޑުމެން ގާތްގަނޑަކަށް ތުރީ މަންތުސްވަރު މިވީ މިކަމަށް ތައްޔާރުވާތާ. އިރާދަކުރެއްވިއްޔާ މިމުބާރާތުގެ ތައްޔާރީތައް ވަރަށް ރަނގަޅަށް އެންމެން ގުޅިގެން މިކަން ކުރެވިއްޖެ. ވަރަށް ބޮޑު އެހީތެރިކަމެއް ކުލަބު އަދި އެކަޑަމީތަކާއި އެކީގައި 347 އެންޓްރީ ލިބިއްޖެ. 735 މެޗު އެބަ ކުޅެވޭ. ބޭރުން 30 ވަރަކަށް ކުޅުންތެރިން އެބަ އާދޭ. 4 ބޭރު އަމްޕަޔަރުން އެބަތިބި. އަޅުގަނޑު އުންމީދުކުރަނީ ވަރަށް ކާމިޔާބު މުބާރާތަކަށް ވެގެން ދިއުން" މަހުލޫފް ވިދާޅުވިއެވެ.

ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން މަހުލޫފް ވިދާޅުވީ މިއަހަރުގެ މުބާރާތުގެ ސްޕެޝަލް އޮލިމްޕިކްސް އަދި ޕެރަ ކެޓަގަރީގައި ހަމައެކަނި ރާއްޖޭގެ އެތުލީޓުން ތިބިކަމަށްވިޔަސް މުބާރާތުގައި ބައިވެރިވުމަށް ބޭރުގެ އެތުލީޓުންވެސް ޝައުގުވެރިކަން ފާޅުކުރިކަމަށެވެ. އެހެންނަމަވެސް ބޭރުގެ އެތުލީޓުންނާއި ރާއްޖޭގެ އެތުލީޓުންގެ ދެމެދުގައި ކެޓަގަރީގެ ތަފާތުތަކެއް އުޅުމުން މިއަހަރު އެފުރުސަތު ފަހިކޮށްނުދެވުނީކަމަށް މަހުލޫފް ވިދާޅުވިއެވެ. އެހެންކަމުން ކުރިއަށް އޮތް ތަނުގައި މުބާރާތް ބާއްވާއިރު މިކަންކަމަށް ވިސްނުންބަހައްޓަވާނެކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"އެސްއޯގައި ދިވެހިން މިތިބީ. އެކަމު އަޅުގަނޑަށް ހަމަ ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތް ކުރިއަށް އޮތް ތަނުގައި މިކަން ކުރަންޏާ އެސްއޯ އަދި ޕެރާއަށް ހުޅުވައިލައިފިކަމަށް ވިއްޔާމުން އެކުދިންގެ ވަރަށް އިންޓަރެސްޓު ހުންނާނެކަމަށް. މިފަހަރުވެސް އަޅުގަނޑުމެންގެ ބައެއް ސޯޝަލް މީޑިއާއަށް ހާއްސަކޮށް އިންސްޓަގްރާމުން އިންޑިއާ ބައެއް ޕެރާ އެތުލީޓުން ހުރި ރީޗްއައުޓްވެފަ. ހަމަ ކުޅެން ޝައުގުވެރިވެގެން. އެކަމު އަޅުގަނޑުމެންގެ ރާއްޖޭގައި ތިބި އެތުލީޓުންގެ ކެޓަގަރީއާއި އެކުދިންގެ ކެޓަގަރީއާއި އެއްގޮތް ނޫންވީމަ އަޅުގަނޑުމެންނަށް އެކަމަށް ފުރުސަތު ނުދެވުނީ" މަހުލޫފް ވިދާޅުވިއެވެ.

މިމުބާރާތް ކުރިއަށްދާނީ މިމަހުގެ 1 އިން 6 އަށް ކޮންމެ ދުވަހަކު ހެނދުނު 09:00 އިން ރޭގަނޑު 09:00 އަށް ކުޅުން ކުރިއަށްދާގޮތަށެވެ. މިމުބާރާތުގައި ބޭރުގެ މޮޅެތި ޖޫނިއާ ކުޅުންތެރިންތަކެއް ވާދަކުރާނެއެވެ. އޭގެ ތެރޭގައި ލަންކާގައި ކުރިއަށްދިޔަ ބީޑަބްލިއުއެފް މުބާރާތުގެ ޗެމްޕިއަނުންވެސް މިމުބާރާތުން ފެނިގެންދާނެއެވެ. މިފަދަ މުބާރާތްތަކުގެ ސަބަބުން ދިވެހި ކުޅުންތެރިންނަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމަށް މަހުލޫފް ވިދާޅުވިއެވެ.

"އަޅުގަނޑުމެން މުބާރާތް މިގޮތަށް މިބޭއްވުމުގެ އެންމެ ބޮޑު މަގްސަދަކީ އަޅުގަނޑުމެންގެ ކުޅުންތެރިންނަށް ބޭރު ކުދިންނާއި އެކީގައި ރަނގަޅު އެކްސްޕޯޝަރއެއް ހޯދަދިނުން. އެހެންވީމަ ނޮކްއައުޓްގެ ބަދަލުގައި ރައުންޑް ރޮބިންވެސް ލާ މެޗުތައް ގިނަވެގެން ދިޔަކަމަށް ވިޔަސް މި ރޭވީ އެކުދިންނަށް ވީހާވެސް ބޮޑު ފުރުސަތެއް އެކްސްޕީރިއަންސެއް ހަގީގަތުގައި ހޯދައިދިނުމަށް. އެހެންވީމަ ރަނގަޅު މެޗުތަކެއް ފެންނާނެކަމަށް އަޅުގަނޑު އުންމީދުކުރަނީ" މަހުލޫފް ވިދާޅުވިއެވެ.