ޚަބަރު

ކުޅުދުއްފުށި ސިޓީގައި ގާއިމުކުރެވިގެންދާނީ މަލްޓި ސްޕޯޓްސް ކޮމްޕްލެކްސްއެއް: ވަޒީރު ރާފިޢު


ކުޅިވަރު ދާއިރާއިން މުޅި ރާއްޖެއަށް ގެންނަމުންދާ ތަރައްޤީއާއެކު ކުޅުދުއްފުށި ސިޓީގައި މަލްޓި ސްޕޯޓްސް ކޮމްޕްލެކްސްއެއް ތަރައްޤީކޮށްދެއްވާނެކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުالله ރާފިޢު ވިދާޅުވެއްޖެއެވެ.

ކުޅިވަރު ވަޒީރު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއެކު ތިލަދުންމަތީ ދެކުނުބުރިއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ކުޅުދުއްފުށި ސިޓީއަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައެވެ.

އާބާދީ ބޮޑެތި ރަށްރަށަށް ކުޅިވަރުގެ ދާއިރާއިން ދެއްވާ އަހަންމިއްޔަތުކަމާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ މުޅި ރާއްޖެއަށް ކުޅިވަރުގެ ދާއިރާއިން ގެނެވޭ ތަރައްޤީގައި އާބާދީގެ ނިސްބަތުން ބޮޑެތި ރަށްތަކަށް ވަސީލަތްތައް އިތުރުކުރައްވާނެކަމަށެވެ. މިގޮތުން އެރަށްރަށުގައި ތަރައްޤީކުރާ ދަނޑުތަކާއި ކޯޓުތަކަކީ ޖާގައިގެ ގޮތުން ތަނަވަސް ގިނަ އަދަދެއްގެ ބަޔަކަށް އެއްފަހަރާ ކުޅިބަލަން ވަދެވޭފަދަގޮތަކަށް ފަރުމާކުރެވިގެންދާނެ ތަންތަންކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީތު ވިދާޅުވީ ބޮޑެތި ސިޓީތަކަށް މިބަދަލު ގެނެވުނު ނަމަވެސް ކޯޓުތަކާއި ދަނޑުތަކުގެ މިނަށް ބަދަލެއް ނާންނާނެކަމަށެވެ.

"އާބާދީ ބޮޑެތި ރަށްރަށަށްވެސް ކުދި ރަށެކޭ އެއްފަދައިން ހަމަ ކުޅިވަރުގެ ވަސީލަތްތައް އިތުރަށް ޤާއިމުކުރުން ހަމަ މުހިންމު. އެހެންނަމަވެސް އާބާދީ ބޮޑެތި ރަށްތަކުގެ ސްކޭލް އެއަށްވުރެ ބޮޑުކޮށް ދާނީ. މާނައަކީ މިސާލަކަށް ސްޓޭޑިއަމެއް ނޫނީ އިންޑޯ ކޮމްޕްލެކްސްއެއް ހަދާކަމަށް ވެއްޖިއްޔާ ސީޓިންގ ކެޕޭސިޓީ ޚާއްސަކޮށް ޓިއަރތަކަށް ބަހާލައިގެން އާރބަން ސެންޓަރސްތަކާއި ސިޓީސްތަކާއި އެންމެ ހައި ކެޕޭސިޓީގެ ސީޓިންގ މި އެރޭންޖްމަންޓްސްގައި ހުންނާނީ. އެހެންނަމަވެސް ކުޅޭ ތަނަކީ ހަމަ އެއް ސައިޒެއްގެ އެއް ކޯޓެއް. އެހެންވީމަ އެގޮތަށް ބަލައިގެން މުޅި ރާއްޖެއަށް ބަހާލެވިގެން މިދަނީ"

ވަޒީރު ވިދާޅުވީ ކުޅުދުއްފުށި ސިޓީއަށްވެސް ކުޅިވަރުގެ ގިނަ ތަރައްޤީތަކެއް ގެމައުމުގެ ވިސްނުންފުޅުހުރިކަމަށެވެ. މިގޮތުން އެސިޓީގައި އަލަށް ބިންގާ އެޅުނު ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރާއި އިންވެގެން މަލްޓި ސްޕޯޓްސް ކޮމްޕްލެކްސްއެއް ބިނާކުރެވިގެންދާނެކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. ވަޒީރު ވިދާޅުވީ ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުތަކަކީ ބޯޑް ގޭމްތަކާއި އެރޮބިކްސް ފަދަ ކަސްރަތުތަކަށް ޚާއްސަ މަރުކަޒެއްކަމަށެވެ. އެއާއި ޚިލާފަށް މަލްޓި ސްޕޯޓްސް ކޮމްޕްލެކްސްގައި އިންޑޯގައި އާންމުކޮށް ކުޅޭ ކުޅިވަރުތައްކަމަށްވާ ބާސްކެޓް، ވޮލީ، ބެޑްމިންޓަން ފަދަ ކުޅިވަރުތައް ކުޅެވޭނެ އިންތިޒާމު ހަމަޖެހިފައިވާނެކަމަށް ވަޒީރު ހާމަކުރެއްވިއެވެ.

"ކުޅުދުއްފުށި ސިޓީއަށްވެސް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މަލްޓި ސްޕޯޓް ކޮމްޕްލެކްސްއެއް އެފްއާރްސީއާއި އެޓޭޗްވެފައިން ކޮމްޕްލެކްސްއެއް ހެދިގެންދާނެ. ރެކްރިއޭޝަން ސެންޓަރއަކީ ބޮޑަށް ބޯޑު ގޭމްސްތައް ކުޅެވިފަ އަދި އެރޮބިކްސް އެކްޓިވިޓީ ކުރިއަށް ގެންދެވިފަ ޖިމް ފެސިލިޓީސް ހުރެފަ އަދި ޓްރޭނިންގ ފެސިލިޓީސްވެސް ހުންނަ ތަންތަން. އެހެންނަމަވެސް މަލްޓި ސްޕޯޓް ކޮމްޕްލެކްސްއަކީ އިންޑޯ އާންމުކޮށް ކުޅޭ ކުޅިވަރުތައް މިސާލަކަށް ބާސްކެޓް، ވޮލީ، ބެޑްމިންޓަން މިކަހަލަ ކުޅިވަރުތައް ކުޅެވޭނެ ގޮތަށް އެތަނުގެ ރޫފިންގއާއި އެތާނގެ ފްލޯރިންގ އާއި ބަދަލުކޮށްގެން އެހުންނަ ގޮތަށް ކުޅެވޭނެ ގޮތަށް އެގޭމްސްތައް ކުޅެވޭނެ ގޮތަށް ފަރުމާކޮށްފަ ހުންނަ ތަންތަން. އަދި ހަމަ އެއާއި އެކު ސީޓިންގ ކެޕޭސިޓީވެސް އިތުރުކޮށް އިންޓަނޭޝަނަލް ޓޯނަމަންޓްސްތައް އަދި އާރބަން ސެންޓަރސްތަކާއި އަދި ސިޓީސްތަކުގައި ކެޅެވޭގޮތަށް ފަރުމާކުރެވިފަ ހުންނަ ތަންތަން މިތަނަށް އަންނާނީ" ވަޒީރު ވިދާޅުވިއެވެ.

ކުޅުދުއްފުށި ސިޓީގައި އަލަށް ޤާއިމުކުރެވޭ މަލްޓި ސްޕޯޓްސް ކޮމްޕްލެކްސްވެގެންދާނީ ޖާގައިގެ ގޮތުން ތަނަވަސް ގިނަބަޔަކަށް ވަދެވޭނެހެން ފަރުމާކޮށްފައިވާ ތަނަކަށްކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އެތަނުގައި ބައިނަލްއަޤްވާމީ މުބާރާތްތައްވެސް ކުރިއަށް ގެންދެވޭނެކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މިއީ ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށްވެސް ފަސޭހަކަމާއެކު ވަދެ ނުކުމެވޭނެހެން ފަރުމާކޮށްފައިވާ ތަނެއްކަމަށާ، އެތަނުގައި ޗޭންޖިންގ ރޫމްފަދަ ވަސީލަތްތައްވެސް އެކުލެވޭނެކަމަށް ވަޒީރު ހާމަކުރެއްވިއެވެ.

"ސްޕޯޓްސް ކޮމްޕްލެކްސްގައި މިހުންނަނީ ޗޭންޖިންގ ރޫމްތައް ލާފަ، އެކި ކުޅިވަރު ކުޅެވޭގޮތަށް އަދި ސީޓިންގ ކެޕޭސިޓީވެސް އެތާނގައި ކުޅިބަލަން ތިބޭ މީހުންނަށް ހުރެވޭގޮތަށް ހަދާފަ، އަދި އަޅުގަނޑުމެން ހުންނާނީ ޑިސެބިލިޓީވެސް އެކްސެސްވާގޮތަށް ފަރުމާކުރެވިފަ ހުންނާނީ. އެހެންވީމަ މިހުރިހާ ފެސިލިޓީސްއާއި އެއްކޮށް އަންނާނީ މަލްޓި ސްޕޯޓްސް ކޮމްޕްލެކްސް" ވަޒީރު ވިދާޅުވެފަވެއެވެ.