ސޫރިޔާގެ ވެރިރަށް ދިމިޝްޤުގެ ހުޅަނގުދެކުނުގައި އޮތް އަސްކަރީ ވައިގެ ބަނދަރަކަށް ޔަހޫދީ ސިފައިން އަރައި އޮޕަރޭޝަނެއް ހިންގައިފިއެވެ. އެއީ، ސޫރިޔާގެ ކުރީގެ ރައީސް ބައްޝާރް އަލް-އަސަދުގެ ވެރިކަމުގެ ދުވަސްވަރު އީރާނުން ބޭނުން ކޮށްފައިވާ ވައިގެ ބަނދަރެއް ކަމުގައި މަޞްދަރުތަކުން ބުންޏެވެ. ޔަހޫދީ ސިފައިން އެ ވައިގެ ބަނދަރަށް އަރާފައި ވަނީ ވައިގެ މަގުންނެވެ. ނަމަވެސް، އެރި ގޮތުގެ ތަފުސީލެއް ސާފެއް ނޫންވެ.
މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނީ، ޔަހޫދީ ސިފައިން އެ ވައިގެ ބަނދަރަށް އަރާފައި ވަނީ، މަތިންދާބޯޓެއްގައި ދަތުރު ކުރުމަށް ފަހު ވައިކުޑައިގެ އެހީގައި ބިމަށް ތިރިކޮށްގެން ކަމަށް ބެލެވޭ ކަމުގައެވެ. އެ ވައިގެ ބަނދަރުގައި އޮޕަރޭޝަނެއް ހިންގުމަށް ފަހު، ޔަހޫދީ ސިފައިން ވަނީ އެ ތަން ދޫކޮށް ގޮސްފައެވެ.
ޔަހޫދީ ސިފައިން ސޫރިޔާގެ ވައިގެ ބަނދަރަކަށް އަރައި އޮޕަރޭޝަނެއް ހިންގާފައި މި ވަނީ، ދިމިޝްޤުގެ ބައެއް ސަރަޙައްދުތަކަށް ނިރުބަވެރި ވައިގެ ޙަމަލާތަކެއް ދިނުމަށް ފަހުއެވެ. ޔަހޫދީންގެ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ އަލް-ކިސްވާ ސަރަޙައްދާއި ޖަބަލު މާނިޢު އުސް ބިންތައް އޮތް ސަރަޙައްދަށެވެ. އެއީ ވެސް، އަސަދުގެ ވެރިކަމުގެ ދުވަސްވަރު އީރާނުން އަސްކަރީ މަރުކަޒުތަކެއް ހިންގާފައިވާ ސަރަޙައްދުތަކެއް ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ.
ދިމިޝްޤުގެ ސަރަޙައްދުތަކަށް ދީފައިވާ ޙަމަލާތަކާއި، ސޫރިޔާގެ އަސްކަރީ ވައިގެ ބަނދަރެއްގައި ހިންގާފައިވާ އޮޕަރޭޝަނާ ގުޅޭ ގޮތުން ވަކި އެއްޗެއް ހާމަ ކުރުމަށް ޔަހޫދީ ފައުޖުން ވަނީ އިންކާރު ކޮށްފައެވެ. ނަމަވެސް، ސޫރިޔާގެ އަސްކަރިއްޔާއިން ބުނީ، ޔަހޫދީންގެ ޙަމަލާތަކުގައި ސިފައިންގެ ހަ މީހަކު މަރައިލާފައިވާ ކަމުގައެވެ. އެ މީހުން މަރައިލާފައި ވަނީ އަސްކަރީ ޑްރޯނެއް ބޭނުން ކޮށްގެން ދީފައިވާ ޙަމަލާތަކެއްގައި ކަމުގައި ސޫރިޔާގެ ދައުލަތުގެ މީޑިޔާއިން ބުންޏެވެ.
ސޫރިޔާގެ ދެކުނުގެ ބައެއް ސަރަޙައްދުތަކުގައި ޔަހޫދީ ސިފައިން މިހާރު ވެސް ދަނީ ހަރަކާތްތެރިވަމުންނެވެ. އެ މީހުން ސޫރިޔާއަށް އަރައިގަނެފައި ވަނީ ނިރުބަވެރި ޖަމާޢަތް، ހަޔިއަތު ތަޙްރީރް އަލް-ޝާމް (އެޗްޓީއެސު)ން ބަޣާވާތެއް ކޮށް، އަސަދުގެ ވެރިކަން ވައްޓައިލުމާ އެކުގައެވެ. އެއީ، 2024ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 8ވަނަ ދުވަހުއެވެ. ސޫރިޔާގެ ދެކުނުގެ ސަރަޙައްދުގައި ޔަހޫދީ ސިފައިން ހިންގަމުންދާ އަސްކަރީ އޮޕަރޭޝަންތައް ވެސް ފަހަކަށް އައިސް ވަނީ އިތުރު ކޮށްފައެވެ.
ސޫރިޔާގެ އަސްކަރިއްޔާއިން ބުނީ، ޔަހޫދީ ސިފައިން އަރާފައިވާ އަސްކަރީ ވައިގެ ބަނދަރަކީ، އީރާނުގެ އަސްކަރިއްޔާއިން ނުވަަތަ އީރާނުން ވާގިވެރިވާ ހަތިޔާރު އެޅި ޖަމާޢަތަކުން ހަތިޔާރު ފަދަ ތަކެތި ރައްކާކޮށްފައި ހުރި ތަނެއް ކަމަށް ބެލެވޭ ކަމުގައެވެ. ޔަހޫދީ ފައުޖުގެ އޮޕަރޭޝަނަށް ފަހު ސޫރިޔާގެ އަސްކަރިއްޔާއިން ވަނީ އެ ވައިގެ ބަނދަރަށް ސިފައިން ފޮނުވާފައެވެ.
ޔަހޫދީންގެ އޮޕަރޭޝަނުގައި ބައެއް މީހުންގެ ފުރާނައަށް ނުރައްކާވި ކަމުގައި ރިޕޯޓުތައް ބުނި ނަމަވެސް، އެ ކަން ކަށަވަރު ކުރެވިފައެއް ނުވެއެވެ. ޔަހޫދީންގެ އޮޕަރޭޝަން ހިންގި ވަގުތު، ސޫރިޔާގައި ވެރިކަން ކުރާ އެޓްޗީއެސް ސަރުކާރުގެ ރައީސް އަޙްމަދު އަލް-ޝަރާޢު ހުރީ، އެ ވައިގެ ބަނދަރާ 15 ވަރަކަށް ކިލޯމީޓަރު ދުރުގައި އޮތް ސަރަޙައްދެއްގައެވެ.