ކުޅިވަރު

ރެއާލްގައި އާނޯލްޑުގެ މަގާމަށް ކާވަހާލް ރަނގަޅުވެއްޖެ


ސްޕެއިންގެ ރެއާލް މެޑްރިޑަށް ބަދަލުވިތާ މާ ގިނަ ދުވަހެއް ނުވެ، ޓީމުގެ ފުރަތަމަ 11 އިން އިނގިރޭސި ޑިފެންޑަރު ޓްރެންޓް އެލެގްޒެންޑަރ-އާނޯލްޑް ބާކީވެއްޖެއެވެ.

ކޯޗު ޒަބީ އަލޮންސޯ ރެއާލް އެންމެ ފަހުން ކުޅުނު މެޗުގައި އާނޯލްޑަށް ފުރުސަތު ދިނީ ބެންޗުންނެވެ. މިއާ ޚިލާފަށް ރެއާލް އޮވިއެޑޯއާ ދެކޮޅަށް ކުޅެން ނެރުނީ ޑެވީ ކާވަހާލް އެވެ. މި ބަދަލުގެ ސަބަބަކީ އޮސަސޫނާއާ ދެކޮޅަށް ސްޕެނިޝް ލީގުގައި އަދި އޭގެ ކުރިން ކުލަބު ވޯލްޑް ކަޕުގައި ކުޅުނު މެޗުތަކުގައިވެސް އާނޯލްޑަށް އެދެވޭ ކުޅުމެއް ނުދެއްކުމެވެ.

މިކަމާމެދު ސްޕެއިނުގެ ނޫސްތަކުން ތަފާތު ގޮތްގޮތަށް ވާހަކަ ދައްކަން ފެށުމުން ރެއާލް މެޑްރިޑުން ވަނީ ފިނިކުރަން ފަށައިފައެވެ. އެ ކުލަބުން ބުނީ މި ވަގުތު ކަނާތު ބެކަކަށް ރަނގަޅީ ކާވަހާލް ކަމަށެވެ. ނަމަވެސް ކުރިމަގުގައި އާނޯލްޑަކީ ރެއާލްގެ ކަނާތު ބެކް ކަމަށާއި އެ ކުލަބުގައި އެ މަގާމަށް އޭނާ ގިނަ ދުވަސްތަކެއްގައި ކުޅޭނެ ކަމަށް އުއްމީދު ކުރެވޭ ކަމަށެވެ.

އާނޯލްޑަށް ދިމާވެގެން އުޅެނީ އެހެން ކުޅުންތެރިންނަށް ދިމާވާ މައްސަލަ ކަމަށާއި އެއީ ލިވަޕޫލްގައި އެހާ ދުވަހު ކުޅެފައި އައިސް ރެއާލްގައި އަދި ރަނގަޅަށް ހަމަޔަކަށް ނޭޅުން ކަމަށެވެ. ނަމަވެސް އޭނާގެ ޑިފެންސިވް ގާބިލް ކަމާމެދު ވަރަށް ގިނަ ފަހަރު އިނގިރޭސި ނޫސްވެރިންވެސް ވަނީ ފާޑު ކިޔައިފަ އެވެ. އޭނާ އަކީ ގިނަ ބައެއްގެ ނަޒަރުގައި ދިފާއަށްވުރެ ބޮޑަށް އެޓޭކްގައި މޮޅު ކުޅުންތެރިއެކެވެ. މިހެންވެ ކޯޗު ޒަބީ އަލޮންސޯގެ ޕްލޭނުގައި އަދި އޭނާއަށް ފުރިހަމަކަމެއް ނުދެއްކެ އެވެ.