ކުޅުދުއްފުށީ ސިޓީގައި ރޭ ބޭއްވި ޖަލްސާއިން ފެނިގެންދިޔައީ ޑިމޮކްރަޓިކް ވެރިއެއްގެ ފަރާތްޕުޅުން ފެންނާނެ އެންމެ ރީތި މިސާލުކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަޙުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ވަޒީރު ޝިޔާމް މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ކުޅުދުއްފުށި ރައްުޔިތުންނާއި ބައްދަލުކުރެއްވުމަށް އެ ސިޓީގައި ރޭ ބޭއްވި ޖަލްސާގައި އެ ސިޓީގެ މޭޔަރު އަދި އެމްޑީޕީގެ މެމްބަރެއްކަމަށްވާ މުހައްމަދު އާތިފަށް ވާހަކަދެއްކުމުގެ ފުރުސަތު ދެއްވުމާއި ގުޅިގެނެވެ.
ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވަޒީރު ޝިޔާމް ވިދާޅުވީ ކުޅުދުއްފުށީގެ މޭޔަރ މުޙައްމަދު އާތިފަކީ ރައީސް މުޢިއްޒުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވާ ބޭފުޅެއްކަން ކަނޑައެޅިގެން އެނގިވަޑައިގަންނަވާ ހާލު ރާއްޖޭގެ އެހެން ގިނަ ރައީސުންނާ ޚިލާފަށް މޭޔަރަށް ޕޯޑިއަމުން ވަގުތުގެ ލިމިޓޭޝަނެއް ކަނޑައެޅުއްވުމެއް ނެތި މޭޔަރު ފޫހިފުޅުވަންދެން ވާހަކަފުޅުދައްކަވަން ފުރުސަތު ދެއްވުމަކީ ފެނުނު އާދަޔާ ޚިލާފު ޑިމޮކްރެޓިކް ރީތި ސިފަފުޅެއްކަމަށެވެ. އަދި އެއީ ލާމަރުކަޒީ ނިޒާމަށް ޖާގަދެވިފައިވާ މިންވަރު ހާމަކޮށްދޭ ކަމެއްކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ޝިޔާމް ވަނީ ނިމިދިޔަ ސަރުކާރުގައި އޭރުގެ ރައީސުލްޖުމްހޫރިއްޔާ ނައިފަރަށް ވަޑައިގެން ކައުންސިލް ރައީސަކަށް ހުންނެވި މުހައްމަދު ރަޝީދަށް ވާހަކަދެއްކުމަށް ފުރުސަތު ދެއްވާފައިނުވާކަންވެސް ފާހަގަކުރައްވާފައެވެ.
"އަޅުގަނޑުގެ ހަނދާނަށް އައީ ނިމިދިޔަ ސަރުކާރުގައި އޭރުގެ ރައީސުލްޖުމްހޫރިއްޔާ ނައިފަރަށް ވަޑައިގެންނެވި ރަސްމީ ދަތުރުފުޅުގައި ކައުންސިލްގެ ރައީސް އަޚު މުޙައްމަދު ރަޝީދަކީ ސިޔާސީގޮތުން ޚިޔާލު ތަފާތު ބޭފުޅަކަށްވީތީ ޖަލްސާގައި ފުރުސަތު ނުދެއްވި ދުވަސް" ވަޒީރު ވިދާޅުވިއެވެ.
ކުޅުދުއްފުއްޓަށް ރައީސް ރޭ ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރެއްވި ޖަލްސާގައި ފެނިގެންދިޔައީ ޑިމޮކްރަޓިކް ވެރިއެއްގެ ފަރާތްޕުޅުން ފެންނާނެ އެންމެ ރީތި މިސާލެވެ. ކުޅުދުއްފުށީގެ މޭޔަރ އަޚު މުޙައްމަދު އާތިފަކީ ރައީސްގެ ސިޔާސަތުތަކަށް މޭޔަރުގެ ސިޔާސީ ވިސްނުންފުޅުގައި ވަރަށް ބޮޑަށް… pic.twitter.com/LGT9eRRCV8
— Ahmed Shiyam (@Shiyamaldives) August 27, 2025
ވަޒީރުގެ ވާހަކަފުޅުގައި ވަނީ ރައީސް މުޢިއްޒު ރައްޔިތުންނާއި ގާތުން ވެރިކަން ކުރެއްވުމަށް ދެއްވާ އަހަމިއްޔަތުކަމަށްވެސް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ރައީސް ޑރ. މުޢިއްޒު މިހާރު ރައްޔިތުންނާ ގާތަށް އަތޮޅުތެރެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅު ނިމޭއިރު އެމަނިކުފާނަށް ރާއްޖޭގެ މީހުންދިރިއުޅޭ ހުރިހާ ރަށަކަށް ޒަޢާމަތުގެ ފުރަތަމަ 2 އަހަރުތެރޭ މަދުވެގެން 2 ފަހަރަށް ޒިޔާރަތްކުރެއްވިފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.
މީގެއިތުރުން ތިލަދުއްމައްޗަށް ކުރައްވާ ދަތުރުފުޅު ނިމޭއިރު ދިވެހި ތާރީޚުގައި 5 އަހަރުގެ ޒަޢާމަތެއްގައި ކުރިޔަށް ގެންދެވޭ އެންމެ ގިނަ މަޝްރޫޢުގެ ޢަމަލީ މަސައްކަތްތައް ހުންނާނީ ފެއްޓިފައިކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ. އަދި އެ ދަތުރުފުޅު ނިމޭއިރު ރައީސް މުޢިއްޒު ވެވަޑައިގަންނަވާނީ 5 އަހަރުގެ ޒަޢާމަތެއްގައި އަތޮޅުތެރޭގައި ރައްޔިތުންނާއެކީ އެންމެ ގިނަ ވަގުތު ހޭދަކުރެއްވި ރައީސަށްކަމަށާއި އެއީވެސް 5 އަހަރުގެ ޒަޢާމަތެއްގެ ފުރަތަމަ 2 އަހަރު ތެރޭގައި ފުރިހަމަކުރައްވާކަމެއްކަން ޝިޔާމް ފާހަގަކުރެއްވިއެވެ.